Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބިލިއަނަރުން

ދުނިޔޭގެ އެންމެ މުއްސަނދި އާއިލާގެ ތަނަވަސްކަމުން 11.4 ބިލިއަން ޑޮލަރު އުނިވެއްޖެ

ޢާއިލީ ވިޔަފާރި ވޮލްމާޓުގެ އާމްދަނީ އަންދާޒާކުރި މިންވަރަށްވުރެ މި އަހަރު ދަށްވާނެކަމަށް ލަފާކުރުމާއެކު، އެ ވިޔަފާރީގެ ހިއްސާގެ އަގު ދަށަށް ގޮސް، ދުނިޔޭގެ އެންމެ މުއްސަނދި އާއިލާކަމަށްވާ ވޮލްޓަން އާއިލާގެ ތަނަވަސްކަމުން 11.4 ބިލިއަން ޑޮލަރު މަދުވެއްޖެއެވެ.

ވޮލްމާޓުގެ މައި ކުންފުނި ބެންޓޮންވިލްގެ ހިއްސާވަނީ 7.6% ދަށަށް ގޮސްފައެވެ. އަދި އެ ކުންފުނިން އަންދާޒާކުރާ ގޮތުގައި މި އަހަރުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާއަކަށް ލިބޭ އާމްދަނީ 13% އާ ގާތްކުރާ މިންވަރަކަށް ދަށްވާނެއެވެ. މައިގަނޑު ގޮތެއްގައި އެ ކުންފުނީގެ ހިއްސާއަށް ލިބޭ އާމްދަނީ ދަށްވީ އެމެރިކާގެ ރައްޔިތުން ވިޔަފާރިކުރާ މިންވަރު މަދުވުމާ ގުޅިގެންނެވެ.

މި ވިޔަފާރިއަކީ މިހާރު އެ ވިޔަފާރި ހިންގާ މީހުންގެ ބައްޕަ ސެމް ވޮލްޓަން ބިނާކުރި ވިޔަފާރިއެކެވެ. އެ ވިޔަފާރި ބިނާކޮށްފައިވަނީ ތަދުމަޑުކަމުގެ ވަގުތުގައިވެސް އެ ވިޔަފާރީގެ ހިއްސާ އެއްވަރެއްގައި ހިފަހެއްޓޭނެ ފަދަ ޑިސްކައުންޓު ސަގާފަތެއްގެ މައްޗަށެވެ. އެ ކުންފުނީގެ އާމްދަނީގެ އަންދާޒާތައް މުރާޖައާކުރި އެއް ސަބަބުކަމަށް އެ ކުންފުނިން ފާހަގަކުރީ ތަކެތީގެ އަގު އުފުލުމާ ގުޅިގެން ކަސްޓަމަރުން ގަންނަން ޝައުޤުވެރިނުވާ މުދާ ފިހާރަތަކުން ނަގަން ކުރަންޖެހުނު ހޭދަ ބޮޑުވުމެވެ.

ދުނިޔޭގައި ދިރިތިބި ވޮލްޓަންގެ ދަރިން އެލިސް، ޖިމް އަދި ރޮބްގެ އިތުރަށް ދަނބިދަރި ކްރިސްޓީއާއި އޭނާގެ ދަރިފުޅު ލޫކަސް، ވޮލްމާޓުގެ 50%އަށްވުރެ ބޮޑު ހިއްސާއެއް ކޮންޓުރޯލުކުރެއެވެ. އެހެންކަމުން މުޅި އާއިލާގެ ތަނަވަސްކަން ހުންނާނެކަމަށް އަންދާޒާކުރެވެނީ މިހާރު 199.3 ބިލިއަން ޑޮލަރުގައެވެ. އެއީ ނިމުނު އަހަރާ އަޅާބަލާއިރު 11 އިންސައްތަ ދަށްވުމެކެވެ.

ރީޓެއިލް ވިޔަފާރިކުރާ ބޮޑެތި ކުންފުނިތަކުގެ ތެރެއިން އިޤުތިޞާދީ ހީނަރުކަމުގެ އަސަރުކުރީ ހަމައެކަނނި ވޮލްމާޓަކަށް ނޫނެވެ. ކެނަޑާގެ އީ ކޮމާސް ވިޔަފާރިއެއް ކަމަށްވާ ޝޮޕިފައިގެ އާމްދަނީ 11 އިންސައްތަ ދަށަށް ގޮސްފައިވާއިރު، އެ ކޮވިޑަށްފަހު އެ ކުންފުނީގެ ވިޔަފާރި ފުޅާކުރަން ނިންމި ނިންމުމުން ރަނގަޅު ނަތީޖާއެއް ނުނެރުވުމުގެ ސަބަބުން އެ ކުންފުނީގެ މުވައްޒަފުންގެ 10% ވަޒީފާއިން ވަކިކުރަން ނިންމާފައިވާކަމަށް ކުންފުނީގެ ސީއީއޯ ވިދާޅުވެފައިވެއެވެ.

މި ހީނަރުކަމާއެކު ޝޮޕިފައިގެ ސީއީއޯ ޓޯބީ ލުޓްކެގެ ތަނަވަސްކަމުން 383 މިލިއަން އެމެރިކާ ޑޮލަރުވަނީ އުނިވެފައެވެ. އެއާއެކު އޭނާގެ ތަނަވަސްކަންވަނީ 3.1 ބިލިއަން ޑޮލަރަށް ދަށްވެފައެވެ. ޝޮޕިފައިގެ ހިއްސާގެ އަގުވަނީ 77% ވެއްޓިފައެވެ.

ވޮލްޓަން އާއިލާއިންވަނީ ވޯލްމާޓު ވިޔަފާރީގައި އެ އާއިލާގެ ހިއްސާ މަދުކުރުމަށް ފާއިތުވި އަހަރުތަކުގައި ގިނަ އަދަދެއްގެ ހިއްސާ ވިއްކާފައެވެ. ނިމުނު އަހަރު އެކަނި އެ އާއިލާއިންވަނީ ޖުމްލަ 6.2 ބިލިއަން ޑޮލަރުގެ ހިއްސާ ވިއްކާފައެވެ.

މި ލިއުމާއި ގުޅޭ