ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހިލޭ އަންހެނަކާއި ވަގަށް ބައްދަލުކުރާ މަންޒަރު ރެކޯޑުކުރަން ފުލުހުން އުޅުނުކަން ހާމަވެއްޖެއެވެ.
ފުލުހުންގެ އިންޓެލް ޓީމެއް ލައްވާ މިކަންތައް ކުރުވަން އުޅުނީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ކުރިން ހުންނެވި އަބްދުﷲ ޒިޔަތެވެ. މިކަން ހާމަވެފައިވަނީ އަބްދުﷲ ޒިޔަތުއާއި ކުރީގެ ނައިބު ރައީސް އަދީބާއި ދެމެދު ކޮށްފައި ހުރި މެސެޖުތަކުންނެވެ. އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގެ ތަހުގީގައި ފުލުހުން ޒިޔަތުގެ ފޯނު އަތުލައި އޭގައި ހުރި މެސެޖުތައް ކްރިމިނަލް ކޯޓަށް ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފައެވެ.
"ދިޔަރެސް" އަށް ވަނީ ފުލުހުން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގެ ކޮޕީ ލިބިފައެވެ. އަދި އޭރު އިމްރާން ހިލޭ އަންހެނަކާއި ބައްދަލުކުރާ މަންޒަރު ވީޑިއޯކުރަން ޒިޔަތު ރޭވިކަން އެ މެސެޖުތަކުން ހާމަވެއެވެ.
މިގޮތުން 2015 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 5 ވަނަ ދުވަހު ޒިޔަތުވަނީ "އިމްރާން ކަންތައް ހައު.. އެ މަންޖެ ފޮޓޯ އެބައޮތް" މިހެން ބުނެ އަދީބަށް މެސެޖުކޮށްފައެވެ. އަދި ފުލުސް އިންޓެލް ލައްވާ "އެއްޗެއް" ޖައްސުވަން ވީ ނޫންތޯއޭ އަދީބު ކައިރިން އަހައެވެ.
އޭގެ ޖަވާބުގައި އަދީބު، ޒިޔަތާއި އިތުރު ސުވާލުތައް ކުރެއެވެ. މިގޮތުން އިމްރާން އެ އަންހެން މީހާ އާއި ބައްދަލުކުރަނީ ކޮންތަނަކުންތޯ އާއި، ކޮންވަގުތެއްގައިތޯ އަހައެވެ.
"ދި ގާލްގެ ދޮން ބައްޕަ އެސިސްޓް ކޮށްދޭނަމޯ ޕްރެޒެންޓް ދޭ މަތިން" ޒިޔަތު ބުނެއެވެ.
ޒިޔަތު އެހެން ބުނުމާއި އެކު އަދީބު ވަގުތުން، ދޭންވީ ކިހާވަރެއްތޯ އަހައެވެ. އަދި ދޭންވީ ކިހާވަރެއްކަން ބަލާލާނެ ކަމަށް ޒިޔަތު ބުނެއެވެ.
އެއަށްފަހު ޒިޔަތު އަދީބަށް ހިޔާލެއް ހުށަހަޅައެވެ.
"ރެއިޑް އެއް ޖެހުމުގެ ބަދަލުގަ ސަވައިލެންސް ޖައްސައިގެން އެ* ރެޑްކޮށްލަން މާ ސަޅިއެއް ނުން... ސްޕައި ކެމެރާއެއް ލައިގެން" ޒިޔަތު ބުނެއެވެ.
އަދި ކެމެރާ ހަރުކުރަން، އެ އެޕާޓްމެންޓުގެ ތަޅުދަނޑި ދޭނެ ކަމަށް އެ އަންހެންމީހާ ގެ ދޮން ބައްޕަ ބުނެފައިވާ ކަމަށް ޒިޔަތު ބުނެއެވެ. މީގެ އިތުރުން، އެ އަންހެން މީހާގެ ފޮޓޯ އާއި އޭނާގެ ދޮން ބައްޕަގެ ފޮޓޯވެސް ޝިފާއު ހޯދާފައިވާ ކަމަށް ޒިޔަތު ބުނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިފާއު އަކީ ޒިޔަތު އާއި ގާތް ގުޅުމެއް އޮންނަ ފުލުހެކެވެ. އެހެން ކަމުން އެކަމުގައި ކުރިއަށް ދާންވީ ކިހިނެއްތޯ ޒިޔަތު ސުވާލު ކުރެއެވެ.
"ލެޓްސް ޑޫ އިޓް" އަދީބު ޖަވާބުދެއެވެ. އަދި އޭނާ ކޮށްދޭންވީ ކޮންކަމެއްތޯ އަހައެވެ.
އަދީބު އެ ސުވާލު ކުރުމާއި އެކު އެ އޮޕަރޭޝަން ކުރިއަށް ގެންދާނެ ގޮތް ޒިޔަތު ހުށަހަޅައެވެ.
މިގޮތުން އެ އަންހެން މީހާ ވަޒީފާގައި ހުންނަ ވަގުތު އެޕާޓްމެންޓުގެ ތަޅުދަނޑި ހޯދުމަށްފަހު ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތްކުރާ ސިއްރު ފުލުހުންތަކެއް ބޭނުންކޮށްގެން އެތަނުގައި ކެމެރާ ހަރުކުރާނީ ކަމަށް ޒިޔަތު ބުނެއެވެ. އަދި އިމްރާން އަންނަންދެން ހަފްތާއެއް ވަރު މަޑުކޮށްލުމަށްފަހު ކާމިޔާބު ކަމާއި އެކު އެ އޮޕަރޭޝަން ކުރިއަށް ގެންދެވިއްޖެނަމަ އަންހެން ކުއްޖާގެ ދޮންބައްޕައަށް ފައިސާ ދޭނީ ކަމަށް ޒިޔަތު ބުނެއެވެ.
އެއަށް އަދީބު "އޯކޭ" ދިނުމުން އެ އޮޕަރޭޝަން ހިންގަން ސިއްރު ފުލުހުންގެ ޓީމަކާއި ގުޅުވައި ދިނުމަށް ޒިޔަތު އެދެއެވެ.
"ގެޓް މީ އިން ޓަޗް ވިތް ކޮވަރޓް ޓީމް ބްރޯ. އައި ވިލް ހޭންޑްލް ދަ ރެސްޓް" ޒިޔަތު ބުނެއެވެ.
އެކަންވެސް ކޮށްދޭނެ ކަމަށް އަދީބު ބުނެއެވެ. އަދި އެ އަންހެންމީހާ އަށް އިމްރާން އެއްވެސް ވަރަކަށް ފައިސާ ދީފައިވޭތޯ ބެލުމަށް އޭނާގެ ބޭންކު އެކައުންޓުތަކުގެ ތަފްސީލު ބަލަންހޭވެސް ޒިޔަތު ސުވާލުކުރެއެވެ.
އަދީބު އާއި ޒިޔަތު އާއި ދެމެދު ދެކެވިފައި ހުރި ވާހަކަތަކުން އިމްރާން ބައްދަލުކުރަމުން ދިޔައީ ކޮން އަންހެނަކާއި ކަމެއް ސާފެއް ނުވެއެވެ. "ދިޔަރެސް" އަށް ފުލުސް ތެރެއިން ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެ އޮޕަރޭޝަން ހިންގަން ފުލުހުންގެ ތެރެއިން ޓީމެއްވެސް ނެގިއެވެ. ނަމަވެސް އެކަން ކުރި ކަމެއް ނޭނގެއެވެ. އަދި އަދީބާއި ޒިޔަތު އާއި ދެމެދު ކޮށްފައިވާ މެސެޖުތަކުގައި ފަހުން އެވާހަކަ ދައްކާފައި ނުވެއެވެ.
އިމްރާން އެ ދުވަސްވަރު ފުލުހުންގެ ސިވިލް ސްޓާފަކަށް އުޅޭ އަންހެނަކާއި އެކި ތަންތަނުން ބައްދަލުކޮށް ކައިވެނިކުރާނެ ކަމަށް ބުނެ، ޖިންސީ ގޯނާ ކުރަން މަސައްކަތް ކޮށްފައިވާ ކަމަށް އެ އަންހެން މީހާ ބުނެފައިވެއެވެ. އަދި އިމްރާން ހޯމް މިނިސްޓަރަކަށް ވި ފަހުން ވެސް އޭނާ އިމްރާން އާއި އެތައް ފަހަރެއްގެ މަތިން މަގުމަތިން ދިމާކޮށް ހަދާފައިވެއެވެ.
އަދީބު އާއި ޒިޔަތުގެ މެސެޖުތަކުގައި ދައްކަނީ އެ އަންހެންމީހާ އާއި ގުޅޭ ވާހަކަތަކެއް ކަމެއް ސާފެއް ނޫނެވެ. އެހެން ނަމަވެސް އިމްރާން މިހާރު އުޅުއްވަނީ ކުރީގެ އަނބިކަނބަލުން ވަރި ކުރެއްވުމަށްފަހު ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކާއި ކައިވެނި ބައްލަވައިގެންނެވެ.