މިހާރު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވާ އިސްމާއީލް އަބްދުއްރަހީމް (އިސޫ) މަރު ކޮމިޝަނަށް މިއަދު ހާޒިރުކޮށްފިއެވެ.
އިސޫ ހައްޔަރުކޮށްފައިވަނީ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލުވައިލި މައްސަލައާ ގުޅިގެން ކަމަށް ސަރުކާރުން މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ. އިސޫއާއި އިތުރު ދެ މީހަކު ހައްޔަރުކުރުމާއެކު އެ މީހުން ޝަރީޢަތް ނިމެންދެން ބަންދުކުރަން ރައީސް އޮފީހުން ކޯޓަށް އަންގާފައިވާ ކަމުގެ މައުލޫމާތު "ދިޔަރެސް"އަށް ލިބި އެ ޚަބަރު ޝާއިއުކޮށްފައިވަނިކޮށް އެ ތިން މީހުންވެސް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވެއެވެ.
އިސޫ ހައްޔަރުކޮށްފައިވަނީ ޖޫން މަހުގެ 26 ވަނަ ދުވަހު ހެނދުނުގައި ކާނިވަލް ސަރަހައްދުގައި ހުރި ކެފޭއެއްގައި ސައި ބޯން އިންދައެވެ. އިސޫ ހައްޔަރުކޮށްފައިވަނީ އޭނާ ހައްޔަރުކުރަން އުޅޭކަމުގެ ޚަބަރު ލިބިގެން އަމިއްލައަށް ފުލުހުންނާ ހަވާލުވާން ފުލުހަށް ދިއުމުން އޭނާ ހައްޔަރުނުކޮށް ދޫކޮށްލުމަށްފަހުއެވެ.
ބައެއް މީޑިއާތަކުން އެއިރުވެސް އިސޫ ހައްޔަރުކުރީ ރިޟްވާން ގެއްލުވައިލި މައްސަލާގައި ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އިސޫގެ އިތުރަށް މި މައްސަލައާ ގުޅިގެން މަރު ކޮމިޝަނުން އެދިގެން ހައްޔަރުކޮށްފައިވަނީ އަހްމަދު އިސްމާއީލް (އަހަނދު) އަދި އަޙްމަދު މުއާޒު (ގަޓު މުއާ)އެވެ.
އެ ތިން މީހުންވެސް ޝަރީޢަތް ނިމެންދެން ބަންދުކޮށްދިނުމަށް މަރު ކޮމިޝަނުގެ ފަރާތުން އެދުމުން އެ ތިން މީހުން ޝަރީޢަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކުރިމިނަލް ކޯޓުން އަމުރުކުރީ ޖޫން މަހުގެ 27 ވަނަ ދުވަހުއެވެ.
އިސޫ މިއަދު މަރު ކޮމިޝަނަށް ހާޒިރުކޮށްފައިވާއިރު އޭނާ ހާޒިރުކުރީ ކޮން ބޭނުމަކު ކަމެއް މިހާތަނަށް އެ ކޮމިޝަނުން ހާމަނުކުރެއެވެ.
އަދި މި ތިން މީހުން ހައްޔަރުކުރީ ރިޟްވާނު ގެއްލުވައިލި މައްސަލައާ ގުޅިގެން ކަމަށް މަރު ކޮމިޝަނުން މީޑިއާތަކަށް މައުލޫމާތު ދިން ނަމަވެސް އެ ތިން މީހުންނަށް ކުރާ ތުހުމަތުތަކަކީ ކޮބައިކަމެއް އަދި ކޮމިޝަނަށް ހޯދުނު ހެއްކަކީ ކޮބައިކެއް ހާމަކޮށްފައިނުވެއެވެ.