Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެޕަލް

އިޤުތިޞާދީ ދަތިތަކުގެ ތެރޭގައިވެސް އެޕަލްއަށް އަންދާޒާކުރި ވަރަށްވުރެ ބޮޑު އާމްދަނީއެއް

ދުނިޔޭގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުމުގެ ތެރޭގައި އިޤުތިޞާދީ ދުވެލި މަޑުޖެހުމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައި އެޕަލް ކުންފުންޏަށް ކުރިން އަންދާޒާކުރި މިންވަރަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާކަން އިއުލާނުކޮށް އިންވެސްޓަރުންގެ އިތުބާރު ކަށަވަރުކޮށްފިއެވެ.

މުހައްލިލުން ކުރިން އަންދާކުރި މިންވަރަށްވުރެ މި އަހަރުގެ ތިންވަނަ ކުއާޓާގައި އެޕަލްއަށް ލިބުނު އާމްދަނީއާއި ފައިދާ އިތުރުވީ ވަރަށް ހަނި ގޮތަކަށެވެ. އަދި އެ ކުންފުނީގެ މައިގަނޑު އުފެއްދުން ކަމުގައިވާ އައިފޯނުގެ ވިޔަފާރިވެސް ހީކުރި ވަރަށްވުރެ ވަނީ ރަނގަޅުވެފައެވެ. ގިނަ ގުނަ އޮއިވަރުތަކެއްގައި އެ ކުންފުނީގެ ވިޔަފާރިއަށް ނުރަނގަޅު އަސަރު ފޯރަމުން އަންނަކަން ފާހަގަކުރެއްވުމާއެކު އެޕަލްސްގެ ސީއީއޯ ޓިމް ކުކް ފާހަގަކުރެއްވި ގޮތުގައި ކުރިއަށް އޮތް މަސްތަކުގައި ކުންފުނީގެ ވިޔަފާރި އިހުނަށްވުރެ ރަނގަޅުވާނެއެވެ.

އެނަލިސްޓުންނާއެކު ބޭއްވެވި ކޮންފަރެންސް ކޯލެއްގައި ޓިމް ވިދާޅުވީ މި ކުއާޓާއިން ފެނުނީ އެޕަލްގެ ވިލުންތެރިކަމާއި، އެ ކުންފުނީގެ އުފެއްދުންތަކާމެދު އޮތް އުންމީދު ކަމަށެވެ. އަދި އިޤުތިޞާދުގައި ހުރި ނުތަނަވަސްކަން ރަނގަޅަށް އެނގިވަޑައިގަންނަވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ފެށުނީއްސުރެ އެ ކުންފުނިން ގެންގުޅުނު ތަސައްވުރަކީ އެ ކުންފުންޏަށް މި ވަގުތު މަގުދައްކައިދޭ ތަސައްވުރު ކަމަށެވެ.

ތިންވަނަ ކުއާޓާގެ ހިސާބުތައް އާންމުކުރުމާއެކު އެޕަލްގެ ހިއްސާގެ އަގުވަނީ 4.2 އިންސައްތަ މައްޗަށް ޖެހި، 164.01 ޑޮލަރަށް އަރާފައެވެ. އެޕަލްގެ ހިއްސާގެ އަގުވަނީ ފާއިތުވި އަހަރާ އަޅަބަލާއިރު މި އަހަރު 11 އިންސައްތަ ދަށަށް ގޮސްފައެވެ. އެއީ ޓެކްނޮލޮޖީ ކުންފުނިތަކުގެ ހިއްސާ ދަށަށް ދިޔަ ދިއުމުގެ ތެރެއިން އެ ކުންފުނީގެ ހިއްސާއަށް މެދުވެރިވި ގޮތެކެވެ.

އެޕަލްއިން މި އަހަރުގެ ކުރީ ކޮޅުގައި ބުނީ އެ ކުންފުންޏަށް ކުރިމަތިވެފައިވާ ސަޕްލައި ޗެއިން މައްސަލަތަކާ ގުޅިގެން ކުންފުނީގެ އުފެއްދުންތައް ވިކޭ މިންވަރު 4 ބިލިއަން ޑޮލަރާއި 8 ބިލިއަން ޑޮލަރާ ދެމެދުގެ މިންވަރަކަށް މަދުވާނެ ކަމަށެވެ. އެހެންނަމަވެސް އެ ދަތިތަކުގެ ސަބަބުން އެ ކުންފުނީގެ އާމްދަނީން މަދުވެފައިވަނީ 4 ބިލިއަން ޑޮލަރަށްވުރެ މަދު މިންވަރެއްކަމަށް ޓިމް ވިދާޅުވިއެވެ.

ތިންވަނަ ކުއާޓާގައި އެޕަލްގެ އާމްދަނީވަނީ 2 އިންސައްތައިން އިތުރުވެ 83 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. ކުރިން އެނަލިސްޓުން އަންދާޒާކުރެއްވި ގޮތުގައި އެޕަލްއަށް އަހަރުގެ ތިންވަނަ ކުއާޓާގައި ލިބޭނީ 82.8 ބިލިއަން ޑޮލަރުގެ އާމްދަނީއެކެވެ.

އަންދާޒާކުރި މިންވަރަށްވުރެ އެޕަލްގެ އައިފޯނާއި އައިޕެޑުގެ ވިޔަފާރިވަނީ ރަނގަޅުވެފައެވެ. ނަމަވެސް މެކް ލެޕްޓޮޕާއި ކޮމްޕިއުޓަރާއި އެހެން އެޕަލް އުފެއްދުންތަކުގެ ވިޔަފާރި އަންދާޒާކުރި މިންވަރަށްވުރެ ދަށްވިއެވެ. ޚިދުމަތުގެ ދާއިރާއަށް ބަލާއިރު އެ ދާއިރާއިން ލިބުނު އާމްދަނީވެސް އަންދާޒާކުރި މިންވަރަށްވުރެ ހަނި ގޮތަކަށް ދަށްވިއެވެ.

މޯބައިލް ފޯނަށް ކުރާ ޚަރަދު ކުޑަވަމުންދިޔަ ނަމަވެސް އެ އޮއިވަރުން އެޕަލްއަށް އަސަރުކުރާ މިންވަރު ކުޑަވާނެކަން އެޕަލްގެ ތިންވަނަ ކުއާޓާގެ ހިސާބުތަކުން އެނގެއެވެ. އެޕަލްގެ އިތުރަށް އެމޭޒަންއިންވެސް ބުނެފައިވަނީ އެ ކުންފުނީގެ ހިސާބުތައް އަންދާޒާކުރި މިންވަރަށްވުރެ ރަނގަޅުވާނެ ކަމަށެވެ.

މި ލިއުމާއި ގުޅޭ