Saturday 2nd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަހްމަދު ރިލްވާން

ދައުވާ ކުރެވޭ މުއްދަތު ހަމަވާތީ ރިޟްވާން މައްސަލާގައި ކަމާނުބެހޭ ބައެއްގެ މައްޗަށް ދައުވާކުރަނީ

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހްގީގްކުރާ ކޮމިޝަން / ފޮޓޯ: ދިޔަރެސް

2014 ވަނަ އަހަރު ވީނުވީއެއް ނޭނގި ގެއްލުނު މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވާލި ކަމަށް ބުނެ ކަމާއި ނުބެހޭ 3 މީހެއްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވަން މަރު ކޮމިޝަނުން ނިންމައިފިއެވެ.

"ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާގެ ވަގުތެއްގައި 3 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވަން ވަނީ ނިންމާފައެވެ. އެއީ އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާއި މއ. ފާނގަފިލާ، އަހްމަދު އިސްމާއިލް (އަހަނދު) އަދި އަހުމަދު މުއާޒު (ގަޓު މުއާ) އެވެ. ރިލްވާން ގެއްލުވާލި މައްސަލާގައި ކަމަށްބުނެ އެ 3 މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ޖޫން މަސް ތެރޭގައެވެ.

ނަން ހާމަނުކުރަން ޝަރުތުކޮށް "ދިޔަރެސް" އަށް މައުލޫމާތު ދެއްވި މަރު ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވީ އެ ތިން މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވަން އުޅެނީ މި އޯގަސްޓު މަހުގެ 8 ވަނަ ދުވަހުގެ ފަހުން ރިލްވާންގެ މައްސަލައާއި ގުޅިގެން އެއްވެސް މީހަކަށް ދައުވާ ނުކުރެވޭނެތީއެވެ. ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވާ ގޮތުން ޖިނާއީ މައްސަލަތަކުގައި ކުށް ކުރި ވަގުތުން ފެށިގެން 8 އަހަރު ތެރޭގައި ދައުވާ ކުރަން ޖެހެއެވެ. އަދި އޭގެ ފަހުން ދައުވާކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.

ހަރުދަނާ ހެއްކެއް ގަރީނާއެއް ނުހޯދުނު

ރިލްވާން ގެއްލުވާލިކަމަށް ބުނެ ހައްޔަރުކުރި 3 މީހުންނާއި ވެސް ތަހުގީގުގައި ރިލްވާން ގެއްލުމާއި ގުޅޭގޮތުން މާބޮޑު ސުވާލުކޮށްފައި ނުވާއިރު އެ 3 މީހުންނާއި ދެކޮޅަށް ހަރުދަނާ އެއްވެސް ހެއްކެއްވެސް ނެތް ކަމަށްވެސް މައުލޫމާތު ލިބެއެވެ. އޭގެ އިތުރުން އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތައްވެސް ހައްޔަރު ކުރުމަށްފަހު އެތައް ފަހަރެއްގެ މަތިން ބަދަލުތައް ގެނެސް, ބަޔާންތައްވެސް ބަދަލުކޮށްފައިވާކަމުގެ މައުލޫމާތުވެސް ލިބިފައިވެއެވެ.

ރިލްވާން ވަގަށް ނަގައި ގެއްލުވާލުމުގައި ބައިވެރިވި ބޮޑުންތަކެއްގެ ގޮތުގައި ސަރުކާރުން މި 3 ފަރާތް ސިފަކޮށް މީޑިއާތަކަށް މައުލޫމާތުދިން ނަމަވެސް، “ދިޔަރަސް” އަށް ލިބިފައިވާ އެފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅި ފޯމްގައި މަރު ކޮމިޝަނުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ކުށްތަކަކީ ރިލްވާން ގެއްލުވާލުމާއި އެއްވެސް ގުޅުމެއްނެތް، މަރު ކޮމިޝަނުގެ މެންޑޭޓްގައިވެސް ނުހިމެނޭ އެހެން ކުދި ޖިނާއީ ކުށްތަކެވެ.

"މައިގަނޑުގޮތެއްގައި ހަމަ އެކަނި ހުރި ހެއްކަކީ ސިއްރު ހެކިންތަކެއް. އެމީހުން ދައްކާފައި ހުރި ވާހަކަތަކެއް. އެ ނޫން އެއްޗެއް ނެތް. ކޮމިޝަން ހެދިފަހުން ތަހްގީގްތަކަށް އިތުރު އާ ހެއްކެއް ގަރީނާއެއް ލިބިފައެއްނުވޭ" މަރު ކޮމިޝަނުން މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވިއެވެ.

އެންމެ ފަހުން ރިޟްވާން މައްސަލާގައި މަރު ކޮމިޝަނުން ދީފައިވާ އަޕްޑޭޓަކީ ރިޟްވާނަށް ބިރުދައްކަން ބޭނުންކުރިކަމަށް ތުހުމަތުވާ ވަޅިއަކާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ކުރި އިއުލާނެކެވެ. އޭގެ ފަހުން އެ ވަޅިއާ ގުޅޭ ގޮތުންވެސް އެއްވެސް މައުލޫމާތެއް އެ ކޮމިޝަނަށް ލިބިފައިނުވެއެވެ.

"ދިޔަރެސް" އަށް ލިބިފައިވާ ލިޔުންތަކަށް ބަލައިއިރު، މައްސަލައާއި ގުޅޭގޮތުން ލިބިފައިވާކަމަށް ބުނާ ހަމަހެކަނި ހެކި ނުވަތަ ގަރީނާގެ ގޮތުގައި ހިމެނެނީ ސިއްރު ހެކިންގެ ގާތުގައި އެހެންމީހަކު ބުނިކަމަށްބުނާ (ހިއަރސޭ) ވާހަކަތަކަކާއި، "މިނިވަން ފިކުރުގެ" ބައެއް ފަރާތްތަކުން އެކިދުވަސްވަރު ކޮށްފައިވާ ޓްވީޓްތަކަކާއި، މަރު ކޮމިޝަނުގެ ތަހްގީގަށް އެއްކުރެވިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އެ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓެކެވެ.

މި ހެކިތަކަކީ ހެކީގެ މިންގަނޑުން ބަލައިއިރު އޭގައި މާބޮޑު ބުރަދަނެއްނެތް މިފަދަ މައްސަލައެއް ޝަރީޢަތުގައި ސާބިތު ކުރުމަށް އެކަށީގެންވާ ހެކިތަކެއް ނޫންކަމަށް "ދިޔަރެސް"އާ ވާހަކަ ދެއްކި ޖިނާއީ މައްސަލަތަކުގައި ހަރަކާތްތެރިވާ ރާއްޖޭގެ ތަޖުރިބާކާރު ވަކީލަކު ވިދާޅުވިއެވެ.

ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ބަޔަކު ފްރޭމްކުރިކަމުގެ ތުހުމަތު

މިމައްސަލާގައި ތުހުމަތުކުރެވޭ ފަރާތެއްގެ ދިފާއީ ވަކީލަކު "ދިޔަރެސް"އަށް ވިދާޅުވި ގޮތުގައި 03 މީހުންނަށް ދައުވާކުރާ ހަމައެކަނި ސަބަބަކީ ރިލްވާންއަށް ވީގޮތް ހޯދައި އެކަމުގެ އަޑީގައި ތިބި މީހުންނަށް ދައުވާ ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދަކަށްވެފައި އަދި މިހާތަނަށް އެކަމުގައި ރައީސް ސޯލިހްގެ ސަރުކާރަށް އެއްވެސް ކަމެއް ކުރެވިފައި ނުވާތީ، އާއިލާގެ ފަރާތުން ކުރިމަތިވާ ޕްރެޝަރުތަކާއި ހެދިއާއި އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނާތީ ކެމްޕެއިނަށް ކުރާކަމެއްގެ ގޮތުގައި ކަމަށެވެ.

އޭނާ އިތުރަށް ފާހަގަކުރިގޮތުގައި ރިލްވާން ގެއްލުވާލިކަމަށް ބުނެ މިހާރު ހައްޔަރުކޮށްފައިވާ 3 މީހުންނަކީ އެ ހާދިސާއާ އެއްވެސް ގުޅުމެއްނެތް، މަރު ކޮމިޝަނުން މީގެ ކުރިން ހުސްނުއްސުޢޫދު އިސްވެ ހުރެގެން ނެރުނު ރިޕޯޓްގައި ބަޔާންކޮށްފައިވާ ރާއްޖޭގައި ހަރަކާތްތެރިވާ "މިނިވަން ފިކުރު" ގެ މީހުންގެ ޒާތީ ރުޅިވެރިކަމެއްގެ މާޒީއޮތް ފަރާތްތަކެކެވެ. އަދި އޭނާ ތުހުމަތުކުރާ ގޮތުގައި މިމައްސަލާގައި ސިއްރު ހެކިބަސްދޭ ފަރާތްތަކަކީ އުފައްދާފައިވާ، ކޮމިޝަނުން ދިން ވަކި ސްކްރިޕްޓެއް ބަޔާނެއްގެ ގޮތުގައި ނެރޭޓްކުރި ބައެކެވެ.

މީގެ އަހަރެއްހައި ދުވަސްކުރިން ރާއްޖޭގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ރިލްވާންގެ ދައްތަ ވަނީ ރައީސް ސޯލިހް ވެރިކަމަށް އައީ ރިލްވާންގެ ނަން ސިޔާސީ ގޮތުން ބޭނުންކުރައްވައިގެން ކަމަށާއި، އިންސާފު ހޯދައިދިނުމުގައި ސަރުކާރު ފެއިލްވެފައިވާކަމަށް ބުނެފައެވެ.

"އެ ކުދިންގެ ނަން ބޭނުން ކުރައްވައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ" ރިލްވާނާއި ޔާމީނަށް އިންސާފު ލިބޭނެ ކަމުގެ އަޒުމުގައި މި ސަރުކާރަށް ވެރިކަން ހޯދައި ދިނުމަށް ބުރަކޮށް މަސައްކަތް ކުރި ޝެހެނާޒް އޭރު ބުނެފައިވެއެވެ.

ރިލްވާންގެ ބައްޕަވެސް ދާދިފަހުން ވަނީ ރިލްވާންގެ މައްސަލަ އެމްޑީޕީއިން ބޭނުންކުރީ ސިޔާސީ ބޭނުމަށް ކަމަށް "ޗެނަލް 13" އަށް ދެއްވި އިންޓަވިއުއެއްގައި ބުނެފައެވެ.

ރައީސް ސޯލިހް ރިޔާސީ ކެމްޕޭނުގައި ގެއްލުވާލާފައިވާ މީހުންނާއި މަރުތަކުގެ ހަގީގަތް ހޯދާނެކަމަށް ވެފައިވާ ވައުދު ފުއްދުމަށް ހެދި މަރު ކޮމިޝަނަށް ފާއިތުވި ހަތަރު އަހަރެއްހައި ދުވަހު ރައްޔިތުންގެ ޓެކްސް ފައިސާއިން އެތައް މިލިއަން ހަރަދުކުރި ނަމަވެސް އެކަށީގެންވާ އެއްވެސް ނަތީޖާއެއް ނެރެވިފައިނުވާތީ އާއްމުންގެ ބޮޑެތި ފާޑުކިޔުންތަކެއްވެސް ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ރިލްވާން ގެއްލުވާލި މައްސަލާގައި މީގެ ކުރިން މަރު ކޮމިޝަނުން ރިޕޯޓެއް ނެރުނެވެ. އެހެން ނަމަވެސް އެ ރިޕޯޓުގައި ހިމަނާފައިވާ ގިނަ ކަންތައްތަކަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި ތަހުގީގުން ހޯދުން ކަންތައްތަކެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެ މައްސަލާގައި ބައެއް ފަރާތްތަކަށް ދައުވާ ކުރެވުނެވެ.

މި ލިއުމާއި ގުޅޭ