ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން މަތިމައްޗަށް ޓެކްސްނަގައި ރައްޔިތުން ނިކަމެތިކޮށް ޤައުމު ބަނގުރޫޓުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިފަދައިން ވިދާޅުވެފައި މިވަނީ އިއްޔެ މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިސަރުކާރުން ލާމަރުކަޒީ ނިޒާމާއި ޚިލާފަށް ކަންކަން ކުރިއަށް ގެންދަވާ ކަމަށް ބުނެ މާލެ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު ސައިފް ފާތިޙު ސަރުކާރަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަތަކުގެ ވީޑިއޯ އެއް ހިއްސާ ކުރައްވަމުންނެވެ.
ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައިފް ވިދާޅުވީ މާލޭގެ އަމީނީ މަގު ހެދުމުގެ މަޝްރޫއު މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން އާރްޑީސީއާއި ހަވާލު ކޮށްފައި ވަނިކޮށް ސިޓީ ކައުންސިލަށް އެންގުމެއް ނެތި ޕްލޭނިންގެ މިނިސްޓްރީންއަށް އެ މަސައްކަތް ނަގައި، މަސައްކަތުގެ އަގު 45 މިލިއަނަށް އިތުރުކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހަވާލުކުރުމުން އެކަމާ ކަންބޮޑުވާކަމަށެވެ.
އަދި މައި ސަރުކާރުގެ ބާރު، ލާމަރުކަޒީ ނިޒާމް ފުނޑިގެންދާގޮތަށް ވަންނަމުންދާތީ ކަންބޮޑުވާ ކަމަށާ، މިއީ އެބޭފުޅުން ތަސައްވުރު ކުރި ލާމަރުކަޒީ ނިޒާމެއް ނޫން ކަމަށް ސައިފް ވިދާޅުވިއެވެ.
ޝިޔާމް ކުރެއްވި ޓުވީޓެއްގައި އިތުރަށް ވިދާޅުވެފައިވަނީ، އިދިކޮޅު ކޯލިޝަނުން ވެސް ދައްކަވަމުންދަނީ ސައިފް ދެއްކެވި ވާހަކަތައް ކަމަށާއި، ސަރުކާރުން ކަންތައްތައް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ އާއްމު މެންބަރުން ލަދުގަންނަވަން ކަމަށެވެ.
ރާޢްޖޭގައި ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލެމުން އަންނަ ދަނޑިވަޅެއްގައި މުދަލާއި، ހިދުމަތުން ނަގަމުން އަންނަ ޓެކުސް ބޮޑުކުރާނެކަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވަނީ ހާމަކުރައްވައިފައެވެ.