Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މީކާއީލް ނަސީމް

މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހުރަސް ނާޅާ: މީކާއިލް

މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހުރަސް އެޅޭނެފަދަ އެއްވެސްކަމެއް ނުކުރުމަށް މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ގޮވާލައިފި އެވެ.

"ބިންވެރިޔާ-ގެދޮރުވެރިޔާ" ގެ ނަމުގައި މާލޭ ރައްޔިތުންނަށް ބަންޑާރަ ގޯތީގެ ގޮތުގައި ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އެކަމާ ގުޅިގެން ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަން ފަށާފައިވާއިރު، މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދިނުން އިންސާފުވެރިތޯ ބަލަން މަޖިލީހަށްވެސް މައްސަލަ ވަނީ ހުށަހަޅާފަ އެވެ.

އެކަމާ ގުޅިގެން މީކާއިލް މިއަދު ކުރެއްވި ޓުވީޓުތެއްގައި ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި "ވެށިފަހި" މާލޭގެ ދަށުން ދޫކުރި 250 އެއްހާ ގޯތި ފިޔަވާ ފާއިތުވީ 40 އަހަރުވެސް މާލޭ އާދައިގެ ރައްޔިތަކަށް މާލޭ ސަރަހައްދުން ގޯއްޗެއް ލިބިފައި ނުވާ ކަމަށެވެ.

ވާރުތަ ގޯތި "ފޮތިފޮތި" ކުރަމުންގޮސް، 8 ފޫޓު 10 ފޫޓު ކޮޓަރީގައި ކުރުއަތްމައްޗަށް ބޯލައިގެން ތިން ހަތަރު މީހުންނާއެކު ނިދާ މާލޭ މީހުން މަދު ނޫން ކަމަށެވެ. އުސް އިމާރާތްތައް ނިސްބަތްވަނީ މާލޭގެ މަދު، މުއްސަނދި އާއިލާތަކަށް ކަމަށާއި އެއީ މާލޭގެ އަގުލަބިއްޔަތުގެ ހާލަތު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލޭގެ ރައްޔިތުން މި މަޝްރޫއަށް އިންތިޒާރު ކުރަމުން އަންނަތާ އެތައް، އެތައް އަހަރެއް. އެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހުރަސް އެޅޭނޭ އެއްވެސްކަމެއް ނުކުރުމަށް ވަރަށް އިހްތިރާމާއިއެކު ދަންނަވަން،" މީކާއިލް ވިދާޅުވި އެވެ.

ގޯތީގެ މައްސަލައިގައި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު މަޖިލީހަށް ހުށަހެޅި މައްސަލައިގައި ވިދާޅުވެފައިވަނީ މާލޭ ސަރަހައްދުގެ އަގުހުރި ބިމެއް އެންމެ 5،000 އާއިލާގެ މެދުގައި ބެހޭއިރު، އިންސާފުން ބެހޭނެ ކަމުގައި ނުދެކޭ ކަމަށެވެ. އަދި އެ ބިންތައް ބީލަމަށް ލައިގެން ވިއްކައިފި ނަމަ ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިދާނެކަމަށް އަންދާޒާ ކުރެވޭ ފައިސާގެ އަދަދަކީ ކޮބައިތޯ ބަލަން އެދިފައިވެ އެވެ.

"... ދައުލަތުގެ ދަަރަނި 100 ބިލިއަނަށް އަރައި ދަރަނި ނުދެއްކޭނެ ކަމުގެ ބަހުސް އިންތިހާއަށް ބޮޑުވެފައިވާ ހާލަތެއްގައި ހަތަރު ލައްކައެއްހާ މީހުންގެ އާބާދީގެ ތެރެއިން 5000 އާއިލާާ އަށް 48 ބިލިއަން ރުފިޔާގެ އަގު ހުރި ބިން ހިލޭ ދިނުމަކީ ބޮޑު ބޭއިންސާފެއް ކަމުގައި އަޅުގަނޑު ދެކެން،" ސިރާޖު މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
މި ލިއުމާއި ގުޅޭ