ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ހިފެހެއްޓުމެއް ނެތް ތައުރީފް ކުރައްވައިފިއެވެ.
ޝަރީފް ރައީސް ޞާލިހަށް ތައުރީފް ކުރައްވާފައި މި ވަނީ ތަންފީޒީ އިދާރާތަކުން ރަނގަޅަށް ރައްޔިތުންގެ ބާރު ދެނެގަތުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އިދިކޮޅުގެ އިއްތިހާދުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޮވާލެއްވުމާއި ގުޅިގެންނެވެ.
ރައީސް ޔާމީން ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ވަރަށް ރަނގަޅަށް ސަމާލުކަން ދީގެން ޓީވީ ބަލަންޖެހޭ ކަމަށެވެ. އެމަނިކުފާނު އިޝާރާތްކުރައްވާފައިވަނީ ފާއިތުވި ހޮނިހިރުދުވަހުން ފެށިގެން ލަންކާގައި ހިނގަމުން އަންނަ ކަންކަމަށެވެ.
ރައީސް ޔާމީނުގެ ޓުވީޓާ ގުޅިގެން ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުލިއާގެއަށް ވަދެ ރައީސުލްޖުމުހުރިއްޔާ އަވަހާރަފުޅުލައްޗަވާ އެނދަށް އަރާ ސެލްފީ ނެގުމަކީ ރައްޔިތުންނަށް އޮތް ބާރެއްކަމަށް ބައެއް ބޭފުޅުންނަށް ހީވާ ކަލަކަމަށެވެ.
މިކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ ރައީސް ޞާލިކަކީ ރައްޔިތުންގެ އިހްސާސްތައް ރަނގަޅަށް އެނގިވަޑައިގެން ވެރިކަން ކުރައްވާ ހިކުމަތްތެރި ރައީސްއެއްކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ ގޮތުގައި ހުންނެވިއިރު ޝަރީފަށް އެންމެ ބޮޑަށް ކުރެވުނު ތުހުމަތަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކާމިޔާބުކޮށްދެއްވުމަށް ޝަރީފު މަސައްކަތްކުރެއްވި ކަމުގެ ތުހުމަތެވެ. އަދި އިންތިޚާބުގެ ނަތީޖާ އޮޅުވައިލެއްވި ކަމުގެ ތުހުމަތެވެ.
ސަރުކާރުގެ މުހިއްމު ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމު ޝަރީފަށް ރައީސް ޞާލިޙު ދެއްވުމުން އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަނީ އެ މަޤާމު އޭނާއަށް ދެއްވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޮޅުވައިލެއްވުމުގެ ބަދަލެއްގެ ގޮތުގައި ކަމަށެވެ.