Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސުބްރަމާނިއަން ސްވާމީ

ރާއްޖެއަށް އިންޑިއާ ސިފައިން އަރަން ގޮވައިލި ބީޖޭޕީގެ ލީޑަރު މިފަހަރު ގޮވައިލީ ލަންކާއަށް އަރަން

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ދިވެހިރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވުމަށް ގޮވައިލި ބީޖޭޕީގެ ލީޑަރު ސުބްރަމަނިއަމް ސުވާމީ ލަންކާއަށް އިންޑިއާ ސިފައިން އެރުމަށް ގޮވާލައިފިއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޮޅުވައިލަން އުޅޭކަމަށް ތުހުމަތުކޮށް ރާއްޖެއެމްވީއިން ގެނައި ޚަބަރަކާ ގުޅިގެން ސުވާމީ ކުރި ޓުވީޓެއްގައި އޭނާވަނީ އިންތިޚާބު އޮޅުވާލައިފިނަމަ އިންޑިއާއިން ދިވެހިރާއްޖެ ހިފަންޖެހޭ ކަމަށް ބުނެފައެވެ.

ސުވާމީއަކީ މުސްލިމުންނާ ދެކޮޅު ހަރުކަށި ވިސްނުންތަކެއް ގެންގުޅޭ މީހެކެވެ. އެގޮތުން އޭނާވަނީ އެއްވެސް ޤައުމެއްގެ މުސްލިމުންގެ އާބާދީ އެ ޤައުމުގެ އާބާދީގެ 20 އިންސައްތައަށްވުރެ އިތުރުވެއްޖެނަމަ އެ ޤައުމަކަށް ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް ބުނެފައެވެ.

ލަންކާގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅިގެން އެ ޤައުމުގައި ވެރިކަންކުރި ރާޖަޕަކްސަ ޚާންދާނަށް އެހީތެރިވުމަށް އިންޑިއާއިން ސިފައިން ފޮނުވަންޖެހޭ ކަމަށް ސުވާމީ ބުނެފައިވެއެވެ.

ރާޖަޕަކްސަ ޚާންދާނާ ގާތް ގުޅުމެއް އޮންނަ ސްވާމީ ބުނެފައިވަނީ ގޯޓަބަޔާއާއި މަހިންދަ ރާޖަޕަކްސައަކީ ބޮޑު އަޣުލަބިއްޔަތުން އިންތިޚާބު ކާމިޔާބުކުރައްވައިގެން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދެ ބޭފުޅުން ކަމަށެވެ. އެފަދަ ޝަރުޢިއްޔަތު ލިބިފައިވާ އިންތިޚާބެއް ހަވަރު ނުކުމެގެން އަނބުރައިލަން އިންޑިއާއިން ފުރުސަތު ދޭނީ ކިހިނެއްތޯވެސް އޭނާ ސުވާލުކުރިއެވެ.

އަދި ސުވާމީ ބުނެފައިވަނީ އެފަދައިން ހަވަރު އެއްވެ އިންތިޚާބުތައް އަނބުރައިލަން އިންޑިއާއިން ޖާގަ ދިނުމަކީ މި ސަރަހައްދުގެ ހުރިހާ ޤައުމެއް ނުރައްކަލަށް ހުށަހެޅޭނެ ހާލަތެއް ކަމަށް ސްވާމީ ބުންޏެވެ. އަދި ރާޖަޕަކްސަ ދެބެއިން އިންޑިއާގެ އެހީތެރިކަމަށް އެދިވަޑައިގަންނަވަނީނަމަ އެ އެހީ އިންޑިއާއިން ދޭންޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

ސުވާމީގެ ވާހަކައާ ގުޅިގެން ލަންކާގެ ގިނަ ބައެއްގެ ނުރުހުން އިންޑިއާއަށް އަމާޒުވާން ފެށުމާއެކު ލަންކާގައި ހުންނަ އިންޑިއާ ހައިކޮމިޝަނުންވަނީ ސުވާމީގެ ވާހަކައަކީ އެ ޤައުމުގެ ރަސްމީ ވިސްނުން ނޫން ކަމަށް ބުނެފައެވެ.

ސުވާމީއަށް ފާޑުކީ މީހަކު ކުރި ޓުވީޓަކަށް ރައްދުދެމުން އޭނާ ބުނެފައިވަނީ 1971 ވަނަ އަހަރު ބަންގުލަދޭޝްގެ ކުރީގެ ރައީސް މުޖީބުއް ރަޙުމާނުގެ އިންތިޚާބީ ކާމިޔާބީ ދެމެހެއްޓުމަށް އިންޑިއާއިން ސިފައިން ފޮނުވި ކަމަށެވެ. އަދި ހަމަ އެފަދައިން ރާއްޖޭގައިވެސް އަމަލުކޮށްފައިވާނެކަމަށް ސުވާމީ ބުންޏެވެ.

އިންޑިއާއަކީ މި ސަރަހައްދުގެ ޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަތް ބޭނުމުގެ ދިގު ތާރީޚެއް އޮތް ޤައުމެކެވެ. އެގޮތުން ލަންކާގެ އަހުލީ ހަނގުރާމާގައި ލަންކާގެ އަސްކަރިއްޔާއަށް އެހީތެރިވުމާއެކު، ސިއްރިއްޔާތުގައި ތަމަޅަ ހަނގުރާމަވެރިންނަށް އިންޑިއާއިން މަދަދުވެރިވިއެވެ. އަދި ފަހުން ލަންކާއަށް އިންޑިއާ ސިފައިންގެ ފައުޖެއްވެސް ފޮނުވިއެވެ.

މި ލިއުމާއި ގުޅޭ