Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބޯހިމެނުން

ބޯހިމެނުމަށް ޔޫއެންޑީޕީން 20 ޓެބްލެޓް ހަދިޔާކޮށްފި

މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ އާބާދީއާއި އެކި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ތަފުސީލުތައް އެއްކުރާ ބޯހިމެނުމުގެ މަސައްކަތަށް ޔޫއެންޑީޕީން 20 ޓެބްލެޓް ހަދިޔާކޮށްފިއެވެ.

ޓެބްލެޓްތައް ހަދިޔާކޮށްފައި ވަނީ ނެޝެނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދިޔަ 'އިންފޯމަލް ސެކްޓާ ސާވޭ 2021'ގެ ރިޕޯޓް ނެރުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޔޫންޑީޕީގެ ފަރާތުން ޓެބްލެޓުތައް ހަވާލުކުރެއްވީ ޔޫއެންޑީޕީގެ ރެޒިޑެންޓް ކޯޑިނޭޓަރު އެންރީކޯ ގަވޭލިއާއެވެ. އަދި ނެޝެނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން ޓެބްލެޓުތަކާ ހަވާލުވެވަޑައިގަތީ އެ އިދާރާގެ ޗީފް ސްޓެޓިސްޓިޝަން އައިޝަތު ހުސައިންއެވެ.

ތަފާސްހިސާބާ ބެހޭ ޤައުމީ އިދާރާއީން އިއުލާނުކުރި ގޮތުގައި ބޯހިމެނުމުގެ މަސައްކަތް ކުރިއަށްގެންދާނީ ސެޕްޓެންބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 25 ވަނަ ދުވަހާ ހަމައަށެވެ.

އެ އިދާރާއިން ބަޔާންކުރި ގޮތުގައި ބޯހިމެނުމުގެ މަސައްކަތުގައި 4،400 މީހުން ހަރަކާތްތެރިވާނެއެވެ. އެއީ މާލެ ސަރަހައްދުގެ ބޯހިމެނުމުގައި ހަރަކާތްތެރިވާ 2،409 މީހުންނާއި އަތޮޅުތެރޭގައި ބޯހިމެނުމުގައި ހަރަކާތްތެރިވާ 1،991 މީހުންނެވެ.
ބޯހިމެނުމުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް މާލެ ސަރަހައްދުގައި ކުރިއަށްގެންދަނީ ސެޕްޓެންބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހަށެވެ. އަދި ބޯހިމެނުމުގެ އަމަލީ މަސައްކަތް މާލެ ސަރަހައްދުގައި ކުރިއަށްގެންދާނީ 13 ސެޕްޓެންބަރުން ފެށިގެން 25 ސެޕްޓެންބަރަށެވެ.
އާބާދީ ބޮޑެތި ރަށް ރަށުގައި ބޯހިމެނުމުގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ސެޕްޓެންބަރު 13 އިން އެ މަހުގެ 15 އަށް ކުރިއަށްގެންދާއިރު ބޯހިމެނުމުގެ އަމަލީ މަސައްކަތް އެ ރަށްރަށުގައި ކުރިއަށްގެންދާނީ ސެޕްޓެންބަރު 17 އިން 22 ވަނަ ދުވަހަށެވެ.

އަދި ކުދި ރަށްތަކުގައި ބޯހިމެނުމުގެ މައުލޫމާތު އެއްކުރާނީ ސެޕްޓެންބަރު 13 އިން 15 އަށެވެ. އަމަލީ މަސައްކަތްކުރާނީ 12 ވަނަ ދުވަހުން ފެށިގެން އެ މަހުގެ 22 ވަނަ ދުވަހާ ހަމައަށް ކަމަށްވެސް ތަފާސްހިސާބާ ބެހޭ އިދާރާއިން ބުނެއެވެ.

އެންމެ ފަހުން ރާއްޖޭގައި ބޯހިމަނާފައިވަނީ 2014 ވަނަ އަހަރުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައެވެ.
މި ލިއުމާއި ގުޅޭ