Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްވެރިކަން

ބޭރުގެ މަސްވެރި އުޅަނދުތަކަށް ރާއްޖޭގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދޫކުރެވޭނެ ގޮތްތައް ކަނޑައަޅައިފި

ބޭރުގެ މަސްވެރި އުޅަނދުފަހަރަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދޫކުރާނެ ގޮތްތައް ކަނޑައަޅައި ޤަވާއިދެއް މިނިސްޓްރީ އޮފް ފިޝަރީޒްއިން އާންމުކޮށްފިއެވެ.

ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ މަސްވެރި އުޅަނދުފަހަރު ރިޕޯޓުކުރުމެއް ނެތި ޤާނޫނާއި ޤަވާއިދާ ޚިލާފަށް މަސްވެރިކަންކުރުން ހުއްޓުވުމާ ގުޅޭ ޤަވާއިދު"ގައި، ބޭރުގެ މަސްވެރި އުޅަނދު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް ހުއްދަ ދެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

ބޭރުގެ މަސްވެރި އުޅަނދުތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަންވާނީ ނުވަތަ އެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރަންވާނީ ކުރިއާލައި މިނިސްޓްރީގެ ހުއްދަ ހޯދައިގެންކަމަށް އެ ޤަވާއިދުގައި ބުނެފައިވެއެވެ. އެފަދައިން ހުއްދަ ނުހޯދައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ އުޅަނދުފަހަރު ހުއްޓުވުމުގެ ބާރު ކޯސްޓުގާޑާއި ފުލުހާއި ކަސްޓަމްސަށް ލިބިފައިވާ ކަމަށްވެސް އެ ޤަވާއިދުގައި ބުނެފައިވެއެވެ. އަދި އެފަދައިން ހުއްދަ ނުހޯދައި ވަންނަ އުޅަނދުފަހަރުން އެހެން ގޮތަކަށް ސާބިތުކޮށްނުދެވޭހައި ހިނދެއްގައި ބަލަންޖެހޭނީ އެއީ މަސްވެރިކަމުގެ ބޭނުމަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަން އުޅަނދެއްގެ ގޮތުގައި ކަމަށް އެ ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

އެ ޤަވާއިދުގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް ހުއްދައަށް އެދި މަސްވެރި އުޅަނދަކުން ހުށަހަޅައިފިނަމަ، އަދި ހުރިހާ ލިޔެކިޔުމެއް ހުށަހަޅައިފިނަމަ 48 ގަޑިއިރުގެ ތެރޭގައި މިނިސްޓްރީން ތިން ގޮތަކުން ކުރެ އެއް ގޮތަށް ނިންމަންޖެހެއެވެ. އެއީ އިންސްޕެކްޝަނާ ނުލައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމާއި ހުރަސްކުރުމުގެ ހުއްދަ ދިނުން ނުވަތަ، އެޕްލިކޭޝަން ހުށަހެޅި އުޅަނދާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހުށަހެޅުމަށް އަދި ފޯމު ފުރިހަމަކުރަން އެންގުމާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް ނުވަތަ ހުރަސްކުރަން ހުއްދަ ނުދިނުމެވެ.

އަދި ބޭރުގެ އުޅަނދެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް ހުއްދަ ނުދިނުމަށް ނިންމާ ހާލަތުގައި އެ ހުއްދަ ނުދިނުމަށް ނިންމާ ސަބަބު ލިޔުމުން އެ އުޅަނދަކަށް އަންގަންވާނެ ކަމަށްވެސް އެ ޤަވާއިދުގައި ބުނެފައިވެއެވެ.

އެ ޤަވާއިދުގެ ދަށުން ބޭރުގެ އުޅަނދަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމާއި ހުރަސްކުރުމުގެ ހުއްދަ ދޫކޮށްފައިވާ ހާލަތުގައި އެ އުޅަނދުގައި ހުންނަ މަސްވެރިކަމަށް ބޭނުންކުރާ ހުރިހާ އާލާތްތަކެއް އުޅަނދުގެ ފަލްކާގައި ރައްކާކުރަންޖެހޭނެއެވެ. ފަލްކާއަށް ނުލެވޭ ތަކެތި ފޮށީގައި ނުވަތަ ދާގީނާއެއްގައި ބަންދުކޮށްފައި ބަހައްޓަންޖެހެއެވެ.

އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށްފަހު އެ ސަރަހައްދުން ނިކުންނަންދެން އުޅަނދު ޓްރެކްކުރެވޭ ގޮތަށް ހުންނަންޖެހޭނެއެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާއިރު އުޅަނދުގެ ދުވެލި އެއްވަރެއްގައި ހިފަހައްޓަންޖެހެއެވެ. އަދި ކަނޑުގެ ދިރުންތަކަށް ގެއްލުންވާ އެއްވެސް ކަމެއް ހިންގައިގެން ނުވާނެ ކަމަށް ބުނެފައިވެއެވެ. ޤައުމީ ސަލާމަތަށް ނުރައްކާވާ އަމަލެއްވެސް ހިންގައިގެން ނުވާނެކަމަށް އެ ޤަވާއިދުގައި ބަޔާންކުރެއެވެ.

އަދި ކަނޑުގެ ސަރަހައްދަށް އެތެރެވާ ބޭރުގެ މަސްވެރި އުޅަނދުތަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަމާ ގުޅޭ އެއްވެސް ހަރަކާތެއް ހިންގުން ނުވަތަ އެފަދަ ހަރަކާތެއްގައި ބައިވެރިވުމާއި އެހީތެރިވުން މި ޤަވާއިދުން މަނާކުރެއެވެ.

އޭގެ އިތުރަށް މިފަދައިން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދޭ ބޭރުގެ މަސްވެރި އުޅަނދަކުން ޤަވާއިދާ ޚިލާފުވެއްޖެނަމަ އެ އުޅަނދެއް ހިފަހައްޓައި ޖޫރިމަނާކުރުމުގެ ބާރު މިނިސްޓްރީއަށް އޮންނާނެއެވެ. އުޅަނދު ހިފަހައްޓަނީ ކޯސްޓުގާޑުގެ އުޅަނދުތައް މެދުވެރިކޮށެވެ.

މި ލިއުމާއި ގުޅޭ