Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެއްޖިންސުން ގުޅުން ހިންގުން

ވިއްސާރަ ދުންޏާއި ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ތަފާތުތައް ބަލައިގަތުން

ތަކެއްޗާއި ރަމްޒުތަކާއި ކުލަތަކުގެ މާނައަކީ ސަގާފަތަށް އަންނަ ބަދަލުތަކުގެ ފުރޮޅުންތަކުގެ ތެރެއިން ބަދަލުވަމުންދާ މާނަތަކެވެ. ޤުދުރަތުގެ ޗާލުކަމުގެ މިސާލެއްގެ ގޮތުގައި ޒަމާނުއްސުރެ އަދަބިއްޔާތާއި ސަގާފަތުގައި ފާހަގަކުރަމުން އައި ވިއްސާރަދުނީގެ މާނައަކީވެސް މިދެންނެވި ފުރޮޅުންތަކުގެ ތެރެއިން ބަދަލުވެފައިވާ މާނައެކެވެ. މި ޒަމާނުގައި ހުޅަނގުގެ ސަގާފަތުގައި ވިއްސާރަދުނި ރަމްޒުކޮށްދެނީ އެއް ޖިންސުން ގުޅުންހިންގާ މީހުންގެ ފަޚުރެވެ. ކޮންމެ އަހަރެއްގެ ޖޫން މަހުގައި ހުޅނގުގައި ފާހަގަކުރާ އެއް ޖިންސުން ގުޅުންހިންގުމުގެ ފަޚުރުގެ މަސް، ފާހަގަކުރާއިރު މުޅި އެ ހަރަކާތުގެ މައިގަނޑު ރަމްޒަކީ ވިއްސާރަ ދުނީގެ ކުލަތަކެވެ.

ވިއްސާރަދުނީގެ މާނައާއި އެއިން ރަމްޒުކުރާ ކަންކަމުގެ ވާހަކަ ދިވެހިންނާ ހަމައަށްވެސް މިވަނީ އައިސްފައެވެ. ރާއްޖޭގައިވެސް ޖިންސީ ގުޅުން ހިންގުމުގައި ވަކި އިމެއް މިނެއް ނެތުމަށް ގޮވައިލާ، އަދި ދިރިއުޅުމުގައި އެ ވިސްނުން ތަންފީޒުކުރާ މީހުން މިއަދު އެބަ ތިއްބެވެ. ފާއިތުވި ޖޫން މަހުގައި އެކަން އިހުނަށްވުރެ ބޮޑަށް ސާފުވިއެވެ. ގިނަ ބަޔަކު އެއް ޖިންސުން ގުޅުންހިންގާ މަންޒަރު ފެންނަ ވީޑިއޯތައް މުޅި މީސްމީޑިއާ ކިލަނބުކޮށްލައި ތަޣައްޔަރުކޮށްލީ ދިވެހިންގެ މެދުގައި މި ވިސްނުމާއި ފިކުރު އޮތް މިންވަރު ސާފުކޮށްދެމުންނެވެ.

މި ވިސްނުމަކީ ހުޅަނގުގެ ސަގާފީ އެކި އާލާތްތަކުގެ ތެރެއިން އަޅުގަނޑުމެންގެ މުޖުތަމައުގެ ތެރެއަށް ފޭއްދެމުން އަންނަ ފިކުރެކެވެ. ފިލްމާއި، ވާހަކައާއި، ޑުރާމާ ސިލްސިލާތަކާއި އެ ނޫންވެސް ސަގާފީ އުފެއްދުންތަކުގައި އެއް ޖިންސުން ގުޅުންހިންގުން އާންމުކޮށް އާދައިގެ ކަމެއްގެ ގޮތުގައި ދެއްކުންވަނީ އާންމުވެފައެވެ. އެ ނަޖިސް ވިސްނުން އާންމުވެފައިވާ މިންވަރަކީ ކުޑަކުދިންނަށް އަމާޒުކޮށް ހަދާ ބައެއް ފިލްމުތަކާއި އުފައްދާ ކާޓޫނުތަކުގައިވެސް އެ ވިސްނުން ހިމެނުމެވެ. އިހަކަށް ދުވަހު ނެރުނު ލައިޓްއިޔާ ކާޓޫނުގައިވެސް މި ދެންނެވި ބާވަތުގެ ކަމެއް ހިމެނިގެން އިސްލާމީ ވަރަށް ގިނަ ޤައުމުތަކުގައި އެ ފިލްމު އެޅުވުން މަނާވެސް ކުރިއެވެ.

މި ދެންނެވި ސަގާފަތުގެ އޮއިވަރުގެ އަސަރުތައް ދިވެހި އައްސޭރިތަކަށް ވާސިލުވެފައިވާއިރު، އެ ކަމުގައި ސަރުކާރުގެ ވިސްނުން ހުރި ގޮތް މިހާރު އަންނަނީ ސާފުވަމުންނެވެ. ހަރުކަށި ފިކުރަކީ ޤައުމީ ސަލާމަތަށް އޮތް އެންމެ ބޮޑު ނުރައްކާކަމަށް ޤަބޫލުކޮށް އެ ފިކުރާ ދެކޮޅަށް އުފައްދާފައިވާ ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޓުވީޓުތަކާއި ރިޓުވީޓުތަކުން އެ ހަގީގަތް ރައްޔިތުންނަށް އަންނަނީ ހާމަވަމުންނެވެ.

ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޓުވީޓުތަކާމެދު ބަހެއް ދަންނަވައިލުމުގެ ކުރިން ވިއްސާރަދުނީގެ މާނައަށް އައިސްފައިވާ ބަދަލުގެ މައްޗަށް ބަލައިލަންވެސް ޖެހެއެވެ. ވިއްސާރަދުންޏަކީ އެއް ޖިންސުން ގުޅުން ހިންގުމުގެ ރަމްޒެއްކަމަށް ހެދީ އެ އަމަލު ހިންގުމަކީ ޤާނޫނީ ގޮތުން ހައްގެއްކަމަށް ހަދަން މަސައްކަތްކުރާ ހުުޅަނގުގެ ޖަމާއަތްތަކުންނެވެ. ބޭނުމަކީ ތަބީއަތާ ނުފުށަށް ހިނގާ މި ނުބައި ފާޙިޝް އަމަލަކީ ޠަބީއީ ކަމެއްކަން ދައްކުވައިދިނުމެވެ. އެއީ އިންސާނީ ޖަމާއަތުގައި ހުންނަ އެހެންވެސް ތަފާތުތަކޭ އެއްފަދަ ތަފާތެއްކަމާއި އެ ތަފާތު ބަލައިނުގަނެ ކުރިއަށްނުދެވޭނެ ކަމުގެ ފިކުރަށް ބާރުދިނުމެވެ.

ވިއްސާރަދުނީގެ ވާހަކައިގެ ތެރެއިން ކުރިފަޅާ އަނެއް ވާހަކައަކީ ތަފާތުތައް ބަލައިގަތުމުގެ ވާހަކައެވެ. އިންސާނީ މުޖުތަމަޢެއްގައި ނަމަ ތަފާތު ޚިޔާލުުތަކާއި ވިސްނުންތައް ހުރުމަކީ ނޭކަށޭނެ ކަމެއް ނޫނެވެ. ނަމަވެސް އެއްވެސް މުޖުތަމަޢެއްގައި ކޮންމެ ތަފާތު ޚިޔާލަކީ، ބަލައިގަންނަ ޤަބޫލުކުރެވޭ ޚިޔާލެއް ނޫނެވެ. މިސާލެއް ދަންނަވައިލާނަމެވެ. ފަހަރުގައި ވަރަށް އާންމު މިސާލެއް ކަމުގައިވެސް ވެދާނެއެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ނާޒީ ޖަރުމަނުން ޔަހޫދީން ޤަތުލުކޮށް ޔަހޫދީ ނަސްލު ނައްތައިލަން ހިންގި ޖަރީމާގެ ވާހަކައެވެ. އެ ޖަރީމާއަކީ ނުހިނގާ ކަމެއްގެ ގޮތުގައި ބުނެ ޚިޔާލު ފާޅުކުރުމަކީ ހުޅަނގުގެ އެއްވެސް ޤައުމެއްގައި ކުރެވޭނެ ކަމެއް ނޫނެވެ. ބަލައިގަންނާނެ ކަމެއް ނޫނެވެ.

ހުޅަނގުގެ ޙަޟާރަތުގައި ކަލާނގެގެ މަފުހޫމު 20 ވަނަ ޤަރުނުގެ ކުރީ ކޮޅުގައި މަޑުމަޑުން އިންދިރާސްވެ، އަޚުލާޤީ އަގުކުރުންތަކަކީ ނިސްބީ (ރިލޭޓިވް) ކަމެއްގެ ގޮތުގައި ޤަބޫލުކުރަން ފެށުނެވެ. މި ފަލްސަފާ ފުޅާވަމުން އައިސް 1960 ގެ އަހަރުތަކުގައި ޖިންސީ މިނިވަންކަމުގެ ޙަރަކާތެއް ފުޅާވިއެވެ. އެ ހަރަކާތުގެ ތެރެއިން އެއް ޖިންސުން ގުޅުން ހިންގުމަކީ އާދައިގެ ކަމެއް ކަމުގައި ޤަބޫލުކުރުން އާންމުވެ، މިއަދު އަޅުގަނޑުމެން ދެކޭ މިންވަރަށް އެކަން އާންމުވާން ފެށިއެވެ. އަޚުލާޤީ އަގުކުރުންތަކަކީ ނިސްބީ އެއްޗަކަށް ހަދައިލުމުގެ ނަތީޖާއަކީ އަނެކުންނަށް ގެއްލުމާއި ދުއްތުރާއެއް ވަނިވި ކަންކަން ފިޔަވައި އެހެން ހުރިހައި ކަމެއް ރަނގަޅުވުމެވެ. މި ފަލްސަފާ ކުރުކޮށް އާންމުންނަށް ވިސްނޭނެ ގޮތަކަށް ކިޔައިދޭން ބޭނުންކުރާ އިބާރާތަކީ ތަފާތުތައް ބަލައިގަންނަން ޖެހޭކަމަށް ބުނާ ބުނުމެވެ.

މި ފަލްސަފާ ފުޅާވި މިންވަރަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން ބަލައިގަންނަ ހަރަކާތެއްވެސް ހުޅަނގުގައި އުފެދިގެން ދިއުމެވެ. އެގޮތުން 1980 ގެ ތެރޭގައި ޖަރުމަނުގެ ސައިކޮލިޖިސްޓެއް ކަމުގައިވާ ހެލްމަންޓް ކެންޓްލާގެ ބެލުމުގެ ދަށުން މަގުމަތީގައި ދިރިއުޅޭ ކުދިން، ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ މީހުންގެ ގެދޮރުގައި ބައިތިއްބަން ފެށިއެވެ. ކެންޓްލާގެ ލިޔުންތަކުގައި އޭނާ ދައުވާކުރާ ގޮތުގައި ކުޑަކުދިންނާ ޖިންސީ ގުޅުން ހިންގުމަކީ މައްސަލައެއް ނޫނެވެ. އަދި އެކަމުން ކުޑަކުދިންނަށް ފައިދާވާނެކަމަށްވެސް އޭނާ ބުންޏެވެ. މި ވިސްނުންތައް ޖަރުމަނުގެ މުޖުތަމައު އަދި އެ ޤައުމުގެ އެއިރުގެ ސަރުކާރުން ބަލައިގަތެވެ. މިހާރަކަށް އައިސް އެމެރިކާގައި، އެއް ޖިންސުން ގުޅުންހިންގާ މީހުން ބާއްވާ ބަރަހަނާ ޕެރޭޑުތަކުގައި ކުޑަކުދިން ބައިވެރިކުރުވުމަކީވެސް މި ޒާތުގެ ކަމެކެވެ.

މިއީ ހުޅަނގުގެ ޕޯސްޓު މޮޑާން ފަލްސަފާގެ ތެރެއިން އުފަންވި އިޖުތިމާއީ އަގުކުރުންތައް ރޫޅައިލުން (ޑިކޮންސްޓްރަކްޓު) ކުރުމުގެ ވިސްނުމުގެ އާޚިރު ނަތީޖާއެވެ. ތަފާތުތައް ބަލައިގަންނަން ގޮވައިލާ ގޮވެލިފަތި ނިމުނީ މި މިންވަރަށް ހުޅަނގުގެ މުޖުތަމައު އިންދިރާސްވެ އަޚުލާޤީ ގޮތުން ވިއްސިވިހާލިވެގެންނެވެ.

މި ވާހަކަތަކުގެ މަޤުޞަކީ ކައުންޓާ ޓެރަރިޒަމް ސެންޓަރުން މިހާރަކަށް އައިސް ކުރާ ބައެއް ޓުވީޓުތަކުގެ ވާހަކައަށް ޖެހިލުމެވެ. ތިރީގައި އެވަނީ އެއިން ބައެއް ޓުވީޓުގެ ސްކްރީންޝޮޓުތަކެވެ. އެންމެ ފަހުން މައްސަލަ ހޫނުވި ޓުވީޓު މިލިޔުމުގައި އެމްބެޑްކޮށްފައިވާނެއެވެ.

މި ޓުވީޓުތަކުގައި ދައްކަނީ މުޅިންވެސް ތަފާތުތައް ބަލައިގަތުމުގެ ވާހަކައެވެ. އަދި ފަހު ޓުވީޓުގައި ބޭނުންކޮށްވަނީ ވިއްސާރަދުނީގެ ކުލަތަކެވެ. މީގެ ކުރިން އެ އިދާރާއިންވަނީ އެއް ޖިންސުން ގުޅުން ހިންގުމަށް ތާއީދުކޮށް އެއީ އިންސާނީ ޙައްޤެއްކަމުގައި ހަދަން މަސައްކަތްކުރާ ޖަމާއަތެއްގެ ވެރިއެއްގެ ބަހެއްވެސް ރިޓުވީޓުކޮށްފައެވެ. މި ހުރިހައި ކަމެއް ގުޅުވައިލުމުން ނެރެވޭ ނަތީޖާއަކީ ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ މަޤުޞަދަކީ ހަމައެކަނި އިންސާނީ ޖަމާއަތުގައި ހުންނަ ތަބީއީ ފިކުރީ ތަފާތުތައް ބަލައިގަތުމަށް ބާރުއެޅުން ނޫން ކަމެވެ. މިފަދަ ތަބީއަތާ ފުށުއަރާ ކަންކަންވެސް ބަލައިގަތުމަށް ބާރުއެޅުމެވެ.

ތެދެކެވެ. ހަރުކަށި ވިސްނުމާ ދެކޮޅަށް މަސައްކަތްކުރަން ޖެހެއެވެ. ޓެރަރިޒަމް ނުވަތަ ނިރުބަވެރިކަމުން ޤައުމު ސަލާމަތްވެސްކުރަންޖެހެއެވެ. ނަމަވެސް އެ ކަންކަން ކުރަންވާނީ އިސްލާމްދީނުގެ ގިއުގަނޑުގެ ތެރެއިންނެވެ. އެ މައްސަލަތަކަށް އިސްލާމީ ވަސަތިއްޔަތު ނުވަތަ އިސްލާމީ މެދުމިންކަމުގެ ތެރެއިން ހައްލަުތައް ހޯދޭނެއެވެ. އެ ހައްލުތައް އިސްލާމްދީނުގައި ހުންނާނެއެވެ. ނަމަވެސް އޭގެ ބަދަލުގައި ދީނުގެ އަގުކުރުންތައް ބޮލާލާޖަހައި ހުޅަނގުގެ ފަލްސަފީ އަދި ސަގާފީ އޮއިވަރުތަކަށް ދީލާލައިގެން މި ކުރާ މަސައްކަތަކީ އަދަމުންދާ އަލިފާންގަނޑަކަށް ދަރު އެޅުމެވެ.

ވަރަށް ނުސީދާ ގޮތެއްގައި ކައުންޓާ ޓެރަރިޒަމް ޔުނިޓުން ކުރާ މަސައްކަތަކީ ކޮންމެ ތަފާތަކީ ބަލައިގަނެވޭނެ، ބަލައިގަންނަންޖެހޭ ތަފާތެއްކަން ވިސްނައިދިނުމެވެ. ނަމަވެސް އިސްލާމްދީނުގައި އެކަން އޮތީ އެހެނެއް ނޫނެވެ. އެއް ޖިންސުން ގުޅުންހިންގުން ފަދަ ކަންކަމަކީ ތަފާތެއް ނޫނެވެ. އެއީ ފާފައެވެ. ފާޙިޝް ކަންކަމެވެ. ފާޙިޝް ކަންކަމަކީ ތަބައީ ތަފާތުތަކެއް ކަމަށް ބަލައިގެން އެކަންކަމަށް މުޖުތަމައުގައި ޖާގަދެވިގެންނުވާނެއެވެ. އެއީ އިސްލާމްދީން އެކަމަށް ފުރުސަތު ދޭ ކަމެއް ނޫނެވެ.

އިސްލާމީ މުޖުތަމައެއްގައި ތަފާތުތައް ބަލައިގަތުމުގެ މިންގަނޑަކީ އިޖުތިހާދުގެ ދާއިރާއަށް ކަންކަން ވަނުމެވެ. މާނައަކީ އިސްލާމްދީނުގެ ސަރީހަ ސައްހަ ނައްސަކާ ޚިލާފުނުވާ ނުވަތަ ނައްސެއް މާނަކުރުމުގައި ޒަމާނުއްސުރެ ޚިޔާލު ތަފާތުވުން އޮންނަ ކަންކަމުގައި ތަފާތުތައް ބަލައިގަނެ ތަހައްމަލުކުރުމެވެ. ކަނޑައެޅިގެން ހަރާމް ކަންކަން ހުއްދަކުރުމާއި، އެކަންކަން ފާޅުގައި ކުރުމަކީ މި މިންގަނޑަށް ނުފެތޭ އިސްލާމީ މުޖުތަމައެއްގައި ބަލައިގަނެގެންވާނެ ކަންކަމެއް ނޫނެވެ.

އެހެންކަމުން ކައުންޓާ ޓެރަރިޒަމް ސެންޓަރުން ކުރަމުންދާ ޓުވީޓުތަކަކީ އިސްލާމީ މުޖުތަމައެއްގައި ކުރެވިގެންވާނެ ކަންކަމެއް ނޫނެވެ. އާދައިގެ ކަންކަމަށް ހެދިގެންނުވާނެ ކަންކަން އާދައިގެ ކަންކަމަށް ހަދަން ޖާގައާއި ފުރުސަތު ދީގެންނުވާނެއެވެ. އެކަން ނުހުއްޓުވައިފިނަމަ ރޯވާ ހުޅުގަނޑު ނިއްވައިލުން ފަހަރުގައި ދައުލަތަށް މުސްތަހީލު ކަމަކަށްވެދާނެއެވެ. އެއިރުން ލިބޭނީ އިއާދަނުކުރެވޭނެ ބޮޑު ގެއްލުމެވެ. ހަލާކެވެ.

ނޯޓު: މި ލިޔުމުގެ ބޭނުމަށް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ވެރިޔާ ޒަކަރިއްޔާ މަންސޫރަށް މެސެޖުކުރުމުން ޖަވާބެއް ނުދެއްވިއެވެ.

މި ލިއުމާއި ގުޅޭ