ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުއާ ދެއްވި ވެރިއެއްކަމަށް ވިދާޅުނުވާ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީގެ ލީޑަރުންނަށް އެ ޕާޓީއަށް ނިސްބަތްވާ ބައެއް އާންމުންގެ ފަރާތުން ވަރަށް ބޮޑެތި ފާޑުކިޔުން އަމާޒުވަމުން އަންނަ މި ދުވަސްވަރުގައި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ކެމްޕޭން ކުރައްވަމުން އިލްޔާސް ދެއްކެވި ވާހަކަފުޅެއްގެ ޚަބަރު މީސްމީޑިއާއަށް އަލުން ތިލަވެފައިވެއެވެ.
އަދާލަތު ޕާޓީގެ މެންބަރުން ތިބޭ ވައިބާ ގުރޫޕަކަށް މީހަކުވަނީ އިލްޔާސް އެއިރު ރައީސް ޞާލިޙަށް ތާއީދުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ޚަބަރެއް ހިއްސާކޮށްފައެވެ. އެއާއެކު އިލްޔާސް ވިދާޅުވެފަައިވަނީ އެ ޚަބަރުގެ ސުރުޚީއަކީ ތެދެއްކަމަށް ޤަބޫލުކޮށްގެން އެ ޚަބަރު ފަތުރާ ފަރާތްތަކުން ތައުބާވާންޖެހޭނެ ކަމަށެވެ.
އިލްޔާސް އެފަދައިން ވިދާޅުވެފައިވަނިކޮށް ރައީސް ޞާލިޙަށް މީސްމީޑިއާގައި، އެމްޑީޕީގެ އެކްޓިވިސްޓުންނަށްވުރެ ބޮޑަށް ތާރީފުކުރައްވައި ސަނާ ވިދާޅުވާ އަދާލަތުގެ އެކްޓިވިސްޓު އަދި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒުވަނީ އިލްޔާސްގެ ވާހަކަފުޅުގައި އެއްވެސް މައްސަލައެއް ނެތްކަމަށް ވިދާޅުވެފައެވެ.
އިޔާޒުގެ ވާހަކަފުޅާ ގުޅިގެން އިލްޔާސް ވިދާޅުވީ އޭނާވެސް ދައްކަވަނީ އެ ވާހަކަފުޅު ކަމަށެވެ. އެހެންނަމަވެސް ފެތުރޭ ޚަބަރަކީ ހަދައިގެން ދައްކާ ވާހަކައެއް ކަމަށް އިލްޔާސް ތުހުމަތުކުރެއްވިއެވެ. އަދި ޚަބަރުގެ ސުރުޚީގައި އޮތް އިބާރާތަކީ އޭނާ ވިދާޅުވި ބަސްފުޅެއް ނޫން ކަމަށް އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް އެ ވާހަކަފުޅު ދޮގުކުރެއްވި ނަމަވެސް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދުކުރައްވައި އައްޑޫަގައި އޮތް ޖަލްސާއެއްގައި އިލްޔާސްވަނީ ރައީސް ޞާލިޙާއި ނައިބުރައީސް ފައިސަލް ނަސީމަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުއާ ދެއްވި ފަދަ ވެރިންތަކެއް ކަމަށެވެ.
""އިބޫ އާއި ފައިސަލް އަށް ތާއިދު ކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ ކިބުރުވެރިކަމާއި ބޮޑާކަން އެމީހުންގެ ފަރާތުން ނުފެނުން. މަޑުމައިތިރިކަމާއި އޯގާތެރިކަން. ރައްޔިތުންގެ މަޝްވަރާ ހޯއްދެވުމާއި ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުން ވަނީ ކޮންކަންތައްތަކެއް ކަން އަޅުގަނޑަށް އެމީހުންގެ ފަރާތުން ފެނުނީމަ އަޅުގަނޑުގެ ހިތް ބުނީ މިއީ ކީރިތި ރަސޫލާ صَلَّى الله عَلَيه وسَلَّمَ ދުޢާ ދެއްވާފައިވާ މީހުންގެ ތެރޭގައި ހިމެނޭ ވެރިއެކޭ،" އިލްޔާސް ވިދާޅުވެފައިވެއެވެ.
މީގެ ކުރިން ޑރ.އަފްރާޝީމުގެ ޤަތުލާ ގުޅިގެން 9 މީހަކު މަރާލާފައިވާ ކަމަށް ދޭހަވާ ގޮތަށް ރައީސް ޞާލިޙުގެ ކެމްޕޭނުގައި ރައީސް ޢަބްދުﷲ ޔާމީނަށް ތުހުމަތުކުރައްވައި ދެއްކެވި ވާހަކަވެސް ނުދައްކަވާ ކަމަށް އިލްޔާސްވަނީ ވިދާޅުވެފައެވެ.
އިލްޔާސަކީ މެލޭޝިޔާގައި ހުުންނަ އެމްބަސީން ރަމްޒީ މަޤާމެއް ހަމަޖައްސައިދީ ޑިޕްލޮމެޓިކް ޕާސްޕޯޓެއް ރައީސް ޞާލިޙު ދެއްވާފައިވާ ބޭފުޅެކެވެ. އަދި ދޮގު މައުލޫމާތު ދީގެން މެލޭޝިޔާއިން އޭނާއަށް ވިސާވެސް ހަމަޖައްސާފައިވާކަން ކުރިންވަނީ ހާމަވެފައެވެ.