Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޔޫރޯ

ފުރަތަމަ ފަހަރަށް ޔޫރޯއާއި ޑޮލަރުގެ އަގު އެއްވަރުވެއްޖެ

ވިހި އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އެމެރިކާ ޑޮލަރާއި ޔޫރޯ ޒޯނުގައި ބޭނުންކުރާ ޔޫރޯ ފައިސާގެ އަގު އެއްހަމަވެއްޖެއެވެ.

އަންގާރަދުވަހުގައި މި އަހަރު ފެށުނުއިރު ޔޫރޯގެ އަގު ހުރި މިންވަރަށްވުރެ 12 އިންސައްތަ ދަށަށް ގޮސް ޔޫރޯއެއްގެ އަގު އެއް ޑޮލަރަށްވަނީ ވެއްޓިފައެވެ. ރަޝިޔާއިން ޔޫކުރެއިނަށް އެރުމުން ހުޅަނގުން އެރި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ކާބޯތަކެއްޗާއި ހަކަތައިގެ އަގު އުފުލުމުގެ ބޮޑު މައްސަލަތައް ކުރިމަތިވެފައިވާ ޔޫރަޕުގެ ފައިސާގެ އަގު ވެއްޓުމާއެކު އެ ބައްރު ބޮޑު އިޤުތިޞާދީ ތަދުމަޑުކަމަކަށް ވެއްޓިދާނެ ކަމުގެ ބިރުވަނީ ބޮޑުވެފައެވެ.

ޔޫކުރެއިން ހަނގުރާމައިގެން ކުރިން ވިލާތުގެ އިއްތިހާދަށް އެތެރެކުރާ ގޭހުގެ ގާތްގަނޑަކަށް 40 އިންސައްތަ އެތެރެކުރީ ރަޝިޔާއިން ކަމުގައިވާތީ ހަކަތައިގެ ކަންކަމުގައި ރަޝިޔާގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އެ އިއްތިހާދުން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.

ހަމައެއާއެކު ރަޝިޔާއިންވަނީ ޔޫރަޕުގެ ޤައުމުތަކަށް ގޭސް ދޫކުރާ މިންވަރު މަދުކޮށް ހިފަހައްޓާފައެވެ. އެގޮތުން ރަޝިޔާއިން ގޭސް ބޭރުކުރާ ތެޔޮ ހޮޅިއެއް ކަމުގައިވާ ނޯޑް ސްޓްރީމް ތެޔޮހޮޅިން ޖަރުމަނަށް ބޭރުކުރާ ގޭހުގެ 60% ރަޝިޔާއިންވަނީ ހިފަހައްޓާފައެވެ.

ހަކަތައިގެ ބޮޑު ދަތިކަމެއް ޔޫރަޕަށް ކުރިމަތިވެފައިވަނީ ޔޫރަޕުގެ އިޤުތިޞާދު ވަރަށް ބޮޑަށް މަޑުޖެހިފައިވާ ދަނޑިވަޅެއްގައެވެ. އަދި ޔޫރަޕުގައި މުދަލާއި ޚިދުމަތުގެ އަގު އުފުލުން މަޑުޖެއްސުމަށް އެކަށީގެންވާ މަނިޓަރީ ސިޔާސަތެއް ވިލާތުގެ މަރުކަޒީ ބޭންކަށް ތަންފީޒުކުރެވުމާމެދު މާހިރުން ޝައްކު އުފައްދައެވެ. ޔޫރަޕުގެ އިންފުލޭޝަން 8.6%އަށް އުފުލިފައިވާއިރު 2011 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް މަރުކަޒީ ބޭންކުގެ އިންޓަރެސްޓު ރޭޓު މަތިކުރަން ވަނީ ނިންމާފައެވެ.

މުހައްލިލުން ވިދާޅުވާ ގޮތުގައި މަރުކަޒީ ބޭންކުތަކުން އިންޓަރެސްޓު ރޭޓުތައް މަތިކުރުމާއި އިޤުތިޞާދުތައް މަޑުޖެހުމާއެކު ޔޫރޯއަށް އޮތް ފިއްތުން އިތުރަށް ބޮޑުވާނެއެވެ. އަދި އިންވެސްޓަރުން ރައްކާތެރިކަން ކަށަވަރުކުރުމަށް ޑޮލަރު އިޚުތިޔާރުކުރުން ގާތްކަމަށް މުހައްލިލުން ލަފާކުރައްވައެވެ.

ޔޫރަޕުގެ މަރުކަޒީ ބޭންކުން އިންޓަރެސްޓު ރޭޓުތައް ބޮޑުކުރަނީ މާ ބޮޑަށް ލަސްވިފަހުން ކަމަށް ގިނަ މާހިރުން ދެކެވަޑައިގަންނަވާއިރު އެމެރިކާގެ މަރުކަޒީ ބޭންކުންވަނީ ވަރަށް އަވަސް ފިޔަވަޅުތަކެއް އަޅައި 0.75 އިންސައްތައިން އެ ޤައުމުގެ ޕޮލިސީ އިންޓަރެސްޓު ރޭޓު މަތިކޮށްފައެވެ.

ޑިއުޝް ބޭންކުގެ އެފްއެކްސް ރިސާޗުގެ ވެރިޔާ ޖޯސް ސްރެވެލޯސް ލިޔުއްވި ގޮތުގައި ޑޮލަރަށްވުރެ ޔޫރޯގެ އަގު ދަށްވެދާނެ ހާލަތެއް ކުރިމަތިވެ ޔޫރޯގެ އަގު 0.95 ނުވަތަ 0.97 ޑޮލަރަށް ވެއްޓުމަކީ އެކަށީގެންވާ ކަމެކެވެ. ޚާއްޞަކޮށް މި އަހަރުގެ ތިންވަނަ ކުއާޓާގައި އެމެރިކާއާއި ޔޫރަޕުގެ އިޤުތިޞާދު އިތުރަށް ހީނަރުވާނަމަ އެއީ ކުރިމަތިވުން ގާތް ހާލަތެއްކަމަށް އޭނާ ލިޔުއްވިއެވެ.

މި ބަދަލަކީ ދުނިޔޭގެ އިޤުތީޞާދަށް ބޮޑު ބަދަލެއް ގެނުވައި ދުނިޔޭގެ އިޤުތިޞާދީ ކުރިއެރުން އިތުރަށް މަޑުޖެހުމަށް މެދުވެރިވާނެ ސަބަބެއްކަމަށް އިޤުތިޞާދީ މާހިރުން ލަފާކުރައްވައެވެ.

މި ލިއުމާއި ގުޅޭ