މިނިވަންދުވަސް އިހުތިފާލުކުރާއިރު މުޅިންހެން ދެކެވެނީ ތާރީޚުގެ ވާހަކައެވެ. އެ ދުވަސް އިހުތިފާލުކުރެވެނީ މިނިވަންކަމަށް ރާއްޖެ ކުރި ދަތުރާއި ދިވެހިރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވި ބަތަލުން ކުރެއްވި އަގުހުރި މަސައްކަތްޕުޅުގެ ޒިކުރާ އައުކުރުމަށެވެ. ޒިކުރާ އައުކޮށް ހަނދާނުން ކެހިގެން ދިޔަނުދީ ހިފަހައްޓަންޖެހޭ ކަންކަމުގެ ވާހަކަދެއްކުން މުހިއްމެވެ. ނަމަވެސް މިނިވަންދުވަހެއް އިހުތިފާލުކުރާއިރު، ކުރަންޖެހި ނުކުރެވި ދޫކޮށްލެވި އިހުމާލުވެވޭ ކަމަކީ ރާއްޖޭގެ މިނިވަންކަމުގެ މައްޗަށް ފުންކޮށް ވިސްނައި ނަޒަރުކޮށް، ދިވެހިރާއްޖޭގެ މިނިވަންކަމަށް ހުރި ގޮންޖެހުންތަކާމެދު ބަހުސްކުރުމެވެ.
އިސްތިޤުލާލު (Independence) މަފުހޫމެއްގެ ގޮތުގައި ލާމެހިފައި އޮންނަ އަނެއް މަފުހޫމަކީ ސިޔާދަތު (Sovereignty)ގެ މަފުހޫމެވެ. މި ދެ މަފުހޫމަކީވެސް ބައިނަލްއަޤުވާމީ ޤާނޫނާއި ބައިނަލްއަޤުވާމީ ގުޅުންތަކުގެ މަފުހޫމުތަކުގެ ތެރެއިން މުހިއްމު ދެ މަފުހޫމެވެ. މިއިން އިސްތިޤުލާލުގެ މަފުހޫމަކީ ބައިނަލްއަޤުވާމީ ޤާނޫނުގެ ނަޒަރުގައި ދައުލަތަކަށް ޤާނޫނީ ޝަޚުޞު ލިބުމަށް ފުރިހަމަވާންޖެހޭ ރުކުނެކެވެ. އެ މަފުހޫމުގެ މުރާދަކީ އެހެން ޤައުމެއްގެ މައްޗަށް ޤައުމެއްގެ ޚާރިޖީ ސިޔާސަތު ހިންގުން ބަރޯސާކޮށް، އެހެން ޤައުމަކަށް އެކަން ވީއްލާފައި ނެތުންކަމަށް މޮންޓެވީޑޯ ކޮންވެންޝަނުގައި ބުނެފައިވެއެވެ. އިސްތިޤުލާލުގެ މުރާދަކީ އަމިއްލަ ބާރުގައި އެހެން ދައުލަތްތަކާ މުއާމަލާތްކުރުމުގެ ޤާބިލުކަން ލިބުމެވެ.
މި މަފުހޫމާ ގުޅިގެން ބައިނަލްއަޤުވާމީ ޤާނޫނުގައި ދެން ބަހުސްކުރެވޭ އަނެއް މަފުހޫމަކީ "ޑިޕެންޑެންޓް ސްޓޭޓްސް" ނުވަތަ ބަރޯސާވަނިވި ދައުލަތްތަކުގެ މަފުހޫމެވެ. މި ބާވަތުގެ ދައުލަތްތަކަކީ ދައުލަތުގެ ސިފަތައް ފުރިހަމަވުމާއެކުވެސް މުސްތަޤިއްލު ހައިސިއްޔަތު ނެތުމުން ބައިނަލްއަޤުވާމި ޤާނޫނުގެ މަންޒޫރުގައި ދައުލަތެއް ކަމުގައި ނުގެނޭ ދައުލަތްތަކެވެ. މިއީ 1956 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހާ ހަމައަށް އިނގިރޭސީންގެ ހިމާޔަތުގައި ރާއްޖެ އޮތް ދަރަޖައެވެ. މި ހާލަތުގައި ދައުލަތެއް އޮންނަނީ އެ ދައުލަތެއްގެ ޚާރިޖީ ސިޔާސަތު ހިންގުމުގެ ބާރު އެހެން ޤައުމަކާ މަތިކޮށް ހަވާލުކޮށްފައި އޮތުމުންނެވެ.
ބައެއް ފަހަރުގައި ބައިނަލްއަޤުވާމީ ޤާނޫނުގައި ސިޔާދަތުގެ މަފުހޫމު ބޭނުންކުރެވެނީ އިސްތިޤުލާލާ ދާދި އެއް މާނައެއްގައި ކަމަށް ޤާނޫނީ ޢިލްމުވެރިން ވިދާޅުވެއެވެ. ބައިނަލްއަޤުވާމީ ކޯޓުން ޔޫއެސް ނޭޝަނަލް އިން މޮރޮކޯ ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ބަލާއިރު، ސިޔާދަތުގެ މަފުހޫމަކީ އިސްތިޤުލާލުގެ މަފުހޫމަށްވުރެ ޚާއްޞަ މަފުހޫމެކެވެ. އެ މަފުހޫމުގެ މުރާދަކީ އެ ޤައުމެއްގެ ސަރަހައްދުގެ މައްޗަށް އެ ޤައުމުގެ އަމިއްލަ ޤާނޫނުތަކާއި، ޤަބޫލުކުރުންތައް ހިނގުމެވެ. އެހެންކަމުން އެ ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ މަޣުރިބުގެ ޚާރިޖީ ސިޔާސަތުގެ ކަންކަން ފަރަންސޭސީންނާ މަތިކޮށް، ފަރަންސޭސި ހިމާޔަތަށް އެ ޤައުމު ދިޔަ ނަމަވެސް، އެ ޤައުމުގެ އަސާސީ ޝަޚުޞިއްޔަތު ދަމަހައްޓާފައިވާތީ އެ ޤައުމަކީ ސިޔާދަތު ލިބިގެންވާ ދައުލަތެއް ކަމަށެވެ.
އެހެންކަމުން މިއަދު ދިވެހިން ފާހަގަކުރާ މިނިވަންކަމުގެ 75 އަހަރަކީ ދިވެހިރާއްޖެއަށް ބައިނަލްއަޤުވާމީ ޤާނޫނީ ނިޒާމުގައި މުސްތަޤިއްލު ދައުލަތެއްގެ ޤާނޫނީ ޝަޚުޞިއްޔަތު (Legal Person) ގެ ހައިސިއްޔަތު ލިބުމެވެ. އޭގެ ކުރިންވެސް ދިވެހިރާއްޖެއަކީ ސިޔާދަތު ލިބިފައި އޮތް ދައުލަތެކެވެ.
ކުދި ޤައުމުތަކަކީ އަބަދުވެސް ބޮޑެތި ޤައުމުތަކުގެ މައްޗަށް އެއް މާނައަށްވުރެ ގިނަ މާނާގައި ބަރޯސާވާންޖެހޭ ޤައުމުތަކެވެ. އެގޮތުން ދިވެހިރާއްޖެއަކީވެސް އިޤުތިޞާދީ ގޮތުންނާއި، ސަލާމަތުގެ ގޮތުން ރާއްޖެއަށްވުރެ ބޮޑެތި ވަސީލަތްތަކުގެ ގޮތުން ތަނަވަސް ޤައުމުތަކުގެ މައްޗަށް ބަރޯސާވާންޖެހޭ ޤައުމެކެވެ. ޤައުމެއް އެހެން ޤައުމުތަކުގެ މައްޗަށް ބަރޯސާވުމަކީ އޭގެ ޒާތުގައި ބަވަނަވެފައިވާ ދުނިޔެއެއްގައި މައްސަލައެއް ނޫންކަމަށް އެސް.ފާތު 1989 ވަނަ އަހަރުގަިއ ލިޔުއްވި "ސޮވެރިންޓީ އެންޑް އިންޑެޕެންޑެންސް އިން ދަ ކޮންޓެމްޕަރަރޯ ޕެސިފިކް" މި ކަރުދާހުގައި ފާހަގަކުރައްވާފައިވެއެވެ.
ޖާނަލް އޮފް ޕެސިފިކް ހިސްޓަރީގައި 1982 ވަނަ އަހަރު ބީ. މެކްޑޮނާލްޑް ލިޔުއްވާފައިވާ "ސެލްފް ޑިޓަމިނޭޝަން އެންޑް ސެލްފް ގަވަނޭންސް" ދިރާސީ ކަރުދާހުގައި އޭނާ ފާހަގަކުރެއްވި ގޮތުގައި ކުދި ޤައުމުތައް ބޮޑެތި ޤައުމުތަކަށް ބަރޯސާވާންޖެހޭ ޖެހުން މައްސަލައަކަށް ބަދަލުވަނީ އަމިއްލައަށް، އެ ޤައުމުތަކުގެ މުސްތަޤުބަލު ކަނޑައެޅުމުގެ ޙައްޤަށް ހުރަސްއެޅޭ ހިސާބުންނެވެ. އެ ޤައުމެއްގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތަކީ އެ ޤައުމުގެ މުސްތަޤުބަލު ކަނޑައެޅުމުގެ އެންމެ މުހިއްމު ދެ ބަހާ ކަމުގައިވާއިރު، އެ ދެ ބަހާގެ ކޮންޓުރޯލު ބޮޑު ދައުލަތެއްގެ އަތަށް ކަހައިލެވުމަށް މެދުވެރިވާ ސަބަބަކަށް އެ ޤައުމުތަކުގެ މެދުގައި އޮންނަ ބަރޯސާވުމުގެ ގުޅުން (Interdependence) ވެއްޖެނަމަ ނަތީޖާއަކީ އެ ޤައުމެއްގެ ސިޔާދަތީ ބާރު ހީނަރުވުން ކަމަށް އޭނާ ފާހަގަކުރައްވައެވެ.
ލެނާޑް ވުލްފު ލިޔުއްވާފައިވާ "ދަ ފިއުޗާ އޮފް ދަ ސްމޯލް ސްޓޭޓް" މި ކަރުދާހުގައި އޭނާ ފާހަގަކުރެއްވި ގޮތުގައި ކުދި ދައުލަތްތަކަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ އެ ޤައުމުތަކުގެ ސަަހައްދީ ނަޒާހަތްތެރިކަން (Territorial integrity) ދެމެހެއްޓުމާއެކު، ބައިނަލްއަޤުވާމީ ގުޅުންތަކުގައި ބައިވެރިވުމެވެ. ޚާއްޞަކޮށް ކުދި ޤައުމުތަކުގެ ތެރެއިން މި ގޮންޖެހުން އެންމެ ބޮޑަށް ކުރިމަތިވާނީ އިސްތިރާޖީ ގޮތުން މުހިއްމު ސަރަހައްދުތަކުގައި އޮންނަ ޤައުމުތަކަށެވެ. އެ ޤައުމުތަކުގެ ސަރަހައްދަށް ވެރިވެ އެ ސަރަހައްދުގެ ސަބަބުން ލިބޭ އިސްތިރާޖީ ފައިދާތައް ހޯދަން ބޮޑެތި ޤައުމުތަކުން އަބަދުވެސް ދަހިވެތިވާނެއެވެ.
"މީޓިން ދަ ޓެސްޓްސް އޮފް ޓައިމް: ސްމޯލް ސްޓޭޓްސް އިން ދަ ޓުވެންޓީ ފަސްޓް ސެންޗަރީ" މި ކަރުދާހުގައި ގޮޑްފްރޭ ބަލްޑަޗިނޯ ފާހަގަކުރެއްވި ގޮތުގައި ކުދި ދައުލަތްތަކަކީވެސް ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ދައުލަތްތަކަށް ލިބިގެންވާ ހަމަހަމަކަމާއި ސިޔާދަތީ ބާރު ފުރިހަމައަށް ލިބިފައިވާ ދައުލަތްތަކެވެ. އަދި އެ ދައުލަތްތަކުން ބައިނަލްއަޤުވާމީ ގުޅުމުގައި ބޭނުންވަނީ އެހެން ދައުލަތްތަކަށް ލިބިފައި އޮންނަ ޙައްޤުތައް އެ ދައުލަތްތަކަށްވެސް ފުރިހަމައަށް ލިބުމެވެ.
ނަމަވެސް އޭނާގެ ތަހުލީލުގައި ވަރަށް ގިނަ ފަހަރަށް ކުދި ދައުލަތްތަކަށް ބައިނަލްއަޤުވާމީ ޤާނޫނުގައި ހުރިހާ ދައުލަތަކަށް ލިބޭ ސިޔާދަތީ ހަމަހަމަކަން އޮންނަނީ ގެއްލިފައެވެ. އެހެންކަމުން ކުދި ދައުލަތްތަކުން އެ ހަމަހަމަކަން ރުޖޫއަކޮށް އިއާދަކުރުމަށްޓަކައި ސަރަހައްދީ ބޮޑެތި ބާރުތަކުގެ ނިވަލަށް ނުވަދެ އެހެން ގުޅުންތައް ނުވަތަ އިއްތިހާދުތައް ޤާއިމުކުރެއެވެ. އެގޮތުން ކުދި ގިނަ ޤައުމުތަކެއް ޗައިނާއާ ގުޅުން ބަދަހިކުރާ އެއް ސަބަބުކަމަށް އޭނާ ފާހަގަކުރެއްވީ އެ ޤައުމުތަކާ އިންވެފައި ހުންނަ ބޮޑެތި ދައުލަތްތަކުގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ. ސަރަހައްދީ ބާރުތަކުން ކުދި ޤައުމުތަކަށް ނުފޫޒު ފޯރުވާ ފޯރުވުމުގެ ފަހަތުގައި އެ ޤައުމުތަކުގެ ސިޔާދަތީ ހަމަހަމަކަމުގެ ޙައްޤަށް އުނިކަން ލިބޭ ގޮތަށް އަމަލުކުރުމަކީ އާންމު ކަމެއް ކަމުގައިވެސް އޭނާ ފާހަގަކުރައްވައެވެ.
1956 ވަނަ އަހަރުން ފެށިގެން ފާއިތުވެގެން ދިޔަ 57 އަހަރު ދިވެހިރާއްޖެއަކީ ސިޔާދަތު ލިބިފައިވާ މުސްތަޤިއްލު ދައުލަތެކެވެ. ރާއްޖޭގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތު އެކަށެއެޅުމުގެ ފުރިހަމަ އިޚުތިޔާރާއި ބާރު އޮތީ ދިވެހިން އިޚުތިޔާރުކުރާ ވެރިންތަކެއްގެ އަތްމަތީގައެވެ. އެހެންނަމަވެސް ރާއްޖޭގެ މިނިވަންކަމުގެ ދަތުރާމެދު ވިސްނައިލުމުން އެނގޭ އެއް ޙަޤީޤަތަކީ 1965 ވަނަ އަހަރުގައި ސޮއިކުރެވުނު މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ އޭގެ ކުރިން އިނގިރޭސި ދައުލަތާއެކު ކުރެވުނު އެއްބަސްވުމާ އެއްގޮތަށް އިނގިރޭސިން ދިވެހި ދައުލަތުގެ ސިޔާދަތަށް އިހުތިރާމުނުކުރުމުން ކަމެވެ.
އޭގެ ތެރެއިން އެއް ކަމަކީ ދެކުނުގެ ތިން އަތޮޅުގައި އިނގިރޭސީން ބޭނުންވެގެން އިނގިރޭސީންގެ ހިމާޔަތުގައި ވަކި ދައުލަތެއް ޤާއިމުކޮށް ރާއްޖެ ބައިބައިކުރުމެވެ. ސުވާދީބު ދައުލަތަކީ ޒަމާނީ ދައުލަތެއްގެ ސިފަތައް ލިބިފައިވާ ދައުލަތެކެވެ. އަމިއްލަ ޕާސްޕޯޓަކާއި ބޭންކިން ނިޒާމެއްގެ އިތުރަށް އަމިއްލަ ފުލުހުންގެ ނިޒާމަކާއި ޤާނޫނު ހަދާ މަޖިލީހަކާއި ވެރިކަން ހިންގާނެ ސަރުކާރެއް އެ ދައުލަތުގައި އޮތެވެ. އިނގިރޭސީން އެ ދައުލަތަށް އޮތް ބޭނުން ކެނޑުމުން އެ ދައުލަތް އުވާލައި ދައުލަތުގެ ވެރިޔަކަށް ހުންނެވި ބޭފުޅާ ރާއްޖެއިން ގެންދިޔައީއެވެ. އެވެސް ދިވެހި ދައުލަތަށް އެނގުމަކާ ނުލައެވެ.
މި ހާދިސާ ވެގެންދިޔައީ ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވުމަށް އެއިރުގެ ބޮޑުވަޒީރު ސުއްމުވުލްއަމީރު އިބްރާހީމް ނާޞިރު ނިންމެވި އެއް ސަބަބަށެވެ. އަދި މިނިވަންކަން ހޯއްދެވުމުގެ އަޒުމު އެމަނިކުފާނުގެ ހިތްޕުޅުގައި ވަރުގަދަވި ކަމަކަށެވެ. މި ހާދިސާއަކީ ދިވެހިރާއްޖޭގެ ސިޔާދަތަށް އިނގިރޭސީން އިހުތިރާމުނުކުރާކަން ސާފުކޮށް އެނގުނު ކަމެކެވެ.
މިއަދުގެ ހާލަތަށް ރުޖޫއަވާއިރު މީގެ 4 އަހަރު ކުރިން އެއިރުގެ ދިވެހި ސަރުކާރުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ގެންދަން އެ ޤައުމުގައި އެދުނެވެ. އެ މީހުންނަށް ރާއްޖޭގައި ތިބުމަށް ދިން ހުއްދަ ނުވަތަ ވިސާ އައުކޮށްނުދިނުމަށް ނިންމިއެވެ. އެމީހުން ރާއްޖޭގައި ތިބުމަށް ހުއްދަ ދިން އެއްބަސްވުމުގެ މުހުލަތު ހަމަވުމުން އަލުން އެ އެއްބަސްވުން އައުނުކުރަން ނިންމިއެވެ. އެއިން އެއްވެސް ކަމަކަށް އިންޑިއާއިން ފަރުވާލެއް ނުބެހެއްޓިއެވެ. ކަހާ ތަން ހިރުވައިވެސް ނުލައި އިންޑިއާއިން އިންތިޒާރުކުރީ އަދި މަސައްކަތްކުރީ އެ ސަރުކާރު ނިންމުކަށް ގެނައުމަށެވެ.
މިއަދު އިންޑިއާއާ ރާއްޖޭގެ ގުޅުން ބަދަހިވެ އެ ގުޅުން މިވަނީ މިއިން ޒަމާނެއްގައި ދިވެހިން ނުދެކޭ މިންވަރަށް ބަދަލުވެފައެވެ. އެ ގުޅުން ބަދަލުވީ ރަހުމަތްތެރިކަމުގެ ގުޅުމަކުން ފުރިހަމައަށް ބަރޯސާވަނިވި ގުޅުމަކަށެވެ. އެ ބަރޯސާވުމުގެ ތެރެއިން ރާއްޖޭގެ އިސްތިޤުލާލަށް އަސަރުކޮށްފައިވާއިރު ސިޔާދަތީ ބާރު ވަރަށް ބޮޑަށްވަނީ ހީނަރުވެފައެވެ.
ކ.ބެއިލްސް އަދި އެންޑާސް ވިވެލް ލިޔުއްވި ސްމޯލް ސްޓޭޓްސް އެންޑް ސޮވެރިންޓީ ކަރުދާހުގައި އެ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި ކުޑަ ދައުލަތެއްގެ ސިޔާދަތު ހީނަރުވާކަމުގެ އެއް އަލާމަތަކީ އެ ދައުލަތުގެ ދާޚިލީ ކަންކަން ނިންމުމުގައި އަދި އިޤުތިޞާދީ ސިޔާސަތާއި ޚާރިޖީ ސިޔާސަތު އެކަށައެޅުމުގައި އަމިއްލަ މަސްލަހަތަށްވުރެ އެހެން ޤައުމެއްގެ މަސްލަހަތު އިސްކުރުމެވެ.
ރާއްޖޭގެ ހާލަތަށް ބަލާއިރު ރާއްޖޭގެ މަސްލަހަތު ގުޅިފައި އޮންނަނީ އަވަސް ހަލުއި ތަރައްޤީއާއެވެ. ރާއްޖޭގެ ދަރަނި ރަނގަޅަށް ދެމެހެއްޓެނެވި ގޮތެއްގައި މެނޭޖުކުރުމާއެވެ. ސަރުކާރުގެ ޚާރިޖީ އަދި ދާޚިލީ ސިޔާސަތަށް ފާޑުކިޔުމުގެ ފުރިހަމަ މިނިވަންކަން ރައްޔިތުންނަށް އޮތުމާއެވެ. އަދި އިސްލާމީ އުންމަތުގެ ވިންދާ އިހުސާސާ އެއްގޮތަށް ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ހަރަކާތްތެރިވުމާއެވެ.
އަޅުގަނޑުގެ ސުވާލަކީ މިއަދު މިނިވަންކަމާއެކު 57 އަހަރު ހޭދަކުރިކަން އިހުތިފާލުކުރާއިރު، މަތީގައި ބަޔާންކުރެވުނު ހުރިހާ ހަގީގަތްތަކުގެ އަލީގައި، އިސްތިޤުލާލާއި ސިޔާދަތުގެ ތަރާދުގައި ރާއްޖެ ވަޒަންކުރާނީ ފުރިހަމަ މުސްތަޤިއްލު އަދި ސިޔާދަތު އޮތް ޤައުމެއްގެ ގޮތުގައިތޯއެވެ؟