Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރަޝިޔާ

ރަޝިޔާގެ ނޯޑް ސްޓްރީމް 1 ގޭސް ހޮޅިން ޔޫރަޕަށް ގޭސް ދޫކުރާ މިންވަރު މަދުކޮށްފި

ރަޝިޔާގެ އެންމެ ބޮޑު ގޭސް ހޮޅި ކަމުގައިވާ ނޯޑް ސްޓްރީމް 1 ގޭސް ހޮޅިން ޔޫރަޕަށް ގޭސް ދޫކުރާ މިންވަރު އެ ގޭސް ހޮޅީގެ ފުރިހަމަ ޤާބިލުކަމުގެ ފަސް ބައިކުޅަ އެއް ބައަށް މަދުކުރަން އެ ޤައުމުން ނިންމައިފިއެވެ.

ރަޝިޔާގެ ދައުލަތުގެ ގޭސް ކުންފުނި ގޭސްޕްރޯމްއިން ބުނީ ނޯޑް ސްޓްރީމް 1 ގޭސް ހޮޅި މެދުވެރިކޮށް މިހާރު ގޭސް ދޫކުރާ މިންވަރު ދެ ގުނަ މަދުކޮށް މުޅި ގޭސް ހޮޅީގެ ޤާބިލުކަމުގެ 20 އިންސައްތައަށް ގޭސް ދޫކުރަން ނިންމާފައިވާ ކަމަށެވެ. ކުރިން ރަޝިޔާއިންވަނީ އެ ގޭސް ހޮޅިން ގޭސް ދޫކުރާ މިންވަރު 40 އިންސައްތައަށް ދަށްކޮށްފައެވެ. ރަޝިޔާއިން ގޭސް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ކަމަށް ވިދާޅުވެ ޔޫރަޕުގެ ސިޔާސީންވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

ގެޒްޕްރޯމްއިން މިގޮތަށް ނިންމާފައިވަނީ ޖަރުމަނުގެ ވިޔަފާރީގެ އިތުބާރު ފާއިތުވި ދެ އަހަރު ތެރޭގައި އެންމެ ދަށަށް ދިިޔަ މިންވަރަށް ދަށްވެފައިވަނިކޮށެވެ. އަދި ޖަރުމަނުގެ އިޤުތިޞާދު ތަދުމަޑުކަމެއްގެ ތެރެއަށް ވެއްޓުމުގެ ބިރުވަނީ ވަރަށް ބޮޑަށް ހީވެފައެވެ.

އިފޯ އިންސްޓިޓޫޓުގެ ވިޔަފާރީގެ އިތުބާރު މިންކުރާ އިންޑެކްސައަށް ބަލާއިރު ޖަރުމަނުގެ ވިޔަފާރިތަކުން އަންދާޒާކުރާ ގޮތުގައި ކުރިއަށް އޮތް 6 މަހަކީ އެ ކުންފުނިތަކަށް ވަރަށް ބަނަ ހަ މަހެވެ. އަދި އަންނަ ހުކުރުދުވަހުގައި އާންމުކުރާ މި އަހަރުގެ ދެވަނަ ކުއާޓާގެ ޤައުމީ އުފެއްދުންތެރިކަމުގެ ހިސާބުތައް ނެރޭއިރު، ޖަރުމަނުގެ ޤައުމީ އުފެއްދުންތެރިކަން އިތުރުވާނެކަމަށް އަންދާޒާކުރެވެނީ އެންމެ 0.1 އިންސައްތައިންނެވެ.

ރަޝިޔާއިން ގޭސް ހިފަހެއްޓުމާއި ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ޖަރުމަނުގެ އިޤުތިޞާދަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށްފައިވެއެވެ. ގޭޒްޕްރޯމުން ބުނި ގޮތުގައި އެ ކުންފުނިން ގޭސް ފޯރުކޮށްދޭ މިންވަރު މަދުކުރީ ޓާބައިން ލިބުމުގައި ދަތިވެގެންނެވެ. ނަމަވެސް ޖަރުމަނުގެ އިޤުތިޞާދީ ވުޒާރާގެ ތަރުޖަމާނެއް ވިދާޅުވެފައިވަނީ ގޭސް ފޯރުކޮށްދޭ މިންވަރު މަދުކުރަންޖެހޭ ޓެކްނިކަލް ނުވަތަ ފަންނީ ސަބަބެއް ނެތް ކަމަށެވެ.

ޔޫރަޕުގެ ސިޔާސީން ގޭޒްޕްރޯމްގެ ނިންމުން މާނަކުރައްވާނެކަމަށް ބެލެވެނީ ރަޝިޔާއިން ޔޫކުރެއިނަށް އެރުމުން ހުޅަނގުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ބަދަލު ހިފުމުގެ ގޮތުން ރަޝިޔާއިން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. ޔޫރަޕުގެ ގޭސް ރައްކާކުރާ ކޮށާރުތައް ފުރައިލެވޭ މިންވަރަށް ގޭސް ނުލިބުމުގެ މައްސަލަ ބޮޑުވެ ސިނާއަތްތަކަށް ގޭސް ދޫކުރާ މިންވަރު ހިފަހައްޓައި، ގޭބީސީތަކަށް ގޭސް ލިބުމުގައި ހުރަސްތަކެއް ކުރިމަތިވެދާނެކަމުގެ ބިރުވަނީ ބޮޑުވެފައެވެ.

އައިސީއައިއެސް ކޮންސަލްޓެންސީގެ މާހިރެއް ކަމުގައިވާ ޓޮމް މާޒެކް މަންސެރް ފައިނޭންޝަލް ޓައިމްސްއާ ވާހަކަދައްކަވަމުން ވިދާޅުވީ ރަޝިޔާއިން ގޭސް ދޫކުރުމާމެދު އެންމެ ފަހުން ނިންމި ނިންމުން ދިގުލައިގެންދާނަމަ ޔޫރަޕުގެ ސަރުކާރުތަކުން ގޭހަށް އޮންނަ ޑިމާންޑު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަމަށެވެ.

ގޭޒްޕްރޯމުން ގޭސް ދޫކުރާ މިންވަރު މަދުކުރާނެކަން އިއުލާނުކުރުމާއެކު، ޔޫރަޕުގައި ތަބީއީ ގޭހުގެ އަގުވަނީ އަނެއްކާވެސް އުފުލިފައެވެ. ހޯމަ ދުވަހުގައި ގޭހުގެ އަގުވަނީ 10 އިންސައްތައިން މަތިވެފައެވެ. އެއީ ފާއިތުވި އަހަރާ އަޅާބަލާއިރު 5 ގުނަ ބޮޑު އަދަދެކެވެެ.

ބުދަދުވަހުން ފެށިގެން ގޭސް ފޯރުކޮށްދޭ މިންވަރު ދުވާލެއްގެ މައްޗަށް 33 މިލިއަން އަކަ މީޓަރަކަށް މަދުވާނެއެވެ. ނޯޑިކް ސްޓްރީމް 1 ހޮޅިއަކީ ދުވާލެއްގެ މައްޗަށް 160 އަކަ މީޓަރަށްވުރެ ގިނަ ގޭސް ފޯރުކޮށްދިނުމުގެ ޤާބިލުކަން ހުރި ގޭސް ހޮޅިއެކެވެ.

މި ލިއުމާއި ގުޅޭ