Wednesday 7th Dec 2022
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމެރިކާ

ގޯގަސޯރަސް: 77 މިލިއަން އަހަރުވެފައިވާ ޑައިނަސޯ ކަށިގަނޑެއް 6 މިލިއަން ޑޮލަރަށް ވިކިއްޖެ

މަޝްހޫރު ޓައިރަނަސޯރަސް ރެކްސް އާއިލާއަށް ނިސްބަތްވާ، 77 މިލިއަން އަހަރު ކުރިން ބިމުގައި ދިރިއުޅުނު ގޯގަސޯރަސް ނަމުން ނަން ދީފައިވާ ޑައިނަސޯއެއްގެ ކަށިގަނޑު ހަ މިލިއަން އެމެރިކާ ޑޮލަރަށް ނީލަމުގައި ވިކިއްޖެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ބްރޯކާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ސޮތެބީސްއިން ބުނި ގޮތުގައި ދުވަސްވީ މި ކަށިގަނޑު ފެނިފައިވަނީ އެމެރިކާގެ މޮންޓޭނާއިން 2018 ވަނަ އަހަރު ކަމަށެވެ. އަދި އެ ކަށިގަނޑު ބުރާސްފަތި ދުވަހުގައި އެ ކުންފުނިން ބޭއްވި ތަބީއީ ތާރީޚުގެ ނީލަމެއްގެ ބައެއްގެ ގޮތުގައި 6.07 މިލިއަން އެމެރިކާ ޑޮލަރަށް ވިކިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ކަށިގަނޑަކީ ދުނިޔެއިން މިހާތަނަށް ހޯދިފައިވާ ގޯގަސޯރަސްގެ 20 ކަށިގަނޑުގެ ތެރެއިން އެއް ކަށިގަނޑެވެ. އަދި އެ ކަށިގަނޑުތަކުގެ ތެރެއިން އަމިއްލަ ފަރާތަކަށް މިލްކުކުރެވޭ ގޮތަށް ލިބެން އޮތް ހަމައެކަނި ކަށިގަނޑަކީވެސް މި ކަށިގަނޑު ކަމަށް ސޮތެބީސްގެ ވެބްސައިޓުގައި ބުނެފައިވެއެވެ. މި ބާވަތުގެ ކަށިގަނޑުތައް އެންމެ ގިނައިން ފެނިފައިވާ ކެނަޑާއިންނެވެ. އެ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުން އެ ޤައުމުގައި އޮންނަނީ މަނާކޮށްފައެވެ.

އުސްމިނުގައި 10 ފޫޓު އަދި ދިގުމިނުގައި ގާތްގަނޑަކަށް 22 ފޫޓު ހުރި މި ކަށިގަނޑު ގަނެފައިވަނީ ކާކުކަން މި ކަށިގަނޑު ނީލަންކީ ކުންފުނިން ހާމަކޮށްފައިނުވެއެވެ.

ސޮތެބީސްއިން ބުނި ގޮތުގައި ގޯގަސޯރަސްގެ ނަމުގެ މާނައަކީ ނުލަފާ ބޮނޑުއެވެ. އަދި މި ޑައިނަސޯއަކީ މީގެ 77 މިލިއަން އަހަރު ކުރިން އުތުރު އެމެރިކާގެ ހުޅަނގު ސަރަހައްދުގައި ދިރިއުޅުނު ޑައިނަސޯއެކެވެ.

އެ ކުންފުނިން މި މަހު ކުރީކޮޅުގައި އާންމުކުރި ލިޔުމެއްގައި ބުނެފައިވަނީ މި ހޯދުމަކީ ތަފާތު ހޯދުމެއްކަމަށްވާ އެންމެ ބޮޑު ސަބަބަކީ ކެނަޑާއިން ބޭރުން މި ބާވަތުގެ ކަށިގަނޑުތައް ފެންނަ މިންވަރުގެ މަދުކަމެވެ.

ސޮތެބީސްގެ ގްލޯބަލް ހެޑް އޮފް ސައިންސް އެންޑް ޕޮޕިއުލާ ކަލްޗާ ކަސަންޑްރާ ހެޓޮން ވިދާޅުވީ އޭނާގެ ކެރިއަރުގައި ތަފާތު އެތައް ތަކެތި ވިއްކުމުގެ އުފަލައި ފަޚުރު ލިބުނު ނަމަވެސް ޚިޔާލުތައް ހުއްޓުވައިލާ، ވިސްނަން މަޖުބޫރުކުރުވުމުގައި މި ގޯގަސޯރަސް ކަށިގަނޑާ އެއްފަދަ އެހެން އެއްވެސް އެއްޗެއް ދެކެފައިނުވާ ކަމަށެވެ.

މި ކަށިގަނޑު ވިއްކައިލުމުން ސައެންސްވެރިންގެ ނުރުހުންވަނީ އަމާޒުވެފައެވެ. އެ މީހުން ބުނެފައިވަނީ އަމިއްލަ މީހުންނަށް މިފަދަ ކަށިގަނޑުތައް ވިއްކައިލުމުން އެތަކެތި ދިރާސާކުރަން ސައެންސްވެރިންނަށް އޮންނަ ފުރުސަތު ވަރަށް ބޮޑަށް ހަނިވާ ކަމަށެވެ.

ސޮސައިޓީ ފޯ ވާޓެބްރޭޓް ޕޭލިއެންޓޮލޮޖީގެ ރައީސް ޖެސިކާ ތިއޯޑޯ ވިދާޅުވީ ގޯގަސޯރަސްގެ ކަށިތަކަކީ ވަރަށް މަދުން ފެންނަ ކަށިތަކަށް ވާއިރު، އެންމެ ކަށިގަނޑެއްވެސް މިގޮތަށް ވިއްކައިލުމަކީ އެކަމުގެ ސަބަބުން އެތައް ގިނަ މައުލޫމާތެއް ސައެންސްވެރިންގެ އަތުން ބީވާނެ ކަމެއް ކަމަށެވެ. އަދި އެ ކަށިގަނޑު ގަތް މީހާ އެ ދިރާސާކުރަން ފުރުސަތު ދޭނެކަމުގެ ޔަގީންކަމެއް ނޯންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް މިއީ ޑައިނަސޯ ކަށިގަނޑެއް ނީލަމުގައި ވިއްކައިލި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން ސްޓޭންގެ ނަމުން މަޝްހޫރު ޓީރެކްސްއެއް 2020 ވަނަ އަހަރު 31.8 މިލިއަން ޑޮލަރަށްވަނީ ވިއއްކާފައެވެ.

މި ލިއުމާއި ގުޅޭ