ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުން ލާޒިމުވާ ގޮތަށް ހެއްކާ ބެހޭ ބިލުގައި ހިމަނާފައިވާ މާއްދާއާއެކު އެ ބިލު ތަސްދީގުކުރުމާއި ގުޅިގެން ރާއްޖެ އާއި ބޭރުގެ 10 ޖަމިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ބިލް ތަސްދީގުކޮށްފައިވަނީ ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުން ލާޒިމު ކުރާ މާއްދާއާއެކު އެ ބިލު ތަސްދީގުނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަރިހުން ނޫސްވެރިން އެދިފައިވަނިކޮށެވެ.
މިކަން ކުށްވެރިކޮށް ބަޔާންނެރުނު ޖަމުއިއްޔާތަކުގެ ތެރޭގައި އެމްނެސްޓީ އިންޓަނޭޝަނަލް، ސެންޓަރ ފޯ ލޯ އެންޑް ޑިމޮކްރަސީ، ވޯލްޑް އެލިއެންސް ފޯ ސިޓިޒަން ޕާޓިސިޕޭޝަން (ސީއައިވީއައިސީޔޫއެސް)، ކޮމިޓީ ޓު ޕްރޮޖެކްޓް ޖާނަލިސްޓް، ހިއުމަން ރައިޓްސް ވޮޗް، އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސްއާއި ރިޕޯޓަރސް ވިތައުޓް ބޯޑާސް ހިމެނެއެވެ.
ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާ ގާނޫނުގެ 136 ވަނަ މާއްދާގައި ޓެރަރިޒަމް އަދި ގައުމީ ސަލާމަތާ ގުޅޭ މައްސަލަތަކުގައި ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އަމުރުކުރެވޭނެ ކަމަށް ބުނެފައިވީ ނަމަވެސް ތަފްސީލީގޮތެއްގައި އެ މައްސަލަތަކަކީ ކޮބައިކަން ބުނެދީފައިނުވާކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ ޓެރަރިޒަމާއި ގައުމީ ސަލާމަތާ ގުޅޭ ކަންކަން ބަހަނާއަކަށް ދައްކައި މީގެ ކުރިންވެސް ނޫސްވެރިން ބަންދުކުރުމާއި ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ ނޫސްވެރިން ޖަލަށްލުން ފަދަ ކަންތައްތައް ކޮށްފައިވުމަކީ ކަންބޮޑުވާކަމެއްކަމަށެވެ.
މީގެއިތުރުން މަސްދަރު ހާމަކުރަން މަޖުބޫރުކުރުމުގެ ސަބަބުން ބޮޑެތި މައްސަލަތަކުގައި މައުލޫމާތު ދިނުމަށް މީހުން ފަސްޖެހޭނެ ކަމަށާއި މަސްދަރު ހާމަކުރަން އެންގުމަކީ ހިޔާލުފާޅުކުރުމުގެ ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެކަން ފާހަގަކޮށް އެ ބަޔާނުގައި ވަނީ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނާއި މިންގަނޑުތަކާ އެއް ގޮތަށް ހެއްކާ ބެހޭ ގާނޫނު އިސްލާހުކުރަން ނުވަތަ އެ ގާނޫނު އުވާލުމަށް ގޮވާލާފައެވެ.
އޭގެއިތުރަށް ހަ މަސް ފަހުން އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖެ އާއި ބޭރުގެ ތަޖުރިބާކާރުންނާ މަޝްވަރާކުރުމަށް ވެސް ބަޔާނުގައި ގޮވާލާފައިވެއެވެ.
އެހެންކަމުން ހެއްކާ ބެހޭ ބިލުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން 180 އަށްވުރެ ގިނަ ނޫސްވެރިން ސޮއިކޮށް ރައީސް ޞާލިޙަށް ޕެޓިޝަނެއް ހުށަހަޅާފައިވެއެވެ.
އަދި މަސްދަރު ހާމަކުރުމާ މެދު ކޯޓުން ގޮތެއް ކަނޑައަޅާއިރު އެކަމުގެ ބަހުސްގެ މަރުހަލާގައި މަސްދަރުގެ ހަގީގަތް އެނގޭ ނޫސްވެރިޔާ ނުވަތަ މީޑިއާގައި މަސައްކަތް ކުރާ ފަރާތަށް ކޯޓުގައި ވާހަކަ ދައްކާ ހެކިބަސް ދިނުމުގެ ފުރުސަތު ދިނުމުގެ އުސޫލެއް ހިމެނުމަށް ވެސް ވަނީ ގޮވާލައިފައެވެ.