ރާއްޖޭގެ އިޤުތިޞާދު ހީނަރުވުމަށް މެދުވެރިވެދާނެ ވަރަށް ބޮޑެތި ހިރާސްތައް ފާހަގަވާކަމަށް އައިއެމްއެފްއިން ބުނެފިއެވެ.
ފާއިތުވި ޖޫން މަހުގެ 21 ވަނަ ދުވަހުން 29 ވަނަ ދުވަހަށް އައިއެމްފްގެ ވަފުދެއް ރާއްޖެއަށް ކުރި ޒިޔާރަތަށް ފަހުގައި އެ ވަފުދުގައި އިސްކޮށް ހުންނެވި ޓޑިއަނޭ ކިންޑާ ނެރުއްވި ބަޔާނުގައި އޭނާ ފާހަގަކުރެއްވި ކޮވިޑުގެ އާލަމީ ވަބާއަށްފަހު ރާއްޖޭގެ އިޤުތިޞާދު އަނބުރާ އިއާދަވާ މިންވަރު ހަލުއި ކަމަށެވެ.
އަދި ރަޝިޔާ ޔޫކުރެއިން ހަނގުރާމަ ފެށުމަށްފަހުގައި އެ ދެ ޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް މަދުވި ނަމަވެސް އެ އުނިކަން، ޔޫރަޕުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވުމުގެ ސަބަބުން ބޮޑުވިޔަނުދީ ހިފަހެއްޓިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން އޭނާ ފާހަގަކުރެއްވީ ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް މި އަހަރު އައި ފަތުރުވެރިންގެ އަދަދު، ކޮވިޑުގެ ކުރިއާ އަޅާކިޔާއިރު މަދީ އެންމެ ހަ އިންސައްތައިން ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތް އަނބުރާ އިއާދަވާ މިންވަރު ރަނގަޅުވުމުގެ ސަބަބުން، އެކަމުގެ ހެޔޮ އަސަރު އިޤުތިޞާދުގެ އެހެން ދާއިރާތަކަށްވެސް ކުރާކަމަށް އައިއެމްފުން ބުންޏެވެ.
އެހެންނަމަވެސް އައިއެމްފުން އަންދާޒާކުރާ ގޮތުގައި މި އަހަރު ރާއްޖޭގެ އިޤުތިޞާދު ކުރިއަރާނެކަމަށް ސަރުކާރުން އަންދާޒާކުރާ މިންވަރަށް އިޤުތިޞާދު ކުރިނާރާނެއެވެ. ސަރުކާރުން ބުނެފައިވަނީ މި އަހަރުގެ ނިޔަލަށް ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން ހުންނާނީ 13 އިންސައްތައިގައި ކަމަށެވެ. އައިއެމްއެފުން އަންދާޒާކުރާ ގޮތުގައި އެ ނިސްބަތް ހުންނާނީ 8.7 އިންސައްތައިގައެވެ.
އަދި އައިއެމްއެފުން އަންދާޒާކުރާ ގޮތުގައި ރާއްޖޭގެ އިންފުލޭޝަން ރޭޓު ފަހުގެ ތާރީޚެއްގައި މައްޗަށް ނުދާ މިންވަރަށް މަތިވާނެއެވެ. އާންމުކޮށް 1 އިންސައްތައަށްވުރެ ދަށުގައި ހުންނަ ރާއްޖޭގެ އިންފުލޭޝަން މި އަހަރު 3.1 އިންސައްތައަށް މަތިވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
އެހެންނަމަވެސް ރާއްޖޭގެ އިޤުތިޞާދީ ކުރިމަގަށް ބަލާއިރު ބޮޑެތި ހިރާސްތަކެއް ހުރިކަން އެ އިދާރާއިން ފާހަގަކުރިއެވެ. އެ ހިރާސްތަކުގެ ތެރޭގައި ރާއްޖެއިން ބަރޯސާވާ މުހިއްމު ފަތުރުވެރިކަމުގެ ބާޒާރުތަކުގެ އިޤުތިޞާދުތަކަށް ހީނަރުކަން އައިސް މަޑުޖެހުމާއި، ދުނިޔޭގެ މާލީ ހާލަތު މިހާރަށްވުރެ ހިފަހެއްޓުންތައް ބޮޑުވުން ހިމެނެއެވެ.
ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ރާއްޖޭގެ އިޤުތިޞާދަށް ކުރިމަތިވެދާނެ ހިރާސްތައް ފާހަގަކޮށް ދައުލަތުގެ ރިޒާވް ދަށްވަމުން އަންނަކަމުގެ އިންޒާރު ދިން ނަމަވެސް ސަރުކާރުން ބުނަމުންދަނީ އެކަށީގެންވާ މިންވަރަށް ރިޒާވުގައި ފައިސާ އެބަހުރި ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލެމުން އަންނައިރު ދައުލަތުގެ ރިޒާވް ހީނަރުވުމުގެ ސަބަބުން ރާއްޖެއިން ދައްކަންޖެހޭ ބޭރުގެ ދަރަނި އަދާނުކުރެވިދާނެކަމުގެ ކަންބޮޑުވުން ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓުމެންޓު ބޭންކު ޖޭޕީ މޯގަން ޗޭސްއިން ފާހަގަކުރުމުން ސަރުކާރުން ބުނީ އެއީ އެ ބޭންކުގެ ރިސެޕްޝަނިސްޓެއް ދެއްކި ވާހަކައެއް ކަމަށެވެ.
އަދި ސަރުކާރުން ބުނަމުންދަނީ މި އަހަރު ނިމުމުގެ ކުރިން ދިވެހިރާއްޖޭގެ އިޤުތިޞާދު ކޮވިޑުގެ ކުރިން ހުރި މިންވަރަށް އިއާދަވާނެ ކަމަށެވެ. ނަމަވެސް ދުނިޔޭގެ މާލީ އިދާރާތަކުން ފާހަގަކުރަނީ ދުނިޔޭގެ އިޤުތިޞާދަށް ކުރިމަތިވަމުން އަންނަ ލޮޅުންތަކުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށާއި ރާއްޖޭގެ އިޤުތިޞާދަށް މަޑުޖެހުމުގެ ހިރާސް ވަރަށް ބޮޑު ކަމަށެވެ.