ބޭރުގެ ދަރަނި އަދާކުނުކުރެވި ޕާކިސްތާން ބަނގުރޫޓުވެދާނެ ކަމުގެ ބިރު މާހިރުން ފާޅުކުރައްވަމުންދަނިކޮށް ފާއިތުވި ދެ ދަރަހުގައި އެ ޤައުމުގެ ފައިސާގެ އަގު ނުވެއްޓޭ މިންވަރަށް ފާއިތުވި ހަފުތާގައި ޕާކިސްތާން ރުޕީސްގެ އަގު ވެއްޓިއްޖެއެވެ.
ޕާކިސްތާނު ރުޕީގެ އަގުވަނީ 7.6 އިންސައްތަ ދަށަށް ގޮސް، އެއް ޑޮލަރުގެ އަގުވަނީ 228 ރުޕީސްއަށް ވެއްޓިފައެވެ. މިއީ 1998 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުން ރުޕީސްގެ އަގު އެންމެ ދަށަށް ވެއްޓުނު ފަހަރެވެ.
ޕާކިސްތާނުގެ ފައިސާގެ އަގު މިހާ ބޮޑަށް ވެއްޓުމުން، އެ ޤައުމުގެ އިޤުތިޞާދު އަލުން ކޮޅަށްޖަހަން އެހީއެއްގެ ގޮތުގައި އައިއެމްފުން ފޯރުކޮށްދޭ 1.2 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯނުން އެ ޤައުމުން އަދާކުރަންޖެހޭ ބޭރުގެ މާލީ އިލްތިޒާމުތައް އަދާކުރެވިދާނެކަމާމެދު ޝައްކުވަނީ އުފެދިފައެވެ.
އަވައްޓެރި ލަންކާގެ އިޤުތިޞާދު އިންދިރާސްވެ، މޭ މަހުގައި އެ ޤައުމުން އަދާކުރަންޖޭ ބޭރުގެ ދަރަނި އަދާނުކުރެވުމުގެ ސަބަބުން އެ ޤައުމުގެ ސިޔާސީ މަސްރަހު ފުން ކާރިސާއަކަށް ވެއްޓިފައިވެއެވެ. އެ ކާރިސާގެ ތެރެއިން އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން ލަންކާގެ އިންތިޚާބީ ރައީސް ގޮތަބަޔާ ރާޖަޕަކްސަވަނީ ޤައުމު ދޫކުރައްވައި ފިއްލަވާފައެވެ.
ލޯނު އިންޓަރެސްޓު ރޭޓުތަކާއި މުދަލުގެ އަގު އުފުލުމާއެކު، އިންވެސްޓަރުން ހިރާސްއަށް ރިއާޔަތްކޮށް އިންވެސްޓުކުރާ މިންވަރު މަދުކުރުމާ ގުޅިގެން ކުރިއަރަމުން އަންނަ ޤައުމުތަކުގެ އިޤުތިޞާދުތައް ވަނީ ވަރަށް ބޮޑަށް ނާޒުކުވެފައެވެ. ލަންކާ ބަނގުރޫޓުވުމަކީ ކުރިއަރަމުން އަންނަ ޤައުމުތަކުގެ އިޤުތިޞާދީ ނާޒުކުކަމުގެ އެއް އަލާމާތެވެ.
ނަމަވެސް ޕާކިސްތާނުގެ އާބާދީ ބޮޑުވުމާއި، އެ ޤައުމު އޮންނަ އިސްތިރާޖީ ސަރަހައްދާއި އެ ޤައުމަކީ ނިއުކުލިއާ ހަތިޔާރާއި ހަކަތަ ލިބިފައިވާ ޤައުމަކަށްވާތީ އެ ޤައުމުގައި މާލީ ކާރިސާއެއް ކުރިމަތިވެއްޖެނަމަ އެކަމުގެ ސަބަބުން ލަންކާ ބަނގުރޫޓުވުމުން ނިކުތް ނަތީޖާއަށްވުރެ މާ ނުރައްކާތެރި ނަތީޖާތަކެއް ނިކުންނާނެއެވެ.
ޕާކިސްތާނުގެ ބޭރު ފައިސާގެ އަދަދު މަދުވެ، އެ ޤައުމުގެ މާލީ ޙާލަތު ވަރަށް ބޮޑަށް ދަށަށް ދިއުމާއި މާލީ ޙާލަތު ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން ފިޗް ރޭޓިންސްއިންވަނީ ޕާކިސްތާނުގެ ކްރެޑިޓް ރޭޓިން ނެގެޓިވް ދަރަޖައަށް ދަށްކޮށްފައެވެ.