Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޓީސީސީ

ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް އެމްޓީސީސީއިން ގަތް ޑްރެޖަރު ރާއްޖެ ނުގެނެވެނީސް ހަލާކުވެއްޖެ

ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް، ބިޑް ކުރި ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏަށް ހަވާލުކޮށްގެން އެމްޓީސީސީން ގަތް ޑްރެޖަރެއް ރާއްޖެ ގެންނަނިކޮށް ހަލާކުވެއްޖެ އެވެ.
މި އަހަރު ކުރީ ކޮޅު ބީލަން މަރުހަލާ ނިންމި ޑްރެޖަރު ގަތުމަށް ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް، ބޮޑު އަގުގައި ހަވާލު ކޮށްފައި ވަނީ އެމްޓީސީސީ ސީއީއޯ އާދަމް އާޒިމް އާއި ގާތް ގުޅުމެއް އޮންނަ ކަމަށް ބެލެވޭ އެމްއެމް އެކްސްޕޯޓަށެވެ.

އެމްޓީސީސީ އަށް ބޭނުންވާ ޑްރެޖަރު ވިއްކުމަށް އެ ކުންފުންޏަށް އަގު ހުށަހެޅީ ހަތަރު ކުންފުންޏަކުންނެވެ. އެއީ އެމްސްޓަޑަމް ޝިޕްޔާޑާއި، ރޯޔަލް އައިއެޗްސީ އާއި އެމްއެމް އެކްސްޕޯޓްގެ އިތުރުން އެލިކޮޓް އެވެ. ހުށަހެޅި އަގު ތަކަކީ؛

  • 1. އެމްސްޓަޑަމް ޝިޕްޔާޑް - 9،350،000 ޔޫރޯ (147،308،623ރ. / 147.31 މިލިޔަން ރުފިޔާ).
  • 2. ރޯޔަލް އައިއެޗްސީ - 10،331،997 ޔޫރޯ (162،779،920ރ. / 162.78 މިލިޔަން ރުފިޔާ).
  • 3. އެމްއެމް އެކްސްޕޯޓް - 14،178،000 ޑޮލަރު (217،632،300ރ. / 217.63 މިލިޔަން ރުފިޔާ)
  • 4. އެލިކޮޓް - 9،812،250 ޔޫރޯ (154،591،341ރ. / 154.59 މިލިޔަން ރުފިޔާ).
އާޒިމް އެމްޓިސީސީ ހިންގުމާ ހަވާލުވުމަށް ފަހު މީގެ ކުރިން ވެސް އެމްއެމް އެކްސްޕޯޓަށް ވަނީ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ގޮތަސް ބޮޑު އަގުގައި އެތައް ސަތޭކަ މިލިޔަން ރުފިޔާއެއްގެ މަސައްކަތް ހަވާލު ކޮށްފަ އެވެ. މިފަހަރު އެ ކުންފުންޏަސް މަސައްކަތް ހަވާލު ކުރީ އެމްސްޓަޑަމް ޝިޕްޔާޑާއި އެލިކޮޓްގެ ބިޑް ނޮން ރެސްޕޮންސިވް ކަމަށް ކަނޑައެޅުމަށް ފަހު، ލޭޓް ސަބްމިޝަންގެ ގޮތުގައި ރޯޔަލް އައިއެޗްސީގެ ބިޑް ބާތިލް ކުރުމަށް ފަހު އެވެ.
އެމްޓީސީސީގެ އިސް ވެރިޔަކު ނަން ނުޖަހާ ގޮތަސް ޝަރުތުކޮށް މައުލޫމާތު ދިން ގޮތުގައި އެމްއެމް އެކްސްޕޯޓުން އެމްޓީސީސީ އަށް ވިއްކީ އައިއެޗްސީން އެ ކުންފުންޏަށް ވިއްކަން އަގު ހުށަހެޅި ޑްރެޖަރެވެ.
"އައިއެޗްސީން 10.33 މިލިޔަން ޔޫރޯ އަށް އެމްޓިސީސީ އަށް ވިއްކަން އުޅުނު ޑްރެޖަރު - ހަމަ ސީދާ އެ ޑްރެޖަރު، އެމްއެމް އެކްސްޕޯޓުން ގަނެފަ، 14.18 މިލިޔަން ޑޮލަރަށް އެމްޓިސީސީ އަށް މި ވިއްކީ. މިހާ ބޮޑު ވައްކަމެއް، ފާޅުގައި ކުރާއިރު މިކަން ހުއްޓުވާނެ ބަޔަކު މި ގައުމުގައި ނެތީތަ؟" އެމްޓީސީސީގެ އޮފިޝަލް ވިދާޅުވި އެވެ.
މިގޮތަށް ހެދީމާ އެމްއެމް އެކްސްޕޯޓަށް އެބަ ލިބޭ މި ޓްރާންސެކްޝަނުން އެކަނި 54.85 މިލިޔަން ރުފިޔާގެ ފައިދާ. މިއީ އެމްޓިސީސީ އަށް ލިބޭ ގެއްލުން ނަމަވެސް މި ތަނުގެ އެންމެ މަތީ ބޭފުޅުންނަށް ބައި އެޅޭ ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ،
އެމްޓީސީސީގެ އޮފިޝަލް
އެ ޑްރެޖަރު މީގެ ދެތިން ދުވަސް ކުރިން ރާއްޖެ އަށް މިހާރު ވަނީ ގެނެސްފަ އެވެ. "ބޮޑު ޖައްރާފާ"ގެ ނަން ދީފައިވާ އެ ޑްރެޖަރު ގެނައުމުގެ ތެރޭގައި، ޑްރެޖަރުގެ ކެބިން އާއި އެކްޓާ ބޫމްގެ އިތުރުން ކޮންޓްރޯލް އިކުއިޕްމަންޓް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އެގޮތުން އެމްޓީސީސީން އެ ޑްރެޖަރުގެ ފޮޓޯ އާންމު ކޮށްފައިވާއިރު، ގެއްލުން ނުފެންނަ ގޮތަށް ސަތަރި އަޅައި އެ ބައި ވަނީ ފޮރުވައިފަ އެވެ.
"ވަރަށް ބޮޑަށް ހަލާކުވެފަ އޮތީ. ޑްރެޖަރު ގެންނަނިކޮށް ކަނޑު ގަދަވެގެން ހިނގި ކަމެއްގައި ހަލާކުވީ ކަމަށް ވަނީ. އެކަމުގެ މާ ބޮޑު ޑީޓެއިލް އެއް އަދި ސާފެއް ނުވޭ. އެކަމަކު އެތައް މިލިޔަނެއްގެ ގެއްލުން ވެފައިވާ ކަން ކަށަވަރު،" އެމްޓީސީސީގެ އޮފިޝަލް ވިދާޅުވި އެވެ.

އާޒިމް އެމްޓީސީސީ އާއި ހަވާލުވީ ފަހުން އެތައް ސަތޭކަ މިލިޔަން ރުފިޔާ އެއްގެ މަސައްކަތް، ބޮޑު އަގުގައި ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް އެމްއެމް އެކްސްޕޯޓަށް ވަނީ ދީފަ އެވެ. އެފަދަ އެތައް މުއާމަލާތްތަކެއްގެ ތަފްސީލް "ދިޔަރެސް" އަށް ވަނީ މިހާރު ލިބިފައެވެ. އަދި އެކަމާއި ގުޅޭ ރިޕޯޓުތައް "ދިޔަރެސް" އިން ގެނެސްދޭނެއެވެ.

މި ލިއުމާއި ގުޅޭ