ރ.ދުވާފަރު ކައުންސިލުން މުދަލު ޒަކާތް ބެހުމަށްފަހު ލިޔެކިޔުން އިސްލާމިކް މިނިސްޓްރީއާ ހިއްސާކުރުމުން ޒަކާތުގެ ޙައްޤުވެރިންނަށް ލިބެންޖެހޭ މިންވަރު ލިބުނުކަން މިނިސްޓްރީން ކަށަވަރުކޮށްފައިވާ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.
އެލްޖީއޭ އިން އެކުލަވައިލި ހާއްސަ ރިޕޯޓަކުން ހާމަވި ގޮތުގައި ދުވާފަރު ކައުންސިލާއި ޑަބްލިއުޑީސީން ވަނީ މާލިއްޔަތު ގަވައިދާއި ސިވިލް ސާވިސް ގަވައިދު އަދި މާލީ ކަންކަމާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާ ހިލާފަށް އަމަލު ކޮށްފައެވެ.
އަދި ކައުންސިލަރުންގެ ޒިންމާތަކާއި، ވާޖިބުތައް އަދާކުރުމުގައި، ފަރުވާ ކުޑަކުރާ ކަމަށާއި، ކައުންސިލުން ބަލަހައްޓަންޖެހޭ އެއްވެސް ލިޔެކިޔުމެއް ގާނޫނުތަކާއި، ގަވާއިދުތަކާ އެއްގޮތަށް ބަލަހައްޓަމުން ނުގެންދާކަންވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މޮނިޓަރިން ރިޕޯޓުގައި ގާނޫނާއި ގަވާއިދުތަކާ ހިލާފު ޖުމްލަ 34 މައްސަލަ ފާހަގަކޮށް އެކަންކަން އިސްލާހު ކުރުމަށް ލަފާދީފައިވެއެވެ.
އޭގެތެރޭގައި ކައުންސިލުން މުދަލު ޒަކާތުގެ ގޮތުގައި ދިނުމަށް ބޭނުންވާ 318,600 ރުފިޔާ ސެޕްޓެންބަރު 16 ވަނަ ދުވަހު ކައުންސިލްގެ އެސިސްޓަންޓް ޑިރެކްޓަރު މުޙައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ރިޕޯޓުގައި ބުނެފައިވަނީ މުދަލު ޒަކާތުގެ ހައްގުވެރިންނަށް ފައިސާ ހަވާލުކުރިކަމުގެ ލިޔުމެއް އެލްޖީއޭއަށް ލިބިފައިވާކަމަށާއި އެ ލިޔުމުގައި ފައިސާ ހަވާލު ކުރި ފަރާތްކަމުގައި ބަޔާންކޮށްފައި ވަނީ ކައުންސިލް މެންބަރު ޒުހުދާ އާދަމް ކަމަށެވެ. ނަމަވެސް ރިޕޯޓު ބުނާގޮތުން ޒުހުދާއާ ހަވާލުކުރި ފައިސާ އަކީ މުހައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް ޒަކާތުގެ ގޮތުގައި ޖަމާކުރި 318،600 ރުފިޔާކަމެއް ނުވަތަ އެހެން ފައިސާ އެއް ކަމެއް ކަށަވަރެއް ނުވެއެވެ.
އެންމެ ގިނަ ފައިސާ ލިބިފައިވާ ކަމަށް އެ ރިޕޯޓުން ދައްކަނީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅަށެވެ. ލިޔެކިޔުމުން މާ ގިނަ ތަފްސީލެއް ފެންނަން ނެތަސް ރިޕޯޓު ބުނާގޮތުން އޭނާގެ އެކައުންޓަށް ޖުމުލަ 711،617ރ. ޖަމާވެފައިވެއެވެ.
ރިޕޯޓުން ހާމަވާގޮތުގައި ކައުންސިލް މެންބަރު މުހައްމަދު ޝާމަށް 447،837ރ. އާއި ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަހުމަދަށް ވެސް 252،048ރ. އާއި ކައުންސިލް މެންބަރު ޒުހުދާ އާދަމަށް 181،666ރ.ގެ އިތުރުން ކައުންސިލް މެންބަރު މުހައްމަދު ނާސިހަށް 165،200ރ. ޖަމާވެފައިވެއެވެ.
މީގެއިތުރުން ކައުންސިލް މެންބަރު އަހުމަދު ސަމޫހާއި އައިމިނަތު ސަލާހުގެ އަމިއްލަ އެކައުންޓަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ޖަމާވެފައިވެއެވެ. އަދި ބައެއް ކޮންޓްރެކްޓް މުވައްޒަފުންނާއި ސަޕޯޓް ސްޓާފް އަދި އެހެން މީހުންނަށް ވެސް ގިނަ ތަފުސީލެއް ނެތި ވަނީ ފައިސާ ޖަމާކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.
އެލްޖީއޭގެ ރިޕޯޓާ ގުޅިގެން މިއަދު އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮންމެ އަހަރަކުވެސް މުދަލު ޒަކާތާއި ފިޠުރު ޒަކާތް އޭގެ ޙައްޤުވެރިންނަށް ރައްދުކޮށްދިނުމުގެ މަސައްކަތްކުރާއިރު ކައުންސިލުތައް މެދުވެރިކޮށް ކޮންމެ އަހަރަކު ޒަކާތް ބެހުމަށްފަހު އެ ފައިސާ ބެހި ގޮތުގެ ރިޕޯޓު ކައުންސިލުތަކުން ހޯދުމަކީ، އެ މިނިސްޓްރީން ޚާއްޞަ ސަމާލުކަމެއް ދީގެން ކުރާ ކަމެއް ކަމަށެވެ.
އެގޮތުން ރ.އަތޮޅު ދުވާފަރު ކައުންސިލުން 2022 ވަނަ އަހަރުގެ ފިޠުރު ޒަކާތާއި 2021 ވަނަ އަހަރުގެ މުދަލު ޒަކާތްވެސް ޙައްޤުވެރިންނަށް ބެހުމަށްފަހު އެކަމުގެ ތަފުސީލު ހިމެނޭ ރިޕޯޓު މިނިސްޓްރީން އަންގާފައިވާ ތާރީޚަށް ފޮނުވާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. މި ލިޔުންތަކަކީ ޒަކާތުގެ ޙައްޤުވެރިންނަށް ލިބެންޖެހޭ މިންވަރު ލިބުނުކަން މިނިސްޓްރީން ކަށަވަރުކުރި ލިޔުންތަކެއް ކަމަށް ބުންޏެވެ.
އަދި މިނިސްޓްރީން ބުނެފައިވަނީ ޒަކާތުގެ ފައިސާއާމެދު އާންމުންގެ މެދުގައި ޝައްކު އުފެދޭ ގޮތަށާއި، އާންމު ރައްޔިތުން މިނިސްޓްރީއަށް ކުރާ އިތުބާރު ގެއްލޭފަދަ މޭރުމުން ޚަބަރު ފަތުރާ ފަރާތްތަކުން ނުކުރަން މިނިސްޓްރީން އެދުނެވެ. އަދި މައުލޫމާތުގެ ސައްހަކަން އިދާރާތަކުން ކަށަވަރުކުރަންވެސް ވަނީ އެދިފައެވެ.