Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރީކޯ މޫސާ

ރީކޯ މޫސަގެ ރިސޯޓުގެ ބައެއް މުވައްޒަފުންނަށް މުސާރަނުދޭތާ 3 މަސް

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިސް ބޭފުޅެއް ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސާ މަނިކުގެ ރަހާ ރިސޯޓުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް މުސާރަ ނުދޭތާ ތިން މަސްވެފައިވާކަމަށް އެ ރިސޯޓުގެ ބައެއް މުވައްޒަފުން ބުނެފިއެވެ.

ރަހާ ރިސޯޓުގެ ބައެއް މުވައްޒަފުން ނަން ނުޖެހުން ޝަރުޠުކޮށް "ދިޔަރެސް"އަށް މައުލޫމާތު ދިން ގޮތުގައި އެ ރިސޯޓުގެ މުވައްޒަފުންގެ ތެރެއިން 60 އިންސައްތަ މުވައްޒަފުންނަށް މުސާރަ ނުދޭތާ މިހާރު ތިން މަސްދުވަސް ވެއްޖެއެވެ. އަދި އެ މުވައްޒަފުން މުސާރަ ނުލިބިގެން ޝަކުވާ ކުރުމުން މޫސަ ދެއްވަނީ ވަރަށް ރުންކުރު ޖަވާބުތަކެއް ކަމުގައިވެސް އެ މުވައްޒަފުން ބުންޏެވެ.

"މުސާރަ ނުދީގެން ވާހަކަދެއްކީމައި މޫސަ ބުނަނީ ތިމަންނަ ހިންގަނީ ވިޔަފާރިއެކޭ. ވިސްނަންޖެހޭ ކަންކަން ހުންނާނޭ. މުސާރަ ނުލިބިގެން ހިތްހަމަނުޖެހެންޏާ ކެނޑިގެން ދާށޭ،" ރަހާ ރިސޯޓުގެ މުވައްޒަފަކު "ދިޔަރެސް"އާ ވާހަކަދައްކަމުން ބުންޏެވެ.

ރިސޯޓުގެ ގިނަ މުވައްޒަފުންނަށް މުސާރަ ނުދޭއިރު ބައެއް މުވައްޒަފުންނަށް މުސާރަ ދޭ ކަމަށާއި، މުސާރަ ދެނީ މެނޭޖުމެންޓުން ބޭނުންވާ ބަޔަކަށް ކަމުގައިވެސް ރަހާ ރިސޯޓުން ވާހަކަދެއްކި މުވައްޒަފުން ކިޔައިދިނެވެ. އަދި ރިސޯޓުގައި މި ވަގުތު މަސައްކަތްކުރާ ގިނަ މުވައްޒަފުން މަސައްކަތްކުރަނީ އެ ނޫން ގޮތެއް މި ވަގުތަށް ނެތިގެން ކަމަށާއި ވަރަށް ގިނަ މުވައްޒަފުން އެހެން ވަޒީފާތައް ހޯދައިގެން ރިސޯޓު ދޫކޮށް ދާ ކަމަށް އެ މުވައްޒަފުން ބުންޏެވެ.

ރަހާ ރިސޯޓުގެ މުވައްޒަފުންނަށް މުސާރަ ނުދިނުމުގެ އިތުރަށް އެ މުވައްޒަފުން ފާހަގަކުރީ ރިސޯޓުން މުވައްޒަފުންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު ދަށް ވާހަކައާއި ބައެއް ޚިދުމަތްތައް ނެތް ވާހަކައެވެ. "ރިސޯޓުގެ ކެއުން ވަރަށް ގޯސް. ރަނގަޅަށް މުވައްޒަފުންނަށް ކާން ނުލިބޭ. އަނެއްކާ މެޑިސިންގެ އެއްވެސް ކަމެއް ނެތް. ބަލިވެއްޖެއްޔާ ރަނގަޅުވަންދެން ރޫމުގައި ތިބުން ނޫން ގޮތެއް މިތާކު ނެތް،" ރިސޯޓުން ވާހަކަދެއްކި މުވައްޒަފަކު ކިޔައިދިނެވެ.

މޫސަގެ ރަހާ ރިސޯޓުން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ކުލި ނުދެއްކުމުގެ ޖޫރިމަނާގެ ގޮތުގައި 43 މިލިއަން ރުފިޔާ އަދިވެސް ނުދައްކައި އޮތްކަމަށް ޓުއަރިޒަމް މިނިސްޓްރީގެ އިސް އޮފިޝަލަކު ވަނީ "ދިޔަރެެސް"އަށް މައުލޫމާތު ދެއްވާފައެވެ.

އަދި އޭގެ އިތުރަށް ޤައުމީ އެއާލައިން މޯލްޑިވިއަން އިން އެ ރިސޯޓުން ގަނެފައިވާ ޓިކެޓުތަކަށް 7.7 މިލިއަން ރުފިޔާ ދައްކަންޖެހި އެ ރިސޯޓުން ދައްކާފައިނުވާކަން ވަނީ ހާމަވެފައެވެ. އެ ޚަބަރު "ދިޔަރެސް"އިން ޝާއިއުކުރުމުން މޫސަވަނީ މި ނޫހަށް ގުޅުއްވައި އިންޒާރު ދެއްވާފައެވެ.

އޭގެ އިތުރަށް ރިސޯޓު ތަރައްޤީކުރުމަށް ލ.ފަރެސް އާއި ލ.ބޮޑުހުރާއާއި ލ.ކުޑަ ފަރެސް ރަހުނުކޮށް ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ 11 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް އަދާނުކުރާތީ އެ ރަށްތަކުގެ ހެޑް ލީސް ވިއްކުމުގެ ހުއްދައަކަށް ބޭންކް އޮފް މޯލްޑިވްސްއިން އެދުމުން އެ ހުއްދަ ނުދިނުމުގެ ވަގުތީ އަމުރަކަށް މޫސަ އެދިވަޑައިގަތުމުން އެފަދަ އަމުރެއް ނުނެރެވޭނެ ކަމަށް ހައިކޯޓުން ނިންމާފައިވެއެވެ.

މޫސައަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ވަރަށް އަރިސް ގުޅުމެއް އޮންނަ ބޭފުޅަކަށްވާއިރު ރައީސްގެ ފަރާތްޕުޅުން ސިޔާސީ ވާދަވެރިންނަށް، ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް ރައްދުދެއްވުމަށް ރީކޯ މޫސަ ނިކުމެވަޑައިގަންނަވާކަން އޮތީ ފާހަގަކުރެވިފައެވެ.

މި ލިއުމާއި ގުޅޭ