އިސްލާމްދީނަށް ތައުހީނުކޮށް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކުރާކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށް ރާއްޖެ ދޫކޮށް ފުރައިގެން ދިޔަ ހުސައިން ޝައިހާނު އޭނާ ދީނަށް ފުރައްސާރަކުރަން ބޭނުންކުރި ކުރެދިކުރި އެކައުންޓު ބޭނުންކޮށްގެން އަނެއްކާވެސް އިސްލާމްދީނަށް ތައުހީނުކުރަން ފަށައިފިއެވެ.
ޝައިހާނަކީ މިފަދައިން އިސްލާމްދީނަށް ތައުހީނުކުރާކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނިކޮށް ރާއްޖެއިން ފުރައިގެން ދިޔަ ފުރަތަމަ މީހާއެއް ނޫނެވެ. އުލްފާ ފަހުމީ ނަމަކަށް ކިޔާ އަންހެނަކު އިސްލާމްދީނަށް ތައުހީނުކުރާކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށް އޭނާވެސް ފުރައިގެން ގޮސްފައިވެއެވެ.
ޝައިހާނު ރާއްޖެއިން ފުރައިގެން ދިޔައީ "ކުރެދިކުރި" ނަމުގައި، ޓުވިޓާގައި އިސްލާމްދީނަށް ތައުހީނުކޮށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތައުހީނުކޮށް ކުރަހާފައިވާ ކާޓޫނު އާންމުކޮށްފައިވަނީ އޭނާކަން ކަށަވަރުވާ ހެކި ފުލުހުންނާ ހިއްސާކޮށްފައިވަނިކޮށެވެ.
އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ރިޔާޒު ވިދާޅުވެފައިވަނީ ޝައިހާނު ފުރައިގެން ދިޔައީ އޭނާގެ ޕާސްޕޯޓު ހިފަހެއްޓުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް ކަމަށެވެ. އަދި އިސްލާމްދީނަށް ތައުހީނުކުރާ މައްސަލަތަކަކީ އެހެން އެއްވެސް މައްސަލައަކަށް ނުދޭ މިންވަރުގެ އަހަންމިއްޔަތެއް ދީގެން ފުލުހުންގެ އިދާރާއިން ބަލާ މައްސަލަތަކެއް ކަމުގައި ރިޔާޒު ވިދާޅުވިއެވެ.
ހަރުކަށި ފިކުރުމުގެ ތުހުމަތުވާ މީހުން ވަރަށް ފަސޭހައިން ދެނެގަނެ ފުލުހުން ހައްޔަރުކުރާއިރު، އިސްލާމްދީނަށް ތައުހީނުކުރާ މީހުންނާމެދު އަދި އެކަންކަމަށް އަމިއްލަ ނަމުގައި ހިތްވަރުދޭ މީހުންނާމެދު ފުލުހުންނަށް އެއްވެސް ފިޔަވަޅެއް ނޭޅޭތީ އާންމުންގެ ފާޑުކިޔުން އެ އިދާރާއަށް އަމާޒުވެފައިވެއެވެ.
ރާއްޖެއިން ފުރައިގެން ގޮސް ދުވަސްކޮޅެއް ފަހުން އަބުރާ ޓުވިޓާއަށް އައިސް ޝައިހާންވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނިސްބަތްކޮށް ހުތުރު ބަސްތައް ރައްދުކޮށް އެކަލޭގެފާނުގެ އިސްތަށިފުޅުގައި ނުބައި ތުހުމަތުތައް އަޅުވަން ފަށާފައެވެ.
އޭގެ އިތުރަށް ޝައިހާނު ގެންދަނީ ޤުރުއާނުގެ އާޔަތްތަކުގެ މާނައާއި މަފުހޫމު އޮޅޭ ގޮތަށް އެ އާޔަތްތައް މާނަކޮށް މީހުން ވާވެއްދުމަށް މަސައްކަތްކުރަމުންނެވެ.
ޝައިހާނަކީ ޓްރާންސްޕޭރެންސީ މޯލްޑިވްސް ފަދަ ބައެއް މަދަނީ ޖަމްއިއްޔާތަކުގައި މަސައްކަތްކުރި މީހެކެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މީސްމީޑިއާ އެކި މަންސަތަކުގައި އިސްލާމްދީނަށް ފުރައްސާރަކުރުން ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ.