Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަހްމަދު ރިލްވާން

ރިޟްވާން އަދި ޔާމީނުގެ މަރުގެ މައްސަލާގައި 3 މީހެއްގެ މައްޗަށް ދައުވާކޮށްފި

ނޫސްވެރިޔާ އަޙްމަދު ރިޟްވާން އަދި ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

މި މައްސަލާގައި ދައުވާކޮށްފައިވަނީ ފާއިތުވި ޖޫން މަހުގެ ތެރޭގައި ހައްޔަރުކުރި ތިން މީހުން ކަމުގައިވާ އިސްމާއީލް އަބްދުއްރަހީމް އާދަމް (އިސޫ)އާއި، އަޙްމަދު އިސްމާއީލް (އަހަދު) އަދި އަޙްމަދު މުއާޒު (ގަޓު މުއާ)ގެ މައްޗަށެވެ.

މީގެ ތެރެއިން އިސޫގެ މައްޗަށް ދައުވާކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ)އާއި (ށ)އާއި 3ވަނަ މާއްދާއާ ޙަވާލާދީ އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.

ދައުވާކުރުމުގެ ސަބަބު ކަމަށް ޕީޖީ އޮފީހުން ބުނެފައިވަނީ ރިޟްވާން ރަހީނުކޮށް މަރައިލުމަށް 2014 ވަނަ އަހަރުގެ ތެރޭގައި އިސޫ ރިޟްވާނަށް ފާރަލައި ރިޟްވާން ރަހީނުކޮށް މަރައިލުމުގައި އެހީތެރިވެފައިވާތީ ކަމަށެވެ.

އޭގެ އިތުރަށް ޔާމީން ރަޝީދު ބްލޮގުގައި އިސްލާމްދީނާ ފުށުއަރާ ވާހަކަތައް ލިޔާ ކަމަށް ބުނެ، 23 އޭޕްރީލް 2017 ވަނަ ދުވަހުގެ ރޭގައި ޔާމީން ރަޝީދު އަނިޔާވެރި ގޮތެއްގައި މަރާލުމަށްޓަކައި، އޭނާއަށް ފާރަލައި، ޔާމީން މަރައިލުމަށް އެހީތެރިވެފައިވާކަމަށް ތުހުމަތުކޮށެވެ.

އަހަނދުގެ މައްޗަށް ދައުވާކޮށްފައިވަނީ ޓެރަރިޒަމް މާނަކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާއާއި (ހ)އާއި (ކ)އާއި އެ ޤާނޫނުގެ 3 ވަނަ މާއްދާއާ ހަވާލާދީ އެ ޤާނޫނުގެ ހަވަނަ މާއްދާގެ (ހ)ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

އަހަންދުގެ މައްޗަށްވެސް ތުހުމަތުކުރަނީ ޔާމީން ރަޝީދާއި ރިޟްވާން މަރައިލުމުގެ ކަންކަން ރާވައި އިންތިޒާމުކޮށް އެހެން ބަޔަކު މެދުވެރިކޮށް 8 އޯގަސްޓު 2014 ދުވަހުގެ ދަންވަރު އަޙްމަދު ރިޟްވާން މަރައިލުމެވެ.

ދެން ދައުވާކޮށްފައިވާ ގަޓު މުއާގެ މައްޗަށްވެސް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާއާއި ހަވަނަ މާއްދާގެ ދަށުން ދައުވާކޮށްފައިވާއިރު އޭނާއަށްވެސް ދައުވާކުރަނީ ރިޟްވާން މަރައިލުމުގެ ކަންކަން ރާވައި އިންތިޒާމުކުރުމާއި، އެހެން ބަޔަކު މެދުވެރިކޮށް ރިޟްވާން މަރައިލިކަމަށެވެ.

"ދިޔަރެސް"އށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ތިން މީހުންނާ ތަހުގީގުގައި ރިޟްވާންގެ މަރާއި ޔާމީނުގެ މަރާ ގުޅޭ ގޮތުން އެއްވެސް ސުވާލެއް ކޮށްފައިނުވެއެވެ. އަދި އެ މީހުންނާ އެ މަރުތަކާ ގުޅުވައިލާނެ ބުރަދަންހުރި ހެއްކެއްވެސް ލިބިފައި ނެތެވެ.

މި ދައުވާތައް ކުރުމުގެ ބޭނުމަކީ އޯގަސްޓު 8 ވަނަ ދުވަހުގެ ފަހން ރިޟްވާނުގެ މަރާ ގުޅިގެން އެއްވެސް މީހެއްގެ މައްޗަށް ދައުވާއެއް ނުކުރެވޭނެތީ އަވަސް އަރުވާލައިގެން ކޮންމެވެސް ބައެއްގެ މައްޗަށް މި މައްސަލަތަކުގައި ދައުވާކުރުމެވެ.

މި ލިއުމާއި ގުޅޭ