ސްރީލަންކާގެ ކުރީގެ ރައީސް ގޯތަބަޔާ ރާޖަޕަކްސަ އަނބުރާ ޤައުމަށް ވަޑައިގަންނަވާނެ ކަމަށް އެ ޤައުމުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ވިދާޅުވެއްޖެއެވެ.
ލަންކާއަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ކާރިސާގައި ތަކެތީގެ އަގު އިންތިހާއަށް އުފުލި، އަސާސީ މުދާ ލިބުން ދަތިވެ، އެ ޤައުމުގެ ބޭރު ފައިސާގެ ރިޒާވް އެކީ ހުސްވުމުގައި ގޯތަބަޔާގެ ސިޔާސަތުތަކުގެ ބޮޑު ދައުރެއް އޮތްކަމަށް ބުނެ އެ ޤައުމުގެ ރައްޔިތުންވަނީ ސިލްސިލާ ގޮތެއްގައި އޭނާއާ ދެކޮޅަށް އިހުތިޖާޖުކޮށްފައެވެ.
މަޤާމުން އިސްތިއުފާދެއްވުމަށް މުޒާހަރާކޮށް އިހުތިޖާޖުކުރި ރައްޔިތުން ގޮވައިލި ނަމަވެސް ގޯތަބަޔާވަނީ މަޤާމުން އިސްތިއުފާނުދެއްވައި ހިފަހައްޓާފައެވެ. ލަންކާ މުޒާހަރާވެރިން ރިޔާސީ ގަނޑުވަރު ދޮށަށް އެއްވެސް އެންމެ ފަހުން ގަނޑުވަރަށް ވަދެގަންނާނެކަން ޔަޤީންވެވަޑައިގަތުމުން ގަނޑުވަރު ދޫކުރައްވައި ވަޑައިގެން، މަޤާމުން އިސްތިއުފާދެއްވާނެކަން ގޯތަބަޔާ އިއުލާނުކުރެއްވިއެވެ.
ނަމަވެސް އޭނާ މަޤާމުން އިސްތިއުފާދެއްވުމުގެ ކުރިން ލަންކާ ދޫކުރައްވައި ފިއްލަވާވަޑައިގެން ރާއްޖެއަށް ވަޑައިގަތެވެ، އަދި ރާއްޖެއިން ސިންގަޕޫރަށް ވަޑައިގެންނެވިއެވެ. އިސްތިއުފާދެއްވީ އެ ޤައުމުގައި ހުންނަވައިގެންނެވެ.
ލަންކާގެ ވަޒީރުންގެ މަޖިލީހުގެ ތަރުޖަމާން ބަންޑޫލާ ގުނަވަރްދެނާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަންގާރަދުވަހުގައި ވިދާޅުވީ އޭނާއަށް އެނގިވަޑައިގެންފައި އޮތް ގޮތުން ގޯތަބަޔާ އަނބުރާ ލަންކާއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ގޯތަބަޔާ އުޅުއްވަނީ ފިއްލަވައިގެން ނޫން ކަމަށާއި، އަދި އޭނާ އަރުވައިވެސް ނުލެވޭ ކަމަށް ބަންޑޫލާ ވިދާޅުވިއެވެ.
ނަން ހާމަނުކުރުން ޝަރުތުކޮށް ބްލޫމްބާގް ނޫހާ ވާހަކަދެއްކެވި ލަންކާގެ މަސްއޫލުވެރިޔަކު ވިދާޅުވީ ގޯތަބަޔާ ހުންނެވީ އަނބުރާ ލަންކާއަށް ވަޑައިގަތުމަށް ވަރަށް ބޮޑަށް ބޭނުންފުޅުވެފައި ކަމަށެވެ. އަދި ދިރިއުޅުއްވަން އޭނާ ބޭނުންފުޅުވަނީ ލަންކާގެ ވެރިރަށް ކޮލަންބޯގެ ރަށް ބޭރުގައި ހުންނަ އޭނާގެ އަމިއްލަ ގެކޮޅުގައި ކަމަށްވެސް އެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.
އަމިއްލަ ރައްޔިތެއްގެ ގޮތުގައި ސިންގަޕޫރަށް ގޯތަބަޔާ ވަދެވަޑައިގަތީ ޖުލައި 14 ވަނަ ދުވަހުގައެވެ. އާންމުކޮށް ލަންކާ މީހުންނަށް ސިންގަޕޫރުން 30 ދުވަހުގެ ވިސާއެއް ދިން ނަމަވެސް ގޯތަބަޔާއަށް ސިންގަޕޫރުން ދިނީ އެއަށްވުރެ ކުރު މުހުލަތުގެ ވިސާއެއްކަމަށް ބައެއް މީޑިއާއިން ރިޕޯޓުކުރެއެވެ. އެކަމާމެދު ސިންގަޕޫރު ސަރުކާރުން ބަހެއް ނުބުނެއެވެ.