Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެއްޖިންސުން ގުޅުން ހިންގުން

ލިވާޠުކުރުން ފަދަ ހަޑިމުޑުދާރު ފާޙިޝް ނުބައި ޖަރީމާތައް މަޖަލަކަށް ނުހަދަމާ!

ލިވާޠުކުރުން ފަދަ ހަޑިމުޑުދާރު ފާޙިޝް ނުބައި ޖަރީމާތައް މަޖަލަކަށް ހަދައިގެން އެވާހަކަ އެއްބަޔަކު އަނެއްބަޔަކަށް ދެއްކުމަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ހިނގައިގެން ވާނެ ކަމެއް ނޫނެވެ.

ސަބަބަކީ ކުރީގެ އުންމަތް ތަކުގައި ކަންކަން ހިނގާފައިވާ ގޮތަށް ބަލައި މިކަމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ކަމުގައި ނުވާތީއެވެ. އެގޮތުން ލޫޠު عَلَيهِ السَّلام ގެ ގައުމު(ސަދޫމް)ގެ މީހުންނަކީ ތަނަވަސްކަމާއި މުދާވެރިކަމާއެކު އުޅެމުން އައިސްފައިވާ ބައެކެވެ.

ނަމަވެސް އެބައި މީހުންނަކީ މާތް ﷲ ފިޔަވައި އެހެން ފަރާތްތަކަކީ ކަލާނގެތައް ކަމުގައި ބަލައިގެން، އެތަކެއްޗަށް އަޅުކަންކުރުމުގެ އިތުރުން، މަގުފޭރުމާއި، ޚިޔާނާތްތެރިވުމާއި، އަނިޔާވެރިވުމުގެ ނުބައި ޞިފަތައް އެބައިމީހުންގެ ކިބައިގައި އަށަގެންފައިވާ ބައެކެވެ.

އަދި އޭގެ ކުރިން އެހެން އެއްވެސް ޤައުމެއްގެ ބަޔަކު ނުކުރާފަދަ ފާޙިޝް ނުބައިޢަމަލެއްކަމުގައިވާ އެއްޖިންސުގެ ގުޅުން ފާޅުގައި ހިންގައި، އެކަމަށް ދަޢުވަތުދީ އުޅުނު ބައެކެވެ.އެބައިމީހުންގެ އެއްވުންތަކުގައްޔާއި މަޖިލިސްތަކުގައި ފާޅުކޮށް މިކަން ކުރަމުން ދިޔައެވެ.

މި ނުބައި ހަޑިމުޑުދާރު ޢަމަލު އެބައިމީހުންގެ ތެރެއަށް އައިސްފައިވަނީ ކުއްލިއަކަށް ނޫންކަން އެނގެން އެބައޮތެވެ. އޭގެ ކުރިން، ދެޖިންސު މަސްހުނިވުމާއި، ސިއްރުގައި ޒިނޭކުރުން ޢާއްމުވެ، ފަހުން ފާޅުގައި އެކަން ކުރުން ޢާއްމުވިއެވެ. އޭގެފަހުގައި، ސިއްރުން އެއްޖިންސުގެ ގުޅުން ހިންގުން ފެތުރި، އެކަން އެގައުމުގައި ޢާއްމުވެގެން ދިޔައެވެ.

އެގޮތުން އެކަންކަމަކީ އެބައިމީހުންގެ މެދުގައި ޢާއްމުކޮށް ބަލައިގަނެވިފައިވާ، ކޮންމެ މީހަކަށް ލިބިގެންވާ އަމިއްލަ ޙައްޤެއް ކަމުގައި ކަނޑައެޅުނެވެ. އެކަންކުރުން މަނާކުރާމީހަކީ ކުށްވެރިއެއްކަމުގައި ބެލެވި، ރަށުން ބޭރުކުރަންޖެހޭފަދަ މީހެއްކަމުގައި ކަނޑައެޅުނެވެ. މިއީ މާތް ﷲ ބުއްދި ދެއްވި އިންސާނުންތަކެއް ވެއްޓިގެންދިޔަ ދަށު ދަރަޖައެވެ.

މިއާއެކު އެބައި މީހުންނަށް ތެދު މަގު ދެއްކެވުމަށް ލޫޠު عَلَيهِ السَّلام އެބައި މީހުންގެ ގާތަށް ފޮނުއްވެވިއެވެ. އަދި އެކަލޭގެފާނު އެބައިމީހުންނަށް ނަސޭޙަތްތެރިވެ ވަޑައިގެންނެވިއެވެ.

"ތިޔަބައިމީހުން (ﷲ އަށް) ތަޤްވާވެރި ނުވަނީ ހެއްޔެވެ؟ ހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ އަމާނާތްތެރި ރަސޫލަކީމެވެ. ފަހެ، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! އަދި އަހުރެން އެ ރަސޫލުކަން އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުން މެނުވީ އަހުރެންނަށް ޘަވާބު ދެއްވުމެއް ނުވެތެވެ. ޚަލްޤުތަކުންގެ ތެރެއިން ފިރިހެނުންނާ ތިޔަބައިމީހުން ގާތްވަނީ ހެއްޔެވެ؟ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ހައްދަވައި (ޙަލާލު ކުރައްވައި) ފައިވާ އަނބިން ދޫކުރަނީ ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ނުބައިކަންތަކުގައި) ހައްދުފަހަނަޅައަޅައިދާ ބަޔަކީމުއެވެ." އެކަލޭގެފާނު ވިދާޅުވިއެވެ.

އެކަލޭގެފާނުގެ މި ނަޞޭޙަތްތަކަށް އެބައިމީހުން ދިނީ ބީރު ކަންފަތްތަކެކެވެ. އެކަލޭގެފާނާ ދެކޮޅުވެރިވެ، މަލާމާތާއި ފުރައްސާރަކުރަން ފެށިއެވެ. އެކަމަށް ކެތް ނުކުރެވިގެން އެކަލޭގެފާނު އެރަށް ދޫކުރައްވައި ނިކުންނެވިއެވެ.

ލޫޠުގެފާނާއި އެކަލޭގެފާނަށް އީމާންވިމީހުން އެ ރަށުން ނުކުތްހިނދު، މަލާއިކަތްބޭކަލުން އެރަށް މައްޗަށް ނެންގެވިއެވެ. އެކަމުގެ ސަބަބުން އެބައިމީހުންގެ ކުއްތާތަކާއި، އެބައިމީހުންގެ ރުއިމާއި ހަޅޭކުގެ އަޑުން އުޑުމަތި ގުގުމާލިއެވެ. އަދި އެރަށުގެ މަތީފުށް ދަށަށް ޖެއްސެވިއެވެ. އަދި އަލިފާނުން ދޮންކުރައްވާފައިވާ، މަށީގެ ހިލައިން އެ ރަށަށް ވާރޭ ވެއްސެވިއެވެ. އަދި އަދަށްދާންދެންވެސް އެވަނީ ދިރުމެއްނެތް ކަނޑެއްގެގޮތުގައި އެބައިމީހުން އުޅުނު ހިސާބުލައްވާފައެވެ. އެއީ މިހާރުގެ ނަމުންނަމަ ޑެޑްސީ އެވެ. މިކަން މިގޮތަށް މެދުވެރި ކުރެއްވީ ދިރިތިބީންނަށްވާ ޢިބުރަތެއްގެ ގޮތުގައެވެ.

((وَكَذَٰلِكَ أَخْذُ رَبِّكَ إِذَا أَخَذَ الْقُرَىٰ وَهِيَ ظَالِمَةٌ ۚ إِنَّ أَخْذَهُ أَلِيمٌ شَدِيدٌ)) (هود: 102) މާނައީ: "ރަށްތައް (އެބަހީ: ރަށްތަކުގެ އަހުލުވެރިން) އަނިޔާވެރިވެގެންވާ ޙާލު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެ ރަށްތައް ހިއްޕަވާހިނދު، އެކަލާނގެ ހިއްޕެވުންއޮތީ، އެފަދައިންނެވެ. ހަމަކަށަވަރުން، އެކަލާނގެ ހިއްޕެވުމަކީ، ވޭންދެނިވި، ގަދަފަދަ ކަމެކެވެ."

މި ސައްތައިން ސައްތަ އިސްލާމީ ގައުމުގައި 250 އަށް ވުރެ ގިނަ ފިރިހެނުން އެއްޖިންސުން ގުޅުން ހިންގައިގެން އެކަން އާންމުވެ، އެކަން މަޖަލަކަށް ހަދައިގެން ދެއްކުމަކީ ބިރުވެރި ކަމެކެވެ.

ދީނީ އިލްމުވެރިޔާ ޝެއިޚް ޝަފީއު އަބްދުﷲ އެބޭފުޅާގެ ފޭސްބުކްގައި ވިދާޅުވެފައިވަނީ ލިވާޠުކުރުން ފަދަ ހަޑިމުޑުދާރު ފާޙިޝް ނުބައި ޖަރީމާތަކާ ބެހޭ ގޮތުން މަޖަލަކަށް ހަދައިގެން ވާހަކަ ނުދައްކާށެވެ. އެހެން ހެދުމުގެ ސަބަބުން މީސްތަކުން އެއާ މެދު ދެކެމުން އައި ސީރިއަސްކަން ކެނޑިގެން ހިނގައިދާނެއެވެ. މުޖުތަމަޢުގެ ނަޒަރު އެކަމާ މެދު ބަދަލުވެ އާދައިގެ ކަމަކަށް އެ ކަން ބަދަލުވެގެން ހިނގައިދާނެއެވެ. ދީނުގެ ޢަދުއްވުން ބޭނުން ވަނީ އެ ކަން އެގޮތަށް ވުމެވެ.

ހަގީގަތުގައި ވެސް މިއީ ސަމާސާ އަކަށް ދިވެހިންނަށް ވެގެން ނުވާނެއެވެ. ހަގީގަތުގައި އަހަރެމެން އަންނަންވާނީ ރުޅިއެވެ. ސަބަބަކީ ހުރިހާ މިންގަނޑަކުން ބެލިޔަސް ހަޑި މުޑުދާރު އަމަލެއްވީތީއެވެ. ބޮޑު ގައުމެއް ފަނާކުރެއްވި އަމަލެއް ބޮޑެތި މީހުން ކުރަމުންގެންދާތަން ބަލަން ތިބުމަކީ އަންނަން އޮތް ޖީލަށް ދެވޭ ނުބައި މެސެޖެކެވެ. މި ވަބާ އަކީ މަޖަލަކަށް ހަދަން އަހަރެމެންގެ ތެރެއިން ބަޔަކު މަސައްކަތް ކުރާތާ ކިތައްމެ ދުވަހެކެވެ. އެމީހުންނަށް އެކަން ކާމިޔާބު ވިޔަ އަހަރެމެން ދީގެން ނުވާނެ އެވެ.

މިފަދަ ފާހިޝް އަމަލުތަކުން އަޅަމެންގެ ގައުމާއި އަޅުގަނޑުމެންގެ ދަރިން ސަލާމަތް ކުރައްވައި ހެޔޮވިސްނުން ދެއްވާށި! އާމީން

މި ލިއުމާއި ގުޅޭ