Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓީއެމްއޭ

ފްލައިޓެއްގެ ތެރޭ ޕައިލެޓަކު ސިނގިރެޓްބޯ ވީޑިއޯ އާ ގުޅިގެން ޖެނިފާ ހެދީ ދޮގު!

މޯލްޑިވިއަންގެ ހެޑް އޮފް އެޕްރޫވްޑް ޓްރެއިނިންގ އޯގަނައިޒޭޝަން ފަޒްލޫން ހަމީދު, ދަތުރު ކުރަމުން ދިޔަ ގަޑިއެއްގައި ކޮކްޕިޓް ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރާތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގަގައި ދައުރުވި މައްސަލައާ ގުޅިގެން ބައެއް މީޑިއާ ތަކަށް، މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ދޮގު މައުލޫމާތު ދެއްވައިފިއެވެ.

"ދިޔަރެސް" އަށް އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި އެވީޑިއޯ އަކީ މީގެ ތިން މަސް ކުރިން ހިނގި ހާދިސާއެކެވެ. އެވީޑިއޯ އާންމު ވުމާއި ގުޅިގެން އޭނާ އާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އެތަނުގެ މުވައްޒަފުންގެ އެދުމުގެ މަތިން އެކަން މޯލްޑިވިއަންގެ ސަމާލުކަށް ގެނައުމަށްޓަކައި އެތަނުގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ އެފަދަ ވީޑިއޯއެއް އަދި ފެނިފައި ނުވާކަމަށެވެ.

އެފަދަ ކަމެއް ކޮށްފައި ވާނަމަ އެމީހަކާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި އަދި ވީޑިއޯ އެބޭފުޅުންނާއި ހިއްސާ ކޮށްދެއްވުމަށް ވަނީ އެދިފައެވެ. އެހެންކަމުން "ދިޔަރެސް" އިން އެވީޑިއޯގެ ލިންކެއް މޯލްޑިވިއަން އާ ހިއްސާ ކުރުމުން ވިދާޅުވީ އެއީ މާ ކުރީގެ ވީޑިއޯ އެއް ކަމަށާއި އެމައްސަލަ ބަލައި ނިމިފައިވާ ކަމަށެވެ.

މީޑިއާ އޮފިޝަލް އެގޮތަށް ވިދާޅުވުމުން އެޅީ ކޮން ފިޔަވަޅެއްތޯއާއި އެއީ ކިހާތާކު ހިނގި ކަމެއްތޯ އެހުމުން އެސުވާލަށް ޖަވާބު ދެއްވުމުގެ ބަދަލުގައި ވިދާޅުވީ އެ ވީޑިއޯއިން އެފެންނަނީ މޯލްޑިވިއަންގެ ޕައިލެޓެއްތޯ އެނގެނީ ކިހިނެއްތޯ "ދިޔަރެސް" އާ ސުވާލު ކުރިއެވެ.

އެކަން "ދިޔަރެސް" އަށް އެނގެނީ މޯލްޑިވިއަންގެ މުވައްޒަފުންގެ ފަރާތުން ކަން ބުނުމުން ވިދާޅުވީ އެ މުވައްޒަފުންގެ ނަން ހާމަ ކޮށްދިނުމަށެވެ. ނަމަވެސް މައުލޫމާތު ދޭފަރާތް ހާމަ ނުކުރަން "ދިޔަރެސް" އިން ނިންމާފައިވާތީ އެކަން ހިއްސާ ނުކުރާނެ ވާހަކަ ދެންނެވުމުން ވިދާޅުވީ އެހެންވީމާ މޯލްޑިވިއަން އިން އެކަން ތަހުގީގު "އިންވެސްޓިގޭޓް" ކުރަމުންދާ ކަމަށެވެ.

ދަތުރު ކުރާ މީހުން ނުރައްކަލަކަށް ހުށަހެޅިދާނެ، މި ވީޑިއޯ އާންމުވިތާ ތިންމަސް ވީއިރުވެސް އެއްވެސް ނޫހަކުން ރިޕޯޓް ކޮށް ނުދިނުމުން މޯލްޑިވިއަންގެ މުވައްޒަފުން "ދިޔަރެސް" އާ ހިއްސާ ކޮށް މިކަން އިސްވެރިންގެ ސަމާލުކަމަށް ގެނެސްދިނުމަށް އެދުމުން އެޚަބަރު މި މަހުގެ އަށް ވަނަ ދުވަހު ވާނީ ރިޕޯޓް ކޮށްފައެވެ.

އެއާއެކު މޯލްޑިވިއަން އިން ވަނީ ބަޔާނެއް ނެރެފައެވެ. އަދި މި ބަޔާން ސަރުކާރަށް ތާއީދު ކުރާ މީޑިއާ ތަކުން ހަގީގަތް އޮޅޭގޮތަށް ރިޕޯޓް ކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ.

މި މައްސަލަ އާންމުންގެ ސަމާލުކަމަށް ދިޔަރެސް އިން ގެނައުމުން އިއްޔެ ވަނީ މި ކަމާއި ގުޅިގެން އިސްވެރިންގެ މެދުގައި ބައްދަލުވުމެއް ބާވައިފައެވެ. ނަމަވެސް ފަޒްލޫން އާ މެދު އަދި މިހާތަނަށް މޯލްޑިވިއަން އަދި ސިވިލް އޭވިއޭޝަނުންވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަ ކުރެވެއެވެ.

މި މައްސަލަ އާ ގުޅިގެން އޮންލައިން ނޫސް "ސަން"އާ ވާހަކަދައްކަވަމުން ޖެނީފާ ވިދާޅުވެފައި ވަނީ އެއީ ނިމިފައިވާ މައްސަލައެއް ކަމަށެވެ. އަދި މޯލްޑިވިއަންއަކީ ސިވިލް އޭވިއޭޝަންގެ ގަވާއިދާ އެއްގޮތަށް ހިންގަމުންދާ ކުންފުންޏެއްކަން އޭނާ ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން އަބަދުވެސް ބަލާނީ އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް. ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ކަމެއް އެއްވެސް މުވައްޒަފެއްގެ ފަރާތުން ފެނިއްޖެނަމަ އެ މައްސަލަ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވެސް ބަލާ، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ،" ޖެނިފާ ވިދާޅުވި ކަމަށް "ސަން"ގައި ރިޕޯޓް ކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ