Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސަޖިތު ޕްރެމަދާސާ

ލަންކާއާމެދު އިންސާނިއްޔަތާ އެއްގޮތަށް އަމަލުކޮށްދިނުމަށް އައިއެމްއެފްއަށް ގޮވާލައްވައިފި

އައިއެމްއެފްއިން ލަންކާއާމެދު އިންސާނިއްޔަތާ އެއްގޮތަށް އަމަލުކޮށްދިނުމަށް ލަންކާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރު ސަޖިތު ޕްރަމަދޭސާ ގޮވާލައްވައިފިއެވެ.

ލަންކާގެ އައު ރައީސްކަމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން އެންމެ ތާއީދު ބޮޑު އެއް ބޭފުޅާކަމަށްވާ ޕްރަމެދާސާވަނީ ވީހާވެސް އަވަހަކަށް ލަންކާ ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް ޤާނޫނު ހަދާ މަޖިލީހުގެ އާންމު އިންތިޚާބެއް ބާއްވަން ގޮވާލައްވާފައެވެ. މިހާރު ތާވަލުކުރެވިފައިވާ ގޮތުން އެންމެ އަވަހަށް ލަންކާގެ އާންމު އިންތިޚާބެއް އޮންނާނީ 2025 ވަނަ އަހަރުއެވެ.

ޕްރަމަދޭސާގެ ވާހަކަފުޅުގައި ރައީސްކަމަށް ވާދަކުރައްވާ މިހާރުގެ ވަގުތީ ރައީސް ރަނިލް ވިކްރަމަސިންހައަށް ފާޑުވިދާޅުވެފައިވެއެވެ. އަދި ވިކްރަމަސިންހައަކީ ރައީސްކަމުގެ ޤާނޫނީ ހައިސިއްޔަތެއް ނެތް ބޭފުޅެއްކަމަށް އޭނާ ވިދާޅުވިއެވެ.

ލަންކާގައި ބާރުގަދަ ރާޖަޕަކްސަ ޚާންދާނާ ދެކޮޅަށް އެ ޤައުމުގެ ރައްޔިތުން ކުރި މުޒާހަރާތަކާއި އިހުތިޖާޖުތަކުގެ ނިމުން، އަންނަ ބުދަދުވަހުގައި އޮންނަ ބަރުލަމާނުގެ އާދަޔާޚިލާފު ވޯޓާއެކު ނިމުމަކަށް އަންނާނެއެވެ. ރާޖަޕަކްސަ ޚާންދާނުން ބާރުގަދަ މަޤާމެއްގައި އެންމެ ފަހަށް ހުންނެވި ލަންކާގެ ކުރީގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސަވަނީ ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމަށްފަހު ރާއްޖެ މަގުން ސިންގަޕޫރަށް ވަޑައިގެންފައެވެ.

ކޮލަމްބޯގައި ހުންނަ އޭނާގެ މައި އޮފީހުން "ފައިނޭންޝަލް ޓައިމްސް" ނޫހާ ވާހަކަދައްކަވަމުން ޕްރަމަދޭސާ ވިދާޅުވީ އައިއެމްއެފްއާއި އެ ނޫންވެސް ބައިނަލްއަޤުވާމީ މާލީ މުއައްސަސާތަކުން ލަންކާއަށް އިންސާނިއްޔަތުގެ ނަޒަރަކުން ބަލަންޖެހޭ ކަމަށެވެ. އަދި ލަންކާގެ ހާލަތަކީ މިހާރު އިންސާނީ ކާރިސާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި އޭނާ ވިދާޅުވީ އިންތިޚާބީ ޚުދުމުޚުތާރު ވެރިކަމަކުން ގެންގުޅުނު ދޯހަޅި ސިޔާސަތެއްގެ ނަތީޖާއެއްގެ ގޮތުން މުޅި ދުނިޔެއިން 22 މިލިއަން އާންމުންނަށް އެކަމުގެ އަދަބު ދިނުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.

ލަންކާގެ ރައީސްކަމަށް ވެވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނީ އެ ޤައުމުގެ މިނިވަންކަމުގެ ތާރީޚުގައި ލަންކާއަށް ކުރިމަތިވި އެންމެ ބޮޑު އިޤުތިޞާދީ އަދި ސިޔާސީ ކާރިސާއާއެވެ. އަދި އައިއެމްއެފްއާއެކު އެއްބަސްވުމަކަށް ވާސިލުވެ ބައިނަލްއަޤުވާމީ ފަރާތްތަކުން ނަގާފައިވާ 50 ބިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ދަރަނި ރިސްޓްރަކްޗާކުރުމަކީ އެ ބޭފުޅެއްގެ ޒިންމާއަށް ވާނެއެވެ.

ޕްރަމެދާސާ ވިދާޅުވި ގޮތުގައި އައިއެމްއެފްގެ އެއްބަސްވުމުގެ ތެރެއިން ރައްޔިތުންނާ ހަމައަށް އިޤުތިޞާދީ ލޮޅުންތަކުގެ އަސަރު ފޯރާ މިންވަރު ކުޑަކުރާނެ ފިޔަވަޅުތަކެއް ތަންފީޒުކުރުން މުހިއްމު ކަމަށެވެ. ދަރަނި ރިސްޓްރަކްޗާކުރާއިރު އާންމުންނަށް އެކަމުން ކުރާ އަސަރު ވީހާވެސް ކުޑަކުރުމަށް އިސްކަން ދޭންޖެހޭ ކަމަށެވެ.

ރާޖަޕަކްސަ ޚާންދާނުން ގަސްކާނާ މަނާކުރުމާއި މުއްސަނދިން އަތުން ނަގާ ޓެކުސް ކުޑަކުރުން ފަދަ ފިޔަވަޅުތައް އެޅުމުގެ ސަބަބުން، ފަތުރުވެރިކަމުގެ އާމްދަނީ މަދުވެ ބޭރުގެ ދަރަނި ބޮޑުވުމުގެ ސަބަބުން ލަންކާއަށް ކުރިމަތިވެފައި އޮތް އިޤުތިޞާދީ ހިރާސްތައް ބޮޑުވެ އިޤުތިޞާދީ ފުން އަނދަވަޅަކަށް އެ ޤައުމު ވެއްޓުނެވެ.

މި ލިއުމާއި ގުޅޭ