Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިވަން ދުވަސް

ރައީސް ނާޞިރު ހޯއްދަވައިދެއްވި މިނިވަންކަން މިއަދު އެބައޮތް ހެއްޔެވެ؟

މިއަދަކީ ރާއްޖެ އިނގިރޭސީންގެ ހިމާޔަތުން ވީއްލި ބައިނަލްއަޤުވާމީ މުޖުތަމައުގައި މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ފައިތިލަސާބިތުކުރި މުނާސަބާއަށް 57 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ ތާރީޚީ ދުވަހެވެ. މިނިވަން ދައުލަތެއްގެ މަޤާމު ރާއްޖެއަށް ލިބުނުތާ ބައިޤަރުނު ފުރި އިތުރު ހަތް އަހަރު ފާއިތުވެގެން ދިޔައިރު މިއަދު ރާއްޖެ އޮތް ހާލަތަކީ، 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހުގެ ކުރީގެ ހާލަތާ އަޅައިކިޔައިލުން މުނާސަބު ހާލަތެކެވެ.

ބޭރުގެ އަސްކަރިއްޔާއެއް ދިވެހި ފަސްގަނޑުގައި

1887 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ދިވެހިރާއްޖެ އިނގިރޭސި ދައުލަތުގެ ހިމާޔަތުގެ ދަށަށް ދިޔައެވެ. އަދި 1956 ވަނަ އަހަރުގައި ދިވެހި ސަރުކާރުގެ ހުއްދައެއްގެ ދަށުން ކުޑަކުޑަ ރަމްޒީ ކުއްޔަކަށް އައްޑު އަތޮޅު ގަމާއި ހިތަދޫން 110 އޭކަރުގެ ބިމެއް އިނގިރޭސީން ކުއްޔަށް ހިފިއެވެ. މި ދެންނެވުނު ބިމުގައި އިނގިރޭސި އަސްކަރިއްޔާގެ މަރުކަޒެއް ޤާއިމުކޮށް އެ ތަނުގައި އިނގިރޭސި ސިފައިން ތިބެން ފެށިއެވެ.

ރައީސް ނާޞިރުގެ ހިންމަތްތެރި ބުރަ މަސައްކަތްޕުޅުން އެ އެއްބަސްވުން ނިމުމަކަށް ގެންނަވައި އިނގިރޭސި އަސްކަރިއްޔާ ރާއްޖެއިން ބޭލުއްވިއެވެ. 1965 ގައި ރާއްޖެއަށް ލިބުނު މިނިވަންކަމުގެ އެއް ނަތީޖާއަކީ ރާއްޖޭގައި ބޭރުގެ އަސްކަރިއްޔާއެއް އެއްވެސް ސިފައެއްގައި ނެތުމެވެ. އަދި މިނިވަންކަން ހޯދަން ކުރެވުނު ބުރަ ދިގު ދަތުރު ފެށެން މެދުވެރިވި އެއް ސަބަބަކީވެސް އައްޑޫގައި އިނގިރޭސި ސިފައިން ތިބުމެވެ.

މިއަދުގެ ހާލަތަށް ރުޖޫއަވެ، އިސްވެ ބަޔާންކުރި ކަންކަމާ އަޅާކިޔާއިރު އެއްގޮތް ކަންތައްތަކެއް ފާހަގަވެއެވެ. މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ނަންނަމުގައި ބޭރު ޤައުމެއްގެ ސިފައިން އެބަތިއްބެވެ. އަވައްޓެރި އިންޑިއާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުންދާއިރު އެ މީހުންނަކީ ޑިޕްލޮމެޓިކް އިމްތިޔާޒުތަކާއި ރައްކާތެރިކަން ލިބިފައިވާ ބައެކެވެ. އެ މީހުން ގެންގުޅޭ ސާމާނާއި ތަންތަންވަނީ ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުން އިސްތިސްނާކޮށްފައެވެ.

އިނގިރޭސި ސިފައިން ރާއްޖޭގައި ތިބީ ވަކި ސަރަހައްދެއްގައެވެ. ނަމަވެސް މިއަދު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ތިބީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައެވެ. ރާއްޖޭގައި ޤާއިމުވެގެން ތިބި އިންޑިއާ ސިފައިންގެ އަދަދު އެނގިވަޑައިގަންނަވަނީ ސަރުކާރުގެ ވެރިންނަށެވެ. އާންމުންނަށް އެ އަދަދު އޮތީ ވަންހަނާކޮށް ސިއްރުކޮށްފައެވެ.

އެހެންކަމުން އިނގިރޭސި ސިފައިން ރާއްޖޭގައި ތިބި ތިބުމާއި މިއަދު އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމުވެގެން ތިބޭ ތިބުމާވެސް އެއްގޮތް ކަންތައްތަކެއް އެބަހުއްޓެވެ. އަދި އެއިރު އިނގިރޭސި ސިފައިން ތިބި ތިބުމާއި އިންޑިއާ ސިފައިން މިހާރު ރާއްޖޭގައި ޤާއިމުވެގެން ތިބި ތިބުމުގައި ހުރި ތަފާތުތަކަށް ބަލާއިރު، އެއިރު ހުރި ކަންބޮޑުވުންތަކަށްވުރެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.

ޚާރިޖީ ސިޔާސަތުގެ މިނިވަންކަން އެބައޮތް؟

ދިވެހިރާއްޖެ އިނގިރޭސި އިމްބްރާތޯރިޔާ (އެމްޕަޔާ)ގެ ހިމާޔަތަށް 1887 ވަނަ އަހަރު ދިޔައިރު، ދިވެހި ދައުލަތަށް ގެއްލުނު އެންމެ މުހިއްމު އެއް ބާރަކީ ޚާރިޖީ ސިޔާސަތު އެކަށައަޅައި ހިންގުމުގެ ބާރެވެ. އައްސުލްޠާން މުޙަންމަދު މުޢީނުއްދީން ރަނދުންނާއި ލަންކާގައި ހުންނެވި އިނގިރޭސި ގަވަރުނަރު ސާ އޭއެޗް ގޯޑަންއާ ދެމެދު ކުރެވުނު މުއާހަދާގެ ދަށުން ރާއްޖޭގެ ހުރިހާ ޚާރިޖީ ކަމެއް ހިންގަންޖެހެނީ އިނގިރޭސި ދައުލަތް މެދުވެރިވެގެންނެވެ.

ރައީސް ނާޞިރު ސޮއިކުރެއްވި މިނިވަންކަމުގެ އެއްބަސްވުމުން ދިވެހީންނަށް ޙާޞިލުވި އެންމެ މުހިއްމު ކަމަކީ ދިވެހި ދައުލަތުގެ ޚާރިޖީ ސިޔާސަތު ދިވެހިން ބޭނުންވާ ގޮތެއްގެ މައްޗަށް ތަރުތީބުކޮށްގެން ހިންގުމުގެ ފުރިހަމަ ސިޔާދަތީ ބާރެވެ. އޭގެ ކުރިން އިނގިރޭސީންގެ ރުހުމާނުލައި ދައުލަތްތަކާ ގުޅުން ޤާއިމުނުކުރެވޭ ގޮތަށް އޮތް އޮތުން ނެތިގެން ދިއުމެވެ.

އެ އެއްބަސްވުމަށް 57 އަހަރު ފުރުނު 58 ވަނަ މިނިވަން ދުވަސް އަޅުގަނޑުމެން އިހުތިފާލުކުރާއިރު، މިއަދުގެ ހާލަތަކީ ކޮބައި ހެއްޔެވެ؟ ބޭރުގެ ޤައުމުތަކުން އެހީތެރިކަން ހޯދުމުގެ ކުރިން ދިވެހިރާއްޖެއިން އަވައްޓެރި އިންޑިއާގެ ރުހުން ހޯދަންޖެހެއެވެ. އެކަން އެންމެ ބޮޑަށް ސާފުވީ ކޮވިޑް-19ގެ އާލަމީ ވަބާގެ ތެރޭގައި ޗައިނާއިން އެހީތެރިކަން ފޯރުކޮށްދޭން ހުށަހެޅުމުން އިންޑިއާގެ އާބަސް ނުލިބިގެން އެ ޤައުމުގެ އެހީތެރިކަން ނުހޯދިފައި ދިވެހި ދައުލަތް ވާވެފައި އޮންނަންޖެހުމެވެ.

ޚާރިޖީ ސިޔާސަތު ބޭނުން ގޮތެއްގެ މައްޗަށް ތަރުތީބުކުރަން ލިބުނު ފުރުސަތުގައި ދިވެހީން އިޚުތިޔާރުކުރީ އިސްލާމީ އުންމަތުގެ ވިންދާ އެއްގޮތަށް މަސައްކަތްކުރާށެވެ. ނަމަވެސް މިއަދުގެ ހާލަތު ތަފާތުވެއްޖެއެވެ. އިސްލާމީ ދައުލަތްތަކުގެ ޖަމްއިއްޔާ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަނުގައި ކަޝްމީރުގެ މުސްލިމުންނަށް އިންޑިއާއިން ކުރާ އަނިޔާއާ ދެކޮޅަށް ވާހަކަދައްކަން ފަސްޖެހި އިންޑިއާގެ ދިފާއުގައި އެ ޖަމްއިއްޔާގައި ވާހަކަދެއްކި ހަމައެކަނި އިސްލާމީ ޤައުމަކީ ރާއްޖެކަމަށް މިއޮތީ ވެފައެވެ.

އިސްލާމީ އުޚުވަތްތެރި ގުޅުމުން ދިވެހިރާއްޖެއާ ލާމެހިވެފައިވާ ޕާކިސްތާނުން ރާއްޖެ ސިފަކުރީ އިންޑިއާގެ ޕަޕެޓެއްގެ ގޮތުގައެވެ. ރާއްޖެއަކީ ޙަޤީޤީ މާނާގައި ޚާރިޖީ ސިޔާސަތު އެކަށައަޅައި ހިންގުމުގެ ބާރު ލިބިފައި ނެތް، ޕަޕެޓު ދައުލަތެއްގެ ގޮތުގައި ސިފަވާ ދަރަޖައަށް ޚާރިޖީ ސިޔާސަތުގެ ލަގަން އިންޑިއާގެ މުށު ތެރެއަށް ލެވިފައި އޮތްކަން ދުނިޔެއަށް ދިވެހި ސަރުކާރުންވަނީ ސާފުކޮށްދީފައެވެ.

ދާޚިލީ ކަންކަން ނިންމުމުގެ އިޚުތިޔާރު

އިނގިރޭސީންގެ ހިމާޔަތުގައި ރާއްޖެ ހޭދަކުރި ދިގު ތާރީޚުގައި ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިނގިރޭސީން އުނދުޅި ބޭނުމެވެ. އިނގިރޭސީން ބޭނުން ގޮތަކަށް ރާއްޖޭގެ އެތެރޭގެ ކަންކަން ބައްޓަންކުރާން އުޅުމެވެ. އެ އެދުންވެރިކަމުގައި އިނގިރޭސީން ހުޅުރޯކުރި ފިތުނަތަކުގެ ހޫނުކަން ގަދަވެ، އެ ހޫނު ތަހައްމަލުކުރާން ދިވެހީން ބޭނުންނުވުމެވެ.

މިއަދުގެ ޙާލަތަށް ރުޖޫއަވާއިރު ފެންނަ އެއް ހަގީގަތަކީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ މައްޗަށް އިންޑިއާއިން ނުފޫޒު ފޯރުވާ މިންވަރެވެ. 21 ވަނަ ޤަރުނުގައި ދުނިޔޭގެ އެއްވެސް ޑިމޮކްރަސީއެއްގައި އެހެން ޤައުމުތަކަށާއި އެ ޤައުމުތަކުގެ ސިޔާސަތުތަކަށް ފާޑުކިޔުން މަނާނުކުރި ނަމަވެސް ޤާނޫނު އަސާސީގެ ހުރިހާ މަފުހޫމަކާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މި އަހަރުގެ އޭޕްރީލް މަހުގައި ނެރުއްވި ރިޔާސީ ޤަރާރަކުން އިންޑިއާއަށް ފާޑުކިޔުން މަނާކޮށްފައި އޮތުމަކީ މި ދެންނެވި ޙަޤީޤަތަށް ދަލީލުކުރާ އަލިގަދަ ހެއްކެކެވެ.

އަދި މިހާރު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިންޑިއާއަށް ފާޑުކިޔާ މީހުން ޖަލަށް ލައި ބަންދުކުރެވޭ ބިލަކީވެސް މި ދެންނެވި ބަހުގެ ހެއްކެކެވެ. އިންޑިއާގެ ސިޔާސަތަށާއި އިންޑިއާއިން ރާއްޖެއަށް ފޯރުވާ ނުފޫޒަށް ފާޑުކިޔައި، އެ ޤައުމުގެ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވައިލުމަކީ ޖިނާއީ ކުށެއް ކަމުގައި ހެދުމަކީ، ރާއްޖޭގެ ދާޚިލީ ކަންކަން ނިންމުމުގައި އިންޑިއާއިން އަދާކުރާ ދައުރާއި، އެ ޤައުމަށް އޮތް ބާރުގެ އަލިގަދަ ހެއްކެކެވެ.

ރާއްޖޭގެ ސިޔާސީ ލީޑަރުން ރޭގަނޑު ދަންވަރު އިންޑިއާ ހައިކޮމިޝަނަރު ދިރިއުޅުއްވާ ގެކޮޅަށް ވަޑައިގެން ބާއްވަވާ ނުރަސްމީ ބައްދަލުވުންތަކުން ފެންނަނީ ރާއްޖޭގެ ސިޔާސީ ކުރިމަގު ނިންމުމުގައި އިންޑިއާއަށް އެ ބޭފުޅުން ބަރޯސާވެވަޑައިގަންނަވަން ޖެހިވަޑައިގެންފައި އޮތް މިންވަރެވެ. އިންޑިއާގެ ރުހުން ހޯއްދަވަން އެއް ބޭފުޅަކަށްވުރެ އަޑުހަރުކޮށް ދެން ތިއްބެވި ބޭފުޅުން އިންޑިއާއަށް ސަނާ ވިދާޅުވަނީ އިންޑިއާގެ ރުހުން ރައްޔިތުންގެ ތާއީދަށްވުރެ ސިޔާސީ ބާރު ހޯއްްދެވުމާއި ދެމެހެއްޓެވުމުގައި މުހިއްމުވާ ހިސާބަށް ދިއުމުންނެވެ.

ރާއްޖޭގައި ތިބެ އިންޑިއާ މީހުން ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް ހިންގާ ޖަރީމާތައް ނުބެލި، އެ މީހުން މިނިވަންކަމާއެކު ރާއްޖެ ދޫކޮށްދާ މައްސަލައިންވެސް ފެންނަނީ ރާއްޖޭގެ ދުސްތޫރާއި، ޤާނޫނުތަކާއި ޤަވާއިދުތަކުން އެ މީހުން އިސްތިސްނާވެފައި ތިބި ކަމެވެ. އެއީ ދާޚިލީ ސިޔާސަތު އެކަށައަޅައި ހިންގުމުގައި އިންޑިއާއަށް ލިބިފައި އޮތް ބާރެއްގެ ސަބަބުންނެވެ.

ވިޔަފާރިއާއި އިޤުތިޞާދު އަޅުވެތިކަމެއްގެ ތެރޭގައި

ރައީސް ނާޞިރު އަދި އެމަނިކުފާނުގެ ކުރިން ރައީސް މުޙައްމަދު އަމީން ކުރެއްވި އެންމެ ބޮޑު އެއް މަސައްކަތްޕުޅަކީ އަދި ޤައުމީ ޚިދުމަތަކީ ރާއްޖޭގެ އިޤުތިޞާދުގެ މައްޗަށް އެއިރު އަތްގަދަކޮށް މުޅި އިޤުތިޞާދު ހަންމަތަކޮށްގެން ތިބި ވޯރާ ވިޔަފާރިވެރިންގެ ހީލަތްތެރި ވަކިތަކުން ރާއްޖެ މިނިވަންކުރެއްވުމުގެ މަސައްކަތްޕުޅެވެ. ވޯރާއިން ރާއްޖެއިން ބޭރުކުރެއްވުމަކީ ނާޞިރުގެ ޤައުމީ ޚިދުމަތުގެ ދިގު ލިސްޓުގައި އިނގިރޭސީންގެ ހިމާޔަތުން ރާއްޖެ މިނިވަންކުރެއްވި ކުރެއްވުމުގެ ފަހަށް ހިމަނާންޖެހޭ އެންމެ މުހިއްމު ޚިދުމަތެވެ.

މިއަދުގެ ހާލަތަށް ބަލާއިރު ރާއްޖޭގެ އިޤުތިޞާދުގެ ތެރޭގައި ހިނގަމުން އަންނަ ބޮޑެތި ހުރިހާ މަސައްކަތްތަކެއްގައި އިންޑިއާގެ ވިޔަފާރިތަކުގެ ބާރުވަނީ ގަދަވެފައެވެ. ނަރުދަމާ އެޅުމުގެ މަޝްރޫޢުތަކުގެ ބޮޑު ބައެއް ހަވާލުކޮށްފައިވަނީ އިންޑިއާ ކުންފުނިތަކާއެވެ. ދައުލަތާއި ދައުލަތުގެ ކުންފުނިތަކުން ހިންގާ ކުދިބޮޑު ހުރިހާ މަޝްރޫޢެއް ހަވާލުކުރަނީ އިންޑިއާގެ ވިޔަފާރިތަކާއެވެ.

ކުޑަ މިސާލެއްގެ ގޮތުގައި ފާހަގަކޮށްލަންޖެހެނީ މޯހަން މުތާ އެކްސްޕޯޓެވެ. ސަރުކާރަށް ބޭނުންވާ މުދާ ހޯދުމުގެ ގިނަ މަސައްކަތްތައް އެ ކުންފުނިން ނަގައެވެ. "ދިޔަރެސް"އަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، އެ ކުންފުންޏަށް ގިނަ މަސައްކަތްތައް ހަވާލުކޮށްފައި ހުންނަނީ އެ ކުންފުނިން ހުށަހަޅާ އަގުތަކަށްވުރެ ކުދި އަގުތައް އެހެން ކުންފުނިތަކުން ހުށަހަޅާފައި ހުއްޓައެވެ. ކުދި އަގުތައް ހުށަހަޅާފައިވާ ކުންފުނިތަކުގެ ތެރޭގައި ދިވެހި ވިޔަފާރިތައްވެސް ހިމެނެއެވެ.

އިޤުތިޞާދު އިންޑިއާއަށް ބަރޯސާކޮށްފައިވާ އަނެއް ގޮތަކީ އިންޑިއާއިން ނަގާފައިވާ ބޮޑެތި ލޯނުތަކެވެ. ރާއްޖެއިން އިންޑިއާއިން ނަގާފައިވާ ލޯނުތަކުގެ އަދަދު، 2021 ވަނަ އަހަރުގެ މޭ މަހަށް އައިއިރުވަނީ ޗައިނާއިން ރާއްްޖެއިން ނެގި ލޯނުތަކުގެ އަދަދަށްވުރެ ބޮޑުތަނުން އިތުރުވެފައެވެ. އެހައި ހިސާބަށް އިންޑިއާއިން ނެގި ލޯނުތަކުގެ އަދަދުވަނީ 2.4 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. އެއީ ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމަށްވުރެ 50 އިންސައްތަ އިތުރު އަދަދެކެވެ.

އިންޑިއާއިން ނަގާފައިވާ ހުރިހާ ލޯނެއް ޖަމާކޮށް ދޫކޮށް ނިމުމުން އެ ލޯނުތަކުގެ އަދަދު ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 160 އިންސައްތައަށް އަރާނެއެވެ. އެހެންކަމުން ރާއްޖޭގެ އިޤުތިޞާދުގެ ފުރިހަމަ ކޮންޓުރޯލު އިންޑިއާއަށް ލިބޭނެއެވެ. އިންޑިއާއަކީ މީގެ ކުރިންވެސް ހިތްހަމަނުޖެހޭ ހާލަތެއް މެދުވެރިވުމުން ނަގާފައިވާ ލޯނުތައް އެއްފަހަރާ ދައްކަން އެދުމުގެ ތާރީޚެއް އޮތް ޤައުމެކެވެ.

ރައީސް އިބްރާހީމް ނާޞިރު 1965 ވަނަ އަހަރުގައި ޖުލައި 26 ވަނަ ދުވަހު ސޮއިކުރެއްވި މިނިވަންކަމުގެ އެއްބަސްވުމުން ރާއްޖެއަށް ލިބުނު ޚާރިޖީ، ދާޚިލީ އަދި އިޤުތިޞާދީ މިނިވަންކަން އެގޮތުގައި ވާރުތަވަމުން އައިސް، މިއަދާ ހަމައަށް ދެމިއޮތް ކަމުގައި ބުނުމަކީ މިއަދުގެ ޙަޤީޤަތްތަކަށް ރިއާޔަތްކުރާއިރު ތެދު ބަހަކަށް ނުވާނެއެވެ. މިއަދު މިއޮތީ އެ މިނިވަންކަން އަލުން އިއާދަކުރަންޖެހޭ ޙާލަތެކެވެ. މިއަދު ނާޞިރު ފަދަ ހިކުމަތްތެރި ޤާއިދެއްގެ މަގުދެއްކެވުމާއި، ކެރުމާއި ހިތްވަރަށް ބޭނުންޖެހިފައި އޮތީ އިނގިރޭސީންގެ ހިމާޔަތުގައި ރާއްޖެ އޮތްއިރު އެފަދަ ޒައީމަކަށް ބޭނުންޖެހުނު މިންވަރަށެވެ. ނުވަތަ އެއަށްވުރެ ބޮޑަށެވެ.

މި ލިއުމާއި ގުޅޭ