ދިވެހިރާއްޖެއަށް އެއް ޕާޓީއަށްވުރެ ގިނަ ޕާޓީ ހިމެނޭ ވެރިކަމުގެ ނިޒާމެއް ތައާރަފުވީފަހުން އެންމެ ގިނަ ސިޔާސީ ލީޑަރުންނަށް އެންމެ ބޮޑެތި ތުހުމަތުތައް އަމާޒުކުރި އެއްބަޔަކީ އަދާލަތު ޕާޓީއެވެ. އަދާލަތު ޕާޓީ ވުޖޫދުވީ ފަހުން ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ފިޔަވައި ކޮންމެ ބޭފުޅަކީވެސް އަދާލަތުގެ ތުހުމަތުތަކުގެ އަމާޒުފަތްގަނޑެކެވެ. ރައީސް ޞާލިޙަކީ އެ ޕާޓީގެ ލީޑަރުން ސިފަކުރައްވާ ގޮތުން ރާއްޖޭގެ ތާރީޚުވެސް ދެކެފައިނުވާފަދަ ތަޤުވާވެރި އިޚުލާޞްތެރި ލީޑަރެކެވެ. އެހެންނޫނީ ދެން ވެރިކަންކުރެއްވީ މުޅިންވެސް ފާސިޤުންނާއި މުޖުރިމުންނެވެ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ބުނާ ގޮތުން ރާއްޖޭގެ ވެރިކަމަށް ކުރިމަތިލެއްވޭނީ އަހުލުއްސުންނާ ވަލް ޖަމާޢަތަށް ނިސްބަތްވާ މީހަކަށެވެ. ސުންނީ މުސްލިމަކަށެވެ. 2008 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބަކީ މިިހާރު އަމަލުކުރަމުންދާ ފެހި ޤާނޫނު އަސާސީގެ ދަށުން ބޭއްވި، އެ ކެނޑިޑޭޓަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރެއްވި އިންތިޚާބެވެ. އެ އިންތިޚާބުގައި ވާދަކުރެއްވި އެއް ބޭފުޅަކީ އެއިރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ.
އަދާލަތު ޕާޓީއަކީ އެއިރު ރައީސް މައުމޫނާ ހަތުރުވެރި ޕާޓީއެކެވެ. އެއިރު ޕާޓީގެ ރައީސަކީ ޝައިޚް ޙުސައިން ރަޝީދު އަޙްމަދެވެ. އޭނާ އެ ދުވަސްވަރުވަނީ ރައީސް މައުމޫނަކީ މުސްލިމެއް ނޫންކަމަށް ވިދާޅުވެފައެވެ. އެ މައްސަލާގައި މައުމޫންވަނީ އޭނާގެ މައްޗަށް އަބުރުގެ ދައުވާ މަދަނީ ކޯޓުގައި އުފުއްލަވާފައެވެ. 6 އޮކްޓޯބަރު 2008 ވަނަ ދުވަހުގައި ރައީސް މައުމޫނުގެ އެއިރުގެ ޕާޓީ ޑީއާރުޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ވާހަކަ އެ ޕާޓީން އިއުލާނުކުރިއެވެ.
މި މިންވަރުން އަދާލަތުން ފުއްދައިނުލައެވެ. 2008 ވަނަ އަހަރުގައި އަދާލަތުން ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ރައީސް މައުމޫނަކީ ސުންނީ މުސްލިމެއް ނޫންކަމަށް ބުނެ، އެމަނިކުފާނުގެ ކެނޑިޑެސީ ބާތިލުކުރަން މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމާފައިވަނީ ރައީސް މައުމޫނަކީ އިސްލާމްދީން ދޫކޮށްލައްވާފައިވާ ބޭފުޅެއްކަން އަދާލަތަށް ކޯޓުގައި ސާބިތުކޮށްނުދެވުނު ކަމަށެވެ. އަދި އެކަމުގެ މައްޗަށް ކާފީ ހެކި އެއްވެސް ޝައްކެއް ނެތް މިންވަރަށް އަދާލަތަށް ނުދެއްކުނު ކަމަށެވެ.
ރައީސް މައުމޫނުގެ އިސްތަށިފުޅުގައި އަދާލަތުން އެއިރު އެޅުވި އެއްވެސް ތުހުމަތެއް އެ ޕާޓީއަށް ސާބިތުކޮށްނުދެވުނު ނަމަވެސް އެ ވާހަކަތައް ދެއްކުން ހުއްޓައިނުލައެވެ. އެވާހަކަތައްވީ އެމްޑީޕީގެ ފުރަތަމަ ވެރިކަން ރާއްޖޭގައި ޤާއިމުވެ، ރައީސް މުޙައްމަދު ނަޝީދަށް ސިޔާސީ ބާރު ލިބިވަޑައިގަތުމުގައި މުހިއްމު މަސްދަރަކަށެވެ. އަދި އަދަށްވެސް އަދާލަތުން އެއިން ވާހަކައަކަށް ހެއްކެއް ނުދައްކައެވެ. ރައީސް މައުމޫނާއި އެ ޕާޓީގެ އިލްމުވެރިންނާ ދެމެދުގައި ފިޤުހީ ޚިޔާލުތަފާތުވުން ހުރި ނަމަވެސް އެމަނިކުފާނަކީ މުރުތައްދެއްކަން ސާބިތުކުރަން ކޯޓަކަށް އަދާލަތުން ނުދެއެވެ. ދާކަށް ފަހަކުން ނުވެސް އުޅެއެވެ. މިހާރު އެ ތިބީ އެމަނިކުފާނު ހިމެނިވަޑައިގަންނަވާ އިއްތިހާދެއްގައި ބައިވެރިވެ އެމަނިކުފާނާ ކޮނޑާއި ކޮނޑު ޖައްސައިގެންނެވެ. ތަފާތުތައް ހުރެމެ އެކީގައެވެ.
ރައީސް ނަޝީދަކީ އަދާލަތު ޕާޓީގެ މިހާރުގެ ރައީސް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲގެ ބަހުގެ ހަމަލާތައް އެންމެ ގިނައިން އަމާޒުވި އެއް ބޭފުޅާއެވެ. އެމަނިކުފާނުގެ އިސްތަށިފުޅުގައި ނާޅުވާ ތުހުމަތެއް މަދުވާނެއެވެ. އެއިން އެއްވެސް ތުހުމަތެއް އެޅުވީ އެއަށް އަދާލަތުން ބައިކުޅަބައިގެ ޤަރީނާއެއްވެސް ދެއްކުމެއް ނެތިއެވެ. ހަމަ ވިދާޅުވަނީއެވެ.
2013 ވަނަ އަހަރުގެ މޭ މަހުގެ 4 ވަނަ ދުވަހުގައި އިމްރާން ވިދާޅުވީ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަންނަވަން މަސައްކަތްކުރައްވަނީ ސިހުރު ހައްދަވައިގެން ކަމަށެވެ. އަދި ރައީސް ނަޝީދު ހައްދަވާ ސިހުރު ހާހޫރު ދިވެހި ގިނަ ރައްޔިތުންނަށް ނުޖެހޭ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
އިތުރަށް ހަމަ އެ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުގައި އިމްރާން ވިދާޅުވީ ނަޝީދު މީހުން ގެންގުޅުއްވަނީ ބްލެކްމެއިލްކޮށްގެން ކަމަށެވެ. އެގޮތުން ރައީސް ނަޝީދު މީހުން ގެންގުޅުއްވަނީ ފާޙިޝް އަމަލުތަކުގެ މަޅީގައި ޖައްސައިގެން ކަމަށް އިމްރާން ތުހުމަތުކުރެއްވިއެވެ. އަދި އަދަށްވެސް އެއިން ތުހުމަތެއް ކުރެއްވި އަސާސެއް ހެއްކެއް ހާމަކުރައްވާފައިނުވެއެވެ.
އަދި އިމްރާންވަނީ އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ތިބީ ސިހުރުގައި ޖެހިފައި ކަމަށާއި، އެ ސިހުރުގެ ސަބަބުން ނަޝީދު ކޮންމެ ކަމެއް ކުރެއްވި ނަމަވެސް އެއިން އެއްވެސް ކަމެއް އެމީހުންނަށް ގޯސްނުވާކަމަށް ވިދާޅުވެފައެވެ.
އެވަރުން ފުއްދަވައިލެއްވީއެއް ނޫނެވެ ނަޝީދާއި އެމަނިކުފާނުގެ ބައިވެރިން ދައުލަތުން ވަގަށް ނެންގެވި އަދަދުތަކުގެ ފައިސާކަމަށް ވިދާޅުވެ ބޮޑެތި އަދަދުތަކެއް ވިދާޅުވީއެވެ. އެގޮތުން ފެން ކުންފުނި ވިއްކާލައިގެން 8 މިލިއަން ޑޮލަރަކާއި ދިރާގު ވިއްކާލައިގެން 16 މިލިއަން ޑޮލަރަކާއި އެއާޕޯޓު ވިއްކާލައިގެން 27 މިލިއަން ޑޮލަރެއް އެ ބޭފުޅުންގެ ޖީބަށް އަޅުއްވާފައިވާކަމަށް އިމްރާން ވިދާޅުވިއެވެ.
ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ މޭ މަހުގެ 1 ވަނަ ދުވަހުގައި އެއިރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު އެއްވުމުގެ ތަރިއަކީ އިމްރާނެވެ. އެ އެއްވުމުގައި އިމްރާން ގަނޑުތަކެއް ހިއްޕަވައިގެން ކުރިއަށް ޖެހިވަޑައިގެން ދެއްވި ތަޤުރީރަކީ ރައީސް ޔާމީނާމެދު އާދަޔާ ޚިލާފު ނަފުރަތާއި ރުޅިވެރިކަން ދިވެހީންގެ މެދުގައި އުފަންކުރި ތަޤުރީރެކެވެ. އެ ތަޤުރީރުގައި އޭނާ ވިދާޅުވީ ޑރ.އަފްރާޝީމް އަލީ ޝަހީދުކޮށްލުމާއި ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލުވައިލުމުގެ ހަގީގަތް ރައީސް ޔާމީނާއި އެއިރުގެ ނައިބުރައީސް އަޙްމަދު އަދީބަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
އަތްޕުޅުގައި ހުރީ ހެކިކަމަށް ވިދާޅުވެ ގަނޑުތަކެއް ދެއްކެވިއެވެ. އިމްރާނުގެ ފަހަތްޕުޅުގައި އެ މުޒާހަރާގައި ހުންނެވި ބޭފުޅަކު "ދިޔަރެސް"އަށް ކިޔައިދެއްވި ގޮތުގައި އިމްރާޏްގެ އަތްޕުޅުގައި ހުރީ ހަވީރު ނޫހުގެ ބައެއް ޚަބަރުތައް ޕްރިންޓުކޮށްފައެވެ. އެ ވާހަކައަށް ބާރު ލިބޭ ކަމަކީ އަދިއަދަށްވެސް އިމްރާނަށް އެއިން އެއްވެސް ހެއްކެއް ހާމަނުކުރެއްވުމެވެ. އެ ހެކިތަކުގައި ހުރި އެއްޗެއް ވިދާޅުވެދެއްވައިގެން ނަމަވެސް މަރުތަކުގެ ތަހުގީގުގައި ކުރިއެރުމެއް ނުހޯއްދެވުމެވެ. މި މަރުތަކާ ރައީސް ޔާމީނާ ގުޅުމެއް ނެތްކަމަށް މި ސަރުކާރުން މަރުތައް ތަހުގީގުކުރަން އެކުލަވައިލި ކޮމިޝަނުން ނިންމައި ޤައުމުގެ އެންމެން ކުރިމަތީ އިއުލާނުކުރުމެވެ.
މިއަދު އެންމެ ގަދައަށް ހެކި ނެތި ވާހަކަތަކާއި ޚަބަރުތައް ނުފަތުރަން ނަސޭހަތްތެރިވެވަޑައިގަންނަވާ އެއް ބޭފުޅަކީ ޝައިޚް އިލްޔާސް ހުސައިނެވެ. އޭނާ 2018 ވަނަ އަހަރުގެ ސެޕްޓެންބަރު 2 ވަނަ ދުވަހު އައްޑޫގައި އޮތް ޖަލްސާއެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ޑރ.އަފްރާޝީމް އަލީގެ މަރާ ގުޅިގެން 9 ޒުވާނަކު މަރާލެވިފައިވާ ކަމަށެވެ. ނުސީދާކޮށް ތުހުމަތު ރައްދުކުރެއްވީ ރައީސް ޔާމީނަށެވެ. ފަހުން އެއީ ނުދައްކަވާ ވާހަކަފުޅެއް ކަމަށް ވިދާޅުވީއެވެ. އެ ވާހަކަފުޅުގެ އޯޑިއޯއާއި ވީޑިއޯ މީސްމީޑިއާގައި އެހުރީ ބަލާން ބޭނުން މީހަކަށް ފެންނާނެހެންނެވެ.
ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު ޖަލުގައި ހުންނަވައިގެން ރައީސް ޔާމީނާ ގުޅޭ ގޮތުން ފާޙިޝް އަމަލުތައް އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވައި ނެރުއްވި ބަޔާނާ ގުޅިގެން ޑރ.އިޔާޒު ވާހަކަދެއްކެވި ގޮތް ތިރީގައި އެވަނީއެވެ. އެއީ ތެދެއްކަމުގައިވާނަމަ ރައީސް ޔާމީން ތައުބާވާންޖެހޭ ކަމަށާއި، އެހުންނޫންނަމަ ވެރިކަމަށް ކުރިމަތިލެއްވުމުގެ ޝަރުތު ފުރިހަމަނުވާކަމަށް އިޔާޒު ވިދާޅުވިއެވެ. މިއަދު ރައީސް ޞާލިޙާމެދު އެމަނިކުފާނުގެ ތުއްޕުޅުއިރުގެ އެކުވެރިޔާ ބޮޑު ތުހުމަތެއް ކުރެއްވުމުން ވިދާޅުވީ 4 ހެކިންގެ ވާހަކައެވެ. އެ ދުވަހު 4 ހެކިންނެއް، ޤަރީނާއެއް، ޤާރީނާއެއްގެ ފަޅިވަރެއްގެ ވާހަކަވެސް ނެތެވެ.
ދެން އިހަކަށް ދުވަހެވެ. ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލުކުރައްވައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި، އެމަނިކުފާނާ ދެކޮޅަށް އުފުލާފައިވާ ދައުވާ ސާބިތުކުރުމަށް ބޭނުންވާ ކާފީ ހެކި ދައުލަތަށް ދެއްކިފައިނުވާކަމަށް ކަނޑައަޅާފއިވަނިކޮށް، އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުނުވި ނަމަވެސް އެމަނިކުފާނަކީ ވައްކަން ކުރެއްވި ބޭފުޅެއްކަމަށް ވިދާޅުވީ ޑރ.އިޔާޒެވެ. ތަކުރާރުކޮށް އެތައް ފަހަރަކު އެފަދަ މޭރުމަކުން ޓުވީޓުކުރައްވައި ރައީސް ޔާމީނަށް ވަގަށް ގޮވައިލެއްވިއިރު، އިސްލާމްދީނުގައި މީހެއްގެ މައްޗަށް ކޯޓަކުން ކުށް ސާބިތުނުވާހާ ހިނދެއްގައި އެ މީހަކީ މައުސޫމު މީހެއް ކަމަށް ބަލަންޖެހޭކަން އިޔާޒަށް އެނގިވަޑައިނުގަތެވެ.
މި ލިޔުމުގައި ހިމަނާފައި އެވަނީ އަދާލަތުގެ ތާރީޚުގައި އެ ޕާޓީން އެކި ސިޔާސީ ބޭފުޅުންގެ އިސްތަށިފުޅުގައި އެޅުވި އިލްޒާމުން މަދު މިންވަރެކެވެ. ތާރީޚުގެ ތެރެއަށް ރަނގަޅަށް ފީނައިފި މީހަކަށް އަދި މިއަށްވުރެ މާ ގިނަ ތުހުމަތާއި އިލްޒާމު އެކި ބޭފުޅުންގެ އިސްތަށިފުޅުގައި އަޅުވާފައި ހުއްޓާ ފެންނާނެއެވެ.
ރައީސް ނަޝީދު ރޭ ރައީސް ޞާލިޙަށް އަމާޒުކުރެއްވި ތުހުމަތުތަކަކީ އެއަށް ހެކި ދައްކަވަންޖެހޭ ވާހަކަފުޅެވެ. ނުދައްކަވައިފިނަމަ އެ ވާނީ ޤަޛުފުގެ ކުށަކަށެވެ. އެކަމާމެދު ދެބަސްވުމެއް ނެތެވެ. ނަމަވެސް އެ ތުހުމަތުތައް ތަހުގީގުކޮށް އެއީ ތެދެއްތޯ ދޮގެއްތޯވެސް ބަލަން ގޮވައިނުލާ އެ ތުހުމަތުކުރިއިރު 4 ހެކިން ނެތް ވާހަކަ ދައްކަވާތީ، ނަޝީދު ކުރެއްވި ތުހުމަތުގެ ހަގީގަތަށް ބަލައިލަންޖެހެއެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް ސޯލިހު ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ 4 ފޮޓޯއެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. ސާބިތުކުރައްވަންޖެހެނީ ފޮޓޯ ހުރި ކަމެވެ. ފޮޓޯއަކުން ޝަރީޢަތުގެ ހައްދުގެ އުގޫބާތް ނުދެވޭނެއެވެ. ނަމަވެސް އާންމުންނަށް ކަމުގެ ހަގީގަތް އެނގޭނެއެވެ.
ތެދެކެވެ، މި ތުހުމަތަށްވެސް ހެކި ދައްކަންޖެހޭނެއެވެ. މީހުންގެ ބޮލުގައި ހިތުހުރި ވާހަކައެއް އަޅުވާނަމަ އެކަމަށް އަލިގަދަ ސާފު ހެކި ހުންނަންވާނެއެވެ. ނަމަވެސް އަދާލަތުން މީހުންގެ ބޮލުގައި ތުހުމަތެއް އަޅުވައި މީހާގެ އަބުރާއި ޝަޚުޞިއްޔަތު ކަތިލައި ކަފުންކުރާއިރު، ހެކި ދައްކަން ނުޖެހެނީ، އިސްލާމްދީނުގައި ރައްކާތެރިކުރަންޖެހޭ ފަސް ޟަރޫރީ ޙައްޤުގެ ތެރޭގައި ހިމެނޭ އަބުރު ރައްކާތެރިކުރުމުގެ މަފުހޫމުން އަދާލަތު ޕާޓީއާއި އެ ޕާޓީގެ ވެރިން އިސްތިސްނާވާތީ ތޯއެވެ؟ ދީނުގެ ނަމުގައި ސިޔާސީ ދާއިރާގައި ޕާޓީއެއް އޮތުމުގެ ބޭނުމަކީ ދީނުގެ މަޤުޞަދުތަކާއި އުޞޫލުތަކާއި ހަމަތައް ނެގެހެއްޓުން ނޫން ހެއްޔެވެ؟ އެ އުސޫލުތައް އެ ޕާޓީން މުގުރާލާނަމަ، އެހެން ޕާޓީތަކުން އެ އުސޫލުތައް ހިފަހައްޓާނެކަމަށް އުންމީދުކުރާނީ ކިހިނެއް ހެއްޔެވެ؟