ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓްރީއަށް ފޮނުވި ސިޓީޢެއް ލީކުވެއްޖެއެވެ.
މި ސިޓީ "ދިޔަރެސް" އާއި ހިއްސާކޮށްފައިވަނީ އެމްއެންޑީއެފްގެ އިސް ފަރާތަކުންނެވެ. މި ސިޓީ އަކީ ޖުލައި 19 ވަނަ ދުވަހު އިންޑިއާ ހައިކޮމިޝަނުން ޑިފެންސް ވިންގުން ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓްރީއަށް ފޮނުވި ސިޓީއެކެވެ.
އެ ސިޓީގައި އެދިފައިވަނީ އިންޑިއާއިން އުތުރުތިލަފަޅުގައި ތަރައްޤީކުރަން ހަމަޖެހިފައިވާ ކަނޑުގެ ސިފައިންގެ މަރުކަޒުގެ މަސައްކަތް ކުރަން ހަވާލުކުރަން ބައެއް ކުންފުނިތައް ޝޯޓްލިސްޓު ކުރެވިފައިވާ ކަމަށާއި އެ ކުންފުނިތަކުގެ ފަރާތުން 20 މީހުން 25 ޖުލައި އިން ފެށިގެން 27 ޖުލައިއަށް އުތުރުތިލަފަޅަށް ދާނެ ކަމަށެވެ. އަދި 26 ޖުލައިގައި އަސްކަރީ މަރުކަޒު ތަރައްޤީ ކުރާ ސަރަހައްދު ސާވޭ ކުރެވޭނެ ގޮތް ހަމަޖެއްސުމަށް އެ ސިޓީގައި ބުނެފައިވެއެވެ.
އުތުރުތިލަފަޅު ގައި އިންޑިއާއިން ތަރައްޤީ ކުރާ އަސްކަރީ މަރުކަޒުގައި އިންޑިއާ ސިފައިިން 30 އަހަރަށް ތިބޭނެ ކަމަށް އެ މަރުކަޒު ހެދުމަށް އިންޑިއާ އާއި އެކު ވެފައިވާ އެއްބަސްވުމުގައި ބުނެފައިވެއެވެ.
އެ އެއްބަސްވުމާއި ގުޅޭ ބައެއް މައުލޫމާތު ހޯދަން "ދިޔަރެސް" ނޫހުން އެދުމުން ޑިފެންސް މިނިސްޓްރީން ވަނީ އެ މައުލޫމާތު ދޭން ދެކޮޅު ހަދާފައެވެ. އެހެން ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ އެ މައުލޫމާތުތައް ހާމަކުރަން އަންގާފައެވެ. ޑިފެންސް މިނިސްޓްރީން މިހާރު ވަނީ އެ މައުލޫމާތު ހާމަ ނުކުރުމަށް ހައިކޯޓަށް ގޮސްފައެވެ.
އުތުރުތިލަފަޅުގައި އަސްކަރީ މަރުކަޒު ބިނާކުރުމަށް އިންޑިއާ އާއި އެކު ވެފައިވާ އެއްބަސްވުމަކީ ޤާނޫނާއި ހިލާފު އެއްބަސްވުމެއް ކަމަށް ރާއްޖޭގެ ފުންނާބު އުސް ބައެއް ވަކީލުން ދަނީ ބުނަމުންނެވެ. އަދި އިދިކޮޅު ޕްރޮގްރެސިވް ޕާޓީން ދަނީ އެ އެއްބަސްވުން އެ ޕާޓީގެ ވެރިކަމެއްގައި ބާތިލު ކުރާނެ ކަމަށް ބުނަމުންނެވެ.