Wednesday 7th Dec 2022
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުޅުމާލެ ފޭސް 2

ސިޔާސަތެއްގެ ގޮތުގައި މާލޭ ސަރަހައްދުގެ ބިން ބަހައިލުން: އިންސާފެއްތަ؟

މާލެ ސަރަހައްދުން ހިލޭ ބިން ދިނުމަށް ސަރުކާރުން ނިންމުމުން އެކަމާމެދު މީސްމީޑިއާގައި ފުޅާދާއިރާގައި ބަހުސެއް ފެށިފައިވެއެވެ. އަތޮޅު ތެރެއިން މާލެއަށް ހިޖުރަކޮށް މާލޭގައި ދިރިއުޅުން ބިނާކޮށްފައިވާ ގިނަ ބަޔަކު އަންނަނީ އެ ސިޔާސަތަށް ފާޑުކިޔަމުންނެވެ. މާލެއަށް ނިސްބަތްވާ މާލޭ މީހުން އަންނަނީ އެ ސިޔާސަތު ވަރަށް ބޮޑަށް ދިފާއުކޮށް އެއީ ޙައްޤަކާ ގުޅިފައިވާ ސިޔާސަތެއް ކަމުގައި ބުނަމުންނެވެ. މާލެއިންނާއި މާލެ ސަރަހައްދުން ހިއްކައި ތަރައްޤީކުރެވޭ އައު ސަރަހައްދުތަކުން ހިލޭ ސާބަހަށް އެއްވެސް ބަޔަކަށް ބިން ދިނުމާމެދު ފުންކޮށް ވިސްނައިލަންޖެހޭ ނުކުތާތަކެއް މި ބަހުސްގެ ތެރެއަށް ގެނބި ޣަރަޤުވެ ގެއްލިފައިވެއެވެ.

މި ނުކުތާތަކަކީ މާލެ ފިޔަވައި މިހާރު އުތުރާއި ދެކުނުގައި ތަރައްޤީވަމުން އަންނަ މަރުކަޒުތައް ކަމުގައިވާ ކުޅުދުއްފުށީ ސިޓީއާއި ގދ.ތިނަދޫއާއި އައްޑޫ ސިޓީގެ ބިމުގެ ވަސީލަތް ބޭނުންކުރާނެ ގޮތުގެ ސިޔާސަތެއް ރާވާނަމަ ވިސްނައިލުން މުހިއްމުވާނެ ނުކުތާތަކެކެވެ.

އާބަން ބިމުގެ ޙަޤީޤަތް

އާބަން ސަރަހައްދުތައް ކަމުގައި ބުނެވޭ ބަހުގެ މާނައާ ގުޅޭ ގޮތުން "ދި އެމެރިކަން ޖާނަލް އޮފް އިކޮނޮމިކްސް އެންޑް ސޯޝިއޮލޮޖީ"ގައި 1981 ވަނަ އަހަރު އެމް.އޭ. ޤަދީރު ލިޔުއްވި "ދި ނޭޗާ އޮފް އާބަން ލޭންޑް"ގައި އޭނާ ވިދާޅުވި ގޮތުގައި އާބަން ބިމަކީ ޙަޤީޤީ މާނައިގައި ސިޓީތައް ކަމުގައި ބެލެވޭ ސަރަހައްދުތަކުގެ ބިމެވެ. އެފަދަ ސިޓީތަކަކީ ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް އެ ޤައުމުތަކުގެ އާބާދީގެ ބޮޑު ބައެއް މަރުކަޒުވެފައިވާ ސަރަހައްދުތަކެވެ.

ޤަދީރު ފާހަގަކުރެއްވި ގޮތުގައި ތިންވަނަ ދުނިޔޭގެ ޤައުމުތަކުގައި ސިޓީތަކުގެ އަދަދު މަދުވި ނަމަވެސް އެ ޤައުމުތަކުގައިވެސް އާބާދީއާއި ވަސީލަތްތަކާއި ސިޔާސީ ބާރު އަންނަނީ އެ ޤައުމުތަކުގެ މަދު ސިޓީތަކުގައި މަރުކަޒުވަމުންނެވެ. އެފަދަ ޝަހަރުތަކުގައި އިޤުތިޞާދީ ހަރަކާތްތައް ހުންނަނީ ބެހިފައެވެ. ނަމަވެސް ގުޅި ލާމެހިފައެވެ. އަދި އެކަމުގެ ސަބަބުން ރަސްމީ އަދި ބިއުރޮކްރެޓިކް ޚާއްޞަ އިންތިޒާމުތައް އުފެދި ހަރުލައެވެ.

"އާބަން ލޭންޑް ޓެނުއާ އެންޑް ޕްރޮޕަޓީ ރައިޓްސް އިން ޑިވެލޮޕިން ކަންޓްރީސް"ގެ ނަމުގައި ޖެފްރީ ޕޭން ލިޔުއްވި ކަރުދާހުގައި އޭނާ ފާހަގަކުރެއްވި ގޮތުގައި ބިމުގެ މިލްކުވެރިކަމުގެ ނިޒާމު ތަފާތުވި ނަމަވެސް ހުރިހާ ސިޓީއެއްގައިވެސް ބިމުގެ އަގު އުފެލެމުން އައުދެއެވެ. އަދި އެފަދަ ސިޓީތަކުގައި ބިން މިލްކުކުރުމަކީ ފަރުދުންނާއި، ޖަމާއަތްތަކާއި، ވިޔަފާރިތަކުން ވަރަަށް ބޮޑަށް ބޭނުންވާ އެދޭ ކަމެކެވެ. އެއީ ބިމާއެކު އެފަދަ ސަރަހައްދެއްގައި ލިބޭ ބޮޑެތި އިޤުތިޞާދީ ފުރުސަތުތަކުގެ ސަބަބުން ކަމުގައިވެސް އޭނާ ފާހަގަކުރައްވައެވެ.

އަދި އާބަން ސަރަހައްދުތަކުގެ ބިމަކީ ގިނަ ޤައުމުތަކުގައި އެ ޤައުމުތަކުގެ ޓެކްސް ސިޔާސަތުތަކާވެސް ލާމެހިފައިވާ އެސެޓެއްކަމުގައި ޕޭން ވިދާޅުވެފައިވެއެވެ. އެ ކަރުދާހުގައި އޭނާ ލިޔުއްވާފައިވާ ގޮތުގައި ތަރައްޤީވަމުން އަންނަ ގިނަ ޤައުމުތަކުގައިވެސް ބިމުގެ އަގާއި ބިމާއެކު ލިބޭ އިޤުތިޞާދީ ބާރުގެ ބޮޑުކަން ސަރުކާރުތަކަށް އެނގި ސާފުވުމާއެކު، އާބަން ޕްލޭނިންގައި ބިން ބޭނުންކުރާ ގޮތުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ޓެކުހާއި އާމްދަނީއާއި ޖުމްލަކޮށް މުޅި ދައުލަތުގެ ކުރިމަގުގެ ތަސައްވަރަށް ރިއާޔަތްކުރެއެވެ.

ޕޭން ފާހަގަކުރެއްވި ގޮތުގައި އާބަން ބިމާ ގުޅޭ ސިޔާސަތު ބައްޓަންކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ ބިމުގެ މިލްކުވެރިންނާއި، ބިން ތަރައްޤީކުރާ ފަރާތްތަކާއި ޖަމާޢަތުގެ އާންމު މަސްލަހަތާއި، ދައުލަތުގެ ބޭނުންތަކުގެ މެދުގައި ތިލަފަތްހަމަވާ ސިޔާސަތެއް ފަރުމާކުރުމެވެ.

އާބަން ބިމުގެ އަގާއި ބޭނުން

އާބަން ބިމުގެ ބޭނުން ބިނާވަނީ އެ ސަރަހައްދެއްގެ ކުރިމަގާ މެދު ސަރުކާރަކުން ގެންގުޅޭ ސިޔާސަތަކާއި، އެ ސަރަހައްދެއްގައި ދިރިއުޅޭ ބައެއްގެ ބޭނުމާއި، އެ ތަނެއްގެ އިޤުތިޞާދީ އިޖުތިމާއީ ހާލަތުގެ މައްޗަށް ކަމުގައި، ޤަދީރު އޭނާގެ ކަރުދާހުގައި ފާހަގަކުރައްވާފައިވެއެވެ. އާބަން ބިމުގެ ބޭނުމާ ގުޅޭ ގޮތުން ޔުނިވާސިޓީ އޮފް ވިންސްކޮންސިން ޕްރެސްގެ ލޭންޑް އިކޮނޮމިކްސް ޖާނަލްގެ 1957 ވަނަ އަހަރު އަދަދުގައި ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ ޕްރޮފެސާ އޮފް ފައިނޭންސް ޕޯލް އެފް ވެންޑްޓް ލިޔުއްވި "ތިއަރީ އޮފް ލޭންޑް ވެލިއުސް"ގައި އޭނާ ބަޔާންކުރެއްވި ގޮތުގައި އާބަން ބިމަކީ އެ ސިޓީއެއްގެ މުޅި މުޖުތަމަޢުގެ ބޭނުންތަކަށް ރިއާޔަތްކުރެވިގެން ބޭނުންކުރެވެންޖެހޭ އަދި އަގު ކަނޑައެޅެންޖެހޭ ވަސީލަތެކެވެ.

އާބަން ބިމުގެ އަގު ގުޅިފައިވަނީ އެ ސަރަހައްދެއްގެ ކުރިއެރުމާއި ފުޅާވުމާއެވެ. ވެންޑްޓްގެ ކަރުދާހުގައި އޭނާ ފާހަގަކުރެއްވި ގޮތުގައި އާބަން ސަރަހައްދެއްގެ އަގު ބިނާވަނީ އެ ބިމެއްގެ ވަށައިގެން ޤާއިމުވެފައިވާ ވަސީލަތްތަކާއި، އެ ވަސީލަތްތަކުގެ ސަބަބުން އެ ސަރަހައްދަކަށް ޖަމާވާނެ ކަމުގައި ބެލެވޭ އާބާދީގެ މައްޗަށެވެ. އަދި އެ ސަރަހައްދެއްގައި މުސްތަޤުބަލުގައި އުފެދޭ އިޤުތިޞާދީ ވަސީލަތްތަކާއި ފުރުޞަތުތަކުގެ މައްޗަށެވެ. މިދެންނެވި ހުރިހާ ކަންކަމެއް އެކުވެގެން ނޫނީ އާބަން ބިމެއްގެ ޙަޤީޤީ އަގު ނޭނގޭނެއެވެ.

މާނައަކީ މިއަދު އާބަން ބިމެއްގެ އަގު ވާދަވެރި ބީލަމެއްގައި ކަނޑައެޅިގެން ނިމިގެންދާ ގޮތަކީ އެ ބިމުގެ ޙަޤީޤީ އަގަށްނުވުން ކައިރިވުމެވެ. ރިޗާޑް އެމް ހާޑް ލިޔުއްވި "ޕްރިންސިޕްލްސް އޮފް ލޭންޑް ވެލިއުސް"ގައި އޭނާވެސް ފާހަގަކުރައްވާފައިވަނީ އާބަން ބިމުގެ އަގަކީ އެ ބިމުން ފަހުން އުފައްދާނެ ތަނަވަސްކަމުގެ އަންދާޒާއާ ގުޅިފައިވާ އަގެއް ކަމެވެ. އެހެންކަމުން އާބަން ބިމުގެ އަގަކީ ބަދަލުވަމުންދާ އަގެކެވެ.

ހުޅުމާލޭގެ ބިމުގެ އަގު

ހުޅުމާލޭގެ ބިމުގެ އަގަށް ބަލާއިރު ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބިންތަކުގެ އަގާއި، ދެވަނަ ފިޔަވަހީގެ ބިމުގެ އަގު ތަފާތެވެ. އެކަން މީގެ ފަހުން ކުރެވިފައިވާ ބިމުގެ މުއާމަލާތްތަކުން ސާފުވެއެވެ. އެގޮތުން ދާދިފަހުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ބިމެއް 20 މިލިއަން ރުފިޔާއާ ގާތްކުރާ އަގެއްގައި ވިކިފައިވެއެވެ. 1200 އަކަފޫޓުގެ ބިމެއް 20 މިލިއަން ރުފިޔާއާ ގާތްކުރާ އަގަކަށް ވިކުމުން ފުރަތަމަ ފިޔަވަހީގެ ބިމެއްގެ އަގު އެވަނީ އަކަފޫޓަކަށް 16،000 ރުފިޔާއާ ގާތްކުރާ އަގެއް ޖެހެއެވެ.

ދެވަނަ ފިޔަވަހީގެ ބިމުގެ އަގުތަކަށް ބަލާއިރު، އެޗްޑީސީން އެންމެ ފަހުން ދެވަނަ ފިޔަވަހިން ބިން ވިއްކިއިރު ބިން ގަތް ފަރާތްތަކުން ބިން ގަނެފައިވާ އަގުތަކަށް ބަލައިލުމުން ދެވަނަ ފިޔަވަހީގެ ބިން މި ވަގުތު ވިއްކާ އަގު ސާފުވާނެއެވެ. އެވެރެޖުކޮށް ބީޗް ސައިޑުން ވިއްކި ބިމެއްގެ އަގަކީ 16.8 މިލިއަން ރުފިޔާއެވެ. އެވެރެޖުކޮށް އަކަފޫޓަކަށް 7،157 ރުފިޔާ ޖެހުނެވެ.

ކުރިއަށް އޮތް ތަނުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އާބާދީ ބޮޑުވާނެއެވެ. އާބާދީ ބޮޑުވަމުންދާއިރު ޤާއިމުކުރެވޭ ވަސީލަތްތަކާއި، އުފެދޭ އިޤުތިޞާދީ ފުރުސަތުތައް އިތުރުވާނެއެވެ. އެހެންކަމުން އެ ބަދަލުތަކާއެކު އެ ބިންތަކުގެ އަގު އުފުލުމަކީ އެކަށީގެންވާ ކަމެކެވެ. ޕްރޮފެސާ ހާޑް އަދި ޕްރޮފެސާ ވެންޑްޓްގެ ވާހަކަފުޅުތަކުގެ މައްޗަށް ރިއާޔަތްކުރާއިރު، މި އަގުތަކަކީ އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިމުގެ އެންމެ ރަނގަޅު އަގުތަކެއް ނޫނެވެ. މި އަގުތަކަށް ކުރިއަށް އޮތް ތަނުގައި ބަދަލު އަންނާނެއެވެ.

އާބަން ބިމަކީ އިޤުތިޞާދީ ވަސީލަތެއް، އުފައްދަނީ ނަހަމަ ތަފާތު

ރޮޓްލެޖްއިން ޝާއިއުކުރި ހައުސިން ސްޓަޑީސްގެ ތެރެއިން "ލޭންޑް އެންޑް ދަ ހައުސިން އެފޯޑިބަލިޓީ ކްރައިސިސް"ގެ ނަމުގައި އެންޓޮއިން ޕަކޯޑް، މާކަސް ހެސް، ޓޮމް ބެކާ އަދި މަންގްޑަލެނާ ގޯޒީންސްކާ ލިޔުއްވި ކަރުދާހުގައި އެ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި އާބަން ބިމަކީ އެ ވަސީލަތް މަދު ކުދި ޤައުމުތަކުގައި އިޤުތިޞާދީ އަގުހުރި އެސެޓެކެވެ. ޚާއްޞަކޮށް ބިމުގެ ވަސީލަތް މަދުވުމާއި، ގެދޮރުގެ ދަތިކަން އެކުވެފައިވާ ތަންތަނުގައި ބިމަކީ ފަރުދުންގެ އިޖުތިމާޢީ އިޤުތިޞާދީ ކުރިއެރުމާ (ސޯޝިއޯ އިކޮނޮމިކް މޮބިލިޓީ)އާ ލާމެހިފައިވާ ވަސީލަތެކެވެ.

އިޤުތިޞާދު ކުރިއަރައިގެން ދާއިރު އާބަން ސަރަހައްދުތަކުގައި ދަށް އަދި މެދުފަންތީގެ އާމްދަނީ ލިބޭ ޢާއިލާތަކަށް ގެދޮރު ލިބުމުގެ ދަތިކަން ބޮޑުވާކަމީ، އެތައް ދިރާސާއަކުން ފެންނަ ޙަޤީޤަތެއްކަމުގައި އެ ލިޔުންތެރިން ފާހަގަކުރައްވާފައިވެއެވެ. އެ ބޭފުޅުން ލިޔުއްވި ގޮތުގައި ބިމުގެ ވަސީލަތްތައް މިލްކުކުރާ މީހުންނަށް ސިޓީތަކުގައި އިޤުތިޞާދީ ޚާއްޞަ ފުރުސަތުތަކެއް ހުޅުވެއެވެ. އަދި ބިމާއެކު ލިބޭ ތަނަވަސްކަމުގެ ސަބަބުން އެ މީހުންނަށް އެހެން މީހުންނަށް ނުލިބޭ އިޖުތިމާއީ މަޤާމާއި ހައިސިއްޔަތު ހޯދެއެވެ.

ޚާއްޞަކޮށް ގެދޮރުވެރިކަމުގެ ފުރުސަތުތައް އެކަމަށް އޮންނަ ޑިމާންޑަށްވުރެ މަދު ޤައުމުތަކުގައި ބިމުގެ މިލްކުވެރިކަމާއެކު އުފަންވާ ޚާއްޞަ ނަހަމަ ތަފާތުގެ ވާހަކަވެސް އެ ބޭފުޅުން ފާހަގަކުރެއްވިއެވެ. އެ ބޭފުޅުން ހުށަހަޅުއްވާ ހައްލަކީ ބިންވެރިންގެ ތަނަވަސްކަން ޖަމާވެ އިތުރުވުމާ ދުރު، ގެދޮރުވެރިކަމުގެ ފުރުސަތު އިތުރުކުރާނެ ސިޔާސަތުތަކެއް ތައާރަފުކުރުމެވެ.

މިފަދަ ސިޔާސަތުތަކާ ދުރަށް ގޮސް އާބަން ބިމުގެ މިލްކުވެރިންގެ ތަނަވަސްކަން އިތުރުވާނެ ގޮތްތަކަށް ސިޔާސަތުތައް ބައްޓަންކުރުމުގެ ނަތީޖާއާ ގުޅޭ ގޮތުން، ސްވިޑެންގެ އުޕްސަލާ ޔުނިވާސިޓީގެ ބްރެޓް ކްރިސްޓަފާސް އޭނާގެ "އަ ޓޭލް އޮފް ޓޫ އިނެކޮލިޓީސް: ހައުސިން ވެލްތު އިނެކޮލެޓީ އެންޑް ޓެނިޔާ އިނެކޮލޮޓީ"ގައި ލިޔުއްވާފައިވަނީ، ބިމުގެ މިލްކުވެރިކަމުގެ ސަބަބުން އުފެދެނީ އެސެޓުގެ މިލްކުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ނަހަމަ ތަފާތެއް ކަމަށެވެ.

އޭނާ ފާހަގަކުރައްވާފައިވަނީ އާބަން ބިން މިލްކުކުރެވޭ ފަދަ ސިޔާސަތުތައް ތަންފީޒުކުރާ ޤައުމުތަކުގައި، ބިން މިލްކުކުރާ ފަރާތްތަކާއި ބިން މިލްކުނުވާ ފަރާތްތަކުގެ ތަނަވަސްކަމުގެ ފަރަޤު ބޮޑުކަމެވެ. އެގޮތުން އެމެރިކާ ފަދަ ޤައުމުތަކުގައި ބިން މިލްކުކުރާ ފަރާތްތަކާއި ބިން މިލްކުނުކުރާ ފަރާތްތަކުގެ މެދުގައި ތަނަވަސްކަމުގެ ފަރަޤު 80 އިންސައްތައަށް އަރާކަމަށް އޭނާ އެއްކުރެއްވި ޑާޓާއިން ފެނެއެވެ. މާނައަކީ ބިން މިލްކުކުރާ ފަރާތްތަކުގެ ތަންވަސްކަން، ބިން މިލްކުނުވާ ފަރާތްތަކުގެ ތަނަވަސްކަމާ އަޅާބަލާއިރު 80 އިންސައްތަ އިތުރުކަމެވެ.

އެހެންކަމުން ބިން ލިބޭ ފަރާތްތަކަށް ހުޅުވިގެންދަނީ އިޤުތިޞާދީ ގޮތުން ތަނަވަސްކަން އިތުރުކުރުމުގެ ބޮޑު ފުރުސަތެކެވެ. އެ ފުރުސަތަކީ އެ ފަރާތްތަކުގެ ހުނަރާއި އުފެއްދުންތެރިކަމާއި މަސައްކަތާ ގުޅިފައިވާ ފުރުސަތެއް ނޫނެވެ. އެއީ ހަމައެކަނި އެ ފަރާތުގެ މިލްކުވެރިކަމުގައި އޮތް ބިމުގެ މައްޗަށް ބިނާވާ ތަނަވަސްކަމެކެވެ. އެ ތަނަވަސްކަމަކީ ބެހިގެންދާ ތަނަވަސްކަމެއްވެސް ނޫނެވެ. ވިޔަފާރިވެރިން އުފައްދާ ތަނަވަސްކަމަކީ ކުއްޔާއި މުސާރައިގެ ގޮތުގައި ބެހިގެންދާ ތަނަވަސްކަމަށްވީ ނަމަވެސް ބިންވެރިންގެ ތަނަވަސްކަމުގެ ތެރެއިން އިޤުތިޞާދަށް ނިކުންނަ އެއްޗެއް ބިނާވަނީ އެ މީހަކު އިޤުތިޞާދުގައި ބައިވެރިވާ ގޮތަކާއި މިންވަރެއްގެ މައްޗަށެވެ.

އާބަން ބިން އިޤުތިޞާދީ ވަސީލަތަކަށްވަނީ ހަމައެކަނި ފަރުދުންނަކަށް ނޫނެވެ. ދައުލަތުގެ ނިސްބަތުންވެސް އެއީ އިޤުތިޞާދީ ވަސީލަތެކެވެ. ބިމުގެ އަގު އުފުލޭ މިންވަރަކަށް ބިން ބޭނުުންކޮށްގެން ދައުލަތަށް އުފެއްދޭ ތަނަވަސްކަން ބޮޑެވެ. އެއް ގޮތަކީ ބިން ވިއްކުމެވެ. އަނެއް ގޮތަކީ ބިން ތަރައްޤީކުރަން ކުއްޔަށް ދިގު މުއްދަތަށް ދިނުމެވެ. މިއިން ކޮންމެ ގޮތަކަށް ބިން ބޭނުންކުރި ނަމަވެސް ދައުލަތުގެ ތަނަވަސްކަން އިތުރުވެއެވެ.

އާބަން ބިމާ ގުޅޭ އެކަށޭނެ ސިޔާސަތެއް

ސިންގަޕޫރަކީ ރާއްޖެއާ އެއްގޮތް ޤައުމެކެވެ. ބިމުގެ ވަސީލަތް މަދު އާބަން ބޮޑު މަރުކަޒެއްގައި އިޤުތިޞާދީ ގިނަ ހަރަކާތްތަކާއި އުފެއްދުންތެރިކަން ހިފަހެއްޓި މަރުކަޒުވެފައިވާ ޤައުމެކެވެ. އެކަމަށް ބަލައި އެ ޤައުމުން ހިންގާ ސިޔާސަތަކީ، ބިންވެރިންގެ ތަނަވަސްކަން އިތުރުކުރުމަށްވުރެ ބޮޑަށް ގެދޮރުވެރިކަން އިތުރުކުރުމުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތެކެވެ.

އެ ސިޔާސަތުގެ މައިގަނޑު އަސާސް ބަޔާންކުރައްވަމުން ސިންގަޕޫރުގެ ލޯ މިނިސްޓަރުކަން 1964 ވަނަ އަހަރުން ފެށިގެން 1988 ވަނަ އަހަރާ ދެމެދު ކުރެއްވި އީ.ޑަބްލިއު ބާކާ ވިދާޅުވެފައިވަނީ، ސަރުކާރުން ބިމާ ގުޅޭ ސިޔާސަތު ބިނާކުރާއިރު ވިސްނަންޖެހޭނީ 5 އަހަރަށްވުރެ ދުރަށް 30، 40 އަހަރަށް ކަމަށެވެ. އެގޮތުން މިހާރު ބިން ބޭނުންކުރާ ގޮތް ވާންވާނީ މުސްތަޤުބަލުގެ ބޭނުންތަކަށް ބިން ހުންނާނެ ފަދަ ގޮތަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

1966 ވަނަ އަހަރު ސިންގަޕޫރުގެ ސަރުކާރުން ތައާރަފުކުރި އެއް ޤާނޫނަކީ ބިން ސަރުކާރަށް ނެގުމާ ބެހޭ ޚާއްޞަ ޤާނޫނެކެވެ. އެ ޤާނޫނުގެ ދަށުން ފަރުދުންނާއި ވިޔަފާރިތަކުގެ މިލްކިއްޔާތުގައި ހުރި ބިން ސަރުކާރަށް ނެގޭނެ އިންތިޒާމުތައް ތަރުތީބުކުރެވުނެވެ. 2007 ވަނަ އަހަރުން ފެށިގެން ބިމެއް ސަރުކާރަށް ނަގާނަމަ، މާކެޓުގައި ބިމުގެ އަގާ އެއްވަރުގެ ބަދަލެއް ދިނުން އެ ޤާނޫނުން ލާޒިމުކުރިއެވެ.

ދެވަނަ ކަމަކަށް ސިންގަޕޫރުން ތައާރަފުކުރީ ގެދޮރުވެރިކުރުމުގެ ސިޔާސަތަކެވެ. ބިންތައް ސަރުކާރުގެ މިލްކުވެރިކަމަށް ނެގުމަށްފަހު އެ ބިންތައް ބޭނުންކުރީ ސިންގަޕޫރު ރައްޔިތުން ގެދޮރުވެރިކުރާށެވެ. ސޮކް-ޔޮން ފަން އަދި މަތިއާސް ހެލްބްލެ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް އިންސްޓިޓޫޓަށް ތައްޔާރުކުރެއްވި ވޯކިން ޕޭޕަރެއްގައި އެ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި އެ ޤައުމުގެ ރަށްވެހިންގެ އާބާދީގެ 90 އިންސައްތައަކީ 1990 ވަނަ އަހަރުން ފެށިގެން ގެދޮރުވެރިން ކަމަށެވެ. އަމިއްލަ ގެދޮރު މިލްކު ކުރެވިފައިވާ ފަރާތްތައް ކަމަށެވެ.

2015 ވަނަ އަހަރު ސިންގަޕޫރުގެ ގެދޮރުގެ ތެރެއިން %75 އަކީ އާންމު ގެދޮރު ނުވަތަ ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ތެރެއިން ފޯރުކޮށްދީފައިވާ ގެދޮރެވެ. އެ ޤައުމުގެ ރަށްވެހިންގެ 82 އިންސައްތަ މީހުން ދިރިއުޅެނީ ސަރުކާރުން ފޯރުކޮށްދީފައިވާ ގެދޮރުގައެވެ. އެއިން 79 އިންސައްތަ މީހުން ދިރިއުޅެނީ ފުލެޓުތަކުގައެވެ. ގެދޮރު މިލްކުކުރުން ފަސޭހަކޮށް ލުއިކުރުމަށް 1968 ވަނަ އަހަރުން ފެށިގެން ޕެންޝަނުގެ ފައިސާ ޑައުން ޕޭމެންޓުގެ ގޮތުގައި ބޭނުންކުރެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާފައިވެއެވެ. ސިންގަޕޫރުގެ ގެދޮރުވެރިކަމުގެ ސިޔާސަތު އެކުލަވައިލާފައިވަނީ ގޭބީސީގެ އާމްދަނީއާއި، ކައިވެނީގެ ހާލަތާއި ރައްޔިތުކަން ފަދަ ކަންކަމަށް ރިއާޔަތްކުރާ އުސޫލަކުންނެވެ.

ސިންގަޕޫރުގައިވެސް ބިން ވިއްކައެވެ. ބިން ވިއްކަނީ މަދު ފަހަރެއްގައި ވަރަށް ބޮޑު އަގުގައެވެ. ބޭނުމަކީ ސިންގަޕޫރުގެ ގެދޮރުވެރިކަމުގެ ޕްރޮގުރާމު ދެމެހެއްޓެނެވި ޕްރޮގުރާމެއްގެ ގޮތުގައި ހިންގުމަށް ފައިސާ ހޯދުމެވެ. ބިން ވިއްކަނީ މަދުންކަމުގައިވާތީ ބިން ވިއްކާ ފަހަރެއްގައި ބިމުގެ އަގު ވަރަށް ބޮޑުވެއެވެ. އެކަން ކުރަނީ ޚާއްޞަ ރޭވުމެއްގެ ތެރެއިންނެވެ. ބިމުގެ މަދުކަމާއި، ގެދޮރަށް އޮތް ޑިމާންޑަށް ރިއާޔަތްކޮށްގެންނެވެ.

މާލެ ސަރަހައްދުގައި އޮތް ހަގީގީ މައްސަލައަކީ ބިންވެރިކަމުގެ މައްސަލައެއް ނޫނެވެ. ގެދޮރުގެ ދަތިކަމާއި، ބޯހިޔާވަހިކަމެއް ނެތުމާއި، ދިރިއުޅުމުގެ ތާށިކަމުގެ މައްސަލައެވެ. މައްސަލައިގެ ކުންނުގައި އޮތީ ގެދޮރަށް ބޭނުން އޮތް މިންވަރާ ގާތަށްވެސް ގެދޮރު ލިބެން ނެތުމެވެ. ސިންގަޕޫރުގެ މޮޑެލްއަކީ ނަތީޖާއަށް ބަލާއިރު މި މައްސަލަ ހައްލުކުރެވުން އެންމެ ގާތް ގޮތެވެ.

ގެއްލޭ ފުރުސަތާއި އުފައްދާ ނަހަމަ ތަފާތު

މާލެ ސަރަހައްދުގައި ގެދޮރުގެ ބޭނުން އޮތް މިންވަރު ބެލުމަށް ހެދި ދިރާސާތަކުގެ ތެރެއިން 2017 ވަނަ އަހަރު އެޗްޑީސީން ހެދި ދިރާސާއިން ފެންނަ ގޮތުގައި މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ 60 އިންސައްތައާ ގާތްކުރާ މީހުންނަކީ ކުއްޔަށް އުޅޭ މީހުންނެވެ. އެ މީހުންގެ ތެރެއިން ބޮޑު ބަޔަކީ އަތޮޅު ތެރެއިން މާލެއަށް ހިޖުރަކޮށްފައިވާ މީހުންނެވެ. 10 އިންސައްތަ މީހުންނަކީ މާލޭ މީހުންނެވެ.

39 އިންސައްތަ މީހުން ދިރިއުޅެނީ 10،000 ރުފިޔާއާއި 15،000 ރުފިޔާގެ ކުއްޔެއްގައެވެ. އެ މީހުންގެ ތެރެއިން ގިނަ މީހުންނަކީ އެކެއްގެ އާމްދަނީއަށް އެ ވަރުގެ ކުއްޔެއް ނުދެއްކޭ މީހުންނެވެ. މީހަކަށް އެއް ކޮޓަރީގައި ދިރިއުޅެވެނީ އެންމެ 1 އިންސައްތަ މީހުންނަށެވެ. ގިނަ މީހުން އުޅެނީ 4 މީހުންނާއެކު ކޮޓަރިއެއް ހިއްސާކޮށްގެންނެވެ. 29 އިންސައްތަ މީހުންނަކީ 4 މީހުންނާއެކު އެއް ފާޚާނާ ހިއްސާކުރާ މީހުންނެވެ.

ކުއްޔަށް އުޅޭ 75 އިންސައްތަ މީހުންގެ ތެރެއިން ސަރުކާރުން ފޯރުކޮށްދީފައިވާ ގެދޮރުގައި ދިރިއުޅޭ މީހުންގެ ނިސްބަތަކީ އެންމެ 1.7 އިންސައްތައެވެ. (މި ނިސްބަތް ހިޔާ ފުލެޓުތަކާއެކު ބަދަލުވާނެއެވެ.) ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ އާބާދީއަށް ބަލާއިރު އަމިއްލަ ގެދޮރުގައި ދިރިއުޅެނީ އެންމެ 29 އިންސައްތަ މީހުންނެވެ. އިޖުތިމާއީ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ބިނާކުރި ތަނެއްގައި ދިރިއުޅެނީ 9 އިންސައްތަ މީހުންނެވެ.

އެހެންކަމުން ހައްލަކީ ގިނަ ގެދޮރުކަން ސާފެވެ. މާލެ ސަރަހައްދުން އުފައްދާ ބިން ބަހައިލުމުގެ ނަތީޖާއަކަށްވާނީ އަމިއްލަ ގެދޮރެއް ނެތި އާމްދަނީގެ ބޮޑު ބައެއް ކުއްޔަށް ހޭދަކުރަން މަޖުބޫރުވެފައި ތިބި މީހުންނަށް އަމިއްލަ ގެދޮރު ފޯރުކޯށްދިނުމުގެ ފުރުސަތު ގެއްލުމެވެ. އަދި ވަކި ބަޔަކަށް ބިން ބޭނުންކޮށްގެން ތަނަވަސްކަން އިތުރުކުރުމުގެ ފުރުސަތު ލިބުމެވެ. ޖީލުތަކަށް ދެމިގެންދާ ނަހަމަކަމަށް މަގު ކޮށިގެން ދިއުމެވެ.

މަތީގައި ބަޔާންކުރި ހުރިހާ ވާހަކައެއްގެ ޚުލާޞާއަކީ މާލެ ފަދަ އާބަން ސަރަހައްދެއްގެ ބިން ބޭނުންކުރަންވާނީ އެ ސަރަހައްދުގެ އާބާދީގެ މެދުގައި ނަހަމަ ތަފާތުތައް އިތުރުނުވާނެ ގޮތަކަށް ކަމެވެ. އެ ބިން ބޭނުންކުރަންވާނީ އެންމެ ގިނަ ބަޔަކަށް، އެ މީހުންގެ އިޖުތިމާއީ އިޤުތިޞާދީ ބޭނުންތައް ފުއްދައިދެވޭ ގޮތަށް ކަމަށެވެ. ސިޓީގެ ރަށްވެހިންގެ މެދުގައި އޮންނަ އިޖުތިމާއީ އިޤުތިޞާދީ ނަހަމަ ތަފާތުތައް އިތުރަށް ބޮޑުނުވާނެ ގޮތަކަށް ކަމެވެ. އެ ކަންކަމަަށް ބަލާއިރު މާލެއިން ނުވަތަ މާލެ ސަރަހައްދުން ބިން ބެހުމަކީ އިންސާފަކަށް، އަދި މި ސަރަހައްދަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އޮތް ދެމެހެއްޓެނެވި ހައްލަކަށް ނުވާނެއެވެ.

މި ލިއުމާއި ގުޅޭ