Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަލަސްތީން

އިސްރާއީލާއި އިސްލާމީ ޖިހާދުން ހަމަލާ ބަދަލުކުރުން ހުއްޓައިލަން އެއްބަސްވެއްޖެ

ހުކުރުދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކާއި އެ ހަމަލާތަކުގެ ރައްދުގައި ޣައްޒާގެ އިސްލާމީ ޖިހާދު ޖަމާޢަތުން ދެމުންދާ ހަމަލާތައް ހުއްޓައިލުމަށް ދެ ފަރާތުން އެއްބަސްވެއްޖެއެވެ.

އިސްރާއީލުން ވައިގެ މަގުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޖުލްމަ 44 ފަލަސްޠީނު މީހުން ޝަހީދުކޮށްލާފައިވެއެވެ. އޭގެ ތެރޭގައި ފަނަރަ ކުޑަކުދިން ހިމެނެއެވެ.

ހަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ދެ ފަރާތުން އެއްބަސްވީ ނަމަވެސް އެއްވެސް ބާވަތެއްގެ ހަމަލާއެއް ދީފިނަމަ ރައްދުގައި ބާރުގެ ބޭނުންކުރާނެކަމަށް ދެ ފަރާތުންވެސް އިންޒާރުކޮށްފައިވެއެވެ.

ޣައްޒާގައި ހުރި އަލްޖަޒީރާގެ މުރާސިލް ޞަފްވަތު އަލްކަޙްލޫތު ވިދާޅުވެފައިވަނީ މި ވަގުތަށް އެ އެއްބަސްވުމަށް ހުރިހާ ފަރާތަކުންވެސް އަމަލުކުރަމުން އަންނަ ކަމަށެވެ. އަދި ޣައްޒާގެ ސަރުކާރު އޮފީސްތަކާއި ޔުނިވާސިޓީތައް ހުޅުވާނެކަން އިއުލާނުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ސަރުކާރުގެ މުނިސިޕަލް ޚިދުމަތްދޭ އިދާރާތަކުން މި ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތައް ސާފުކުރުމާއި ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް މިއަދު ފަށާނެކަމަށް އެ އިދާރާތަކުން ބުނެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ހުކުރުދުވަހުން ފެށިގެން އިސްރާއީލުން ގެންދިޔައީ ޣައްޒާއަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދެމުންނެވެ. މީހުން ދިރިއުޅޭ އިމާރާތްތައް ސުންނާފަތިކޮށް، ރެފިއުޖީ ކޭމްޕުތަކަށް އިސްރާއީލުން އައީ ހަމަލާދެމުންނެވެ. އިސްރާއީލުގެ ހަމަލާތަކުގައި މަރުވި 44 މީހުންގެ ދެބައިކުޅަ އެއްބައަށްވުރެ ގިނައީ އާންމުން ކަމަށް އިސްރާއީލުން ބުންޏެވެ.

މި ހަމަލާތަކުގެ ރައްދުގައި އިސްލާމީ ޖިހާދު ޖަމާއަތުންވަނީ އިސްރާއީލަށް އެތައް ސަތޭކަ ރޮކެޓު ހަމަލާއެއް ފޮނުވައިލާފައެވެ. މިހަމަލާތަކުގައި އިސްރާއީލުގެ ތިން މީހަކަށް ބޮޑެތި އަނިޔާތައް ލިބުނުއިރު 31 މީހަކަށް ކުދިކުދި އަނިޔާތައް ލިބުނުކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަކަށް ވާސިލުވީ އދ.އާއި ޤަޠަރުގެ އެހީތެރިކަމާއެކު މިޞްރު މެދުވެރިވެގެން ބޭއްވި ވާހަކަތަކަށް ފަހުގައެވެ. މި އެއްބަސްވުމުގެ ދަށުން އިސްރާއީލުން ހައްޔަރުކޮށްފައިވާ އިސްލާމީ ޖިހާދުގެ ދެ ލީޑަރަކު މިނިވަންކުރަން މިޞްރުން މަސައްކަތްކުރަންވަނީ އެއްބަސްވެފައެވެ.

މި ލިއުމާއި ގުޅޭ