ކުރީގެ މާލެ ސިޓީ ކައުންސިލުން ފެށި މާލެ ސްޓްރީޓް ސްކޭޕިން މަޝްރޫޢުގެ ދަށުން އަމީނީ މަގު ހެދުމުގެ މަޝްރޫޢު މާލެ ސިޓީ ކައުންސިލުން ސަރުކާރަށް ނަގައި އާރުޑީސީއާ އަލުން ހަވާލުކުރިއިރު މަޝްވަރާގެ އަގު 84 މިލިއަން ރުފިޔާއަށް ބޮޑުކޮށްފައިވަނީ އެ ކައުންސިލާ އެއްވެސް މިންވަރަކަށް މަޝްވަރާނުކޮށް ކަމުގައި މާލެ ސިޓީ ކައުންސިލުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިޙު ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢު ސިޓީ ކައުންސިލުގެ ދަށުން އަތުލާފައިވަނީ އެ މަޝްރޫޢުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ސިޓީ ކައުންސިލަށް ނުކުރެވޭތީ ކަމަށް ބުނެއެވެ. އެ މަޝްރޫޢު ޕްލޭނިން މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކެބިނެޓުން ނިންމާފައިވާކަން ސިޓީ ކައުންސިލަށް އަންގާފައިވާ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ސޮއިކުރައްވައި ފޮނުއްވި ސިޓީއެއްގައެވެ. މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލަށް ކެބިނެޓުގެ އެ ނިންމުން ލިބިފައިނުވެއެވެ.
އެކަމާ ގުޅިގެން ވާހަކަދައްކަވަމުން ސައިފް ވިދާޅުވީ އެ މައްސަލާގައި ޤާނޫނީ މައްސަލަތަކެއް އެބަހުރިކަމަށާއި، އާރުޑީސީއާ ސިޓީ ކައުންސިލާ ދެމެދުގައި ސޮއިކޮށްފައި އޮތް އެއްބަސްވުމެއްވެސް އެބައޮތް ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ކަމަކަށް ރިއާޔަތްނުކޮށް ސިޓީ ކައުންސިލާ އެއްވެސް މަޝްވަރާކުރުމެއް ނެތި ހަމަ ކުއްލި ގޮތަކަށް އެ މަޝްރޫޢު މި ނަގަނީ ޕްލޭނިން މިނިސްޓްރީއަށް ކަމަށެވެ. ސައިފް އިތުރަށް ވިދާޅުވީ މިއީ ކުރިން ތަސައްވަރުކުރި ލާމަރުކަޒީ ނިޒާމެއް ނޫން ކަމަށެވެ.
"މިކަމުގައި އަޅުގަނޑު ދަންނަވަން ވަރަށް ގިނަ ކައުންސިލުތައް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ކައުންސިލުތައް މިހުރީ ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުގެ މާސީގައި. އެ މީހުން އެކަން ކޮށްދިނިއްޔާ، އެކަމުގައި ދޫދިނިއްޔާ އެ މަސައްކަތެއް ހިނގާ ގޮތަށް މިހިރީ. އެހެންނަމަވެސް ކްލައިންޓަކީ އަޅުގަނޑުމެން. މާލޭގެ މަގުތަކާ މާލޭގެ ސިޓީ ކައުންސިލާ ނުބެހި ބެހޭނެ މީހަކު އަޅުގަނޑަށް ނުވިސްނޭ،" ފާތިހު ވިދާޅުވިއެވެ.
ސައިފް އިތުރަށް ވިދާޅުވީ ގިނަ ކަންކަން ހިނގަމުންދަނީ ކައުންސިލާ މަޝްވަރާނުކޮށް ކަމަށެވެ. އެގޮތުން މިސާލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ގަލޮޅު ދަނޑުގެ މައްސަލައެވެ. އެތަނުގައި ގަލޮޅު ދަނޑު ތަޅައި އަލުން ޤައުމީ ސްޓޭޑިއަމް އަޅަން ނިންމާފައިވަނީ ކައުންސިލާއި، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ މަޝްވަރާނުކޮށް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތެއްގައި އާރުޑީސީ ނުވަތަ ފެނަކައިގެ މެނޭޖަރަކަށްވުރެ އަތޮޅު ކައުންސިލުގެ އިންތިޚާބީ ރައީސުންނާއި ކައުންސިލުތަކަށްވުރެ މާ ބޮޑަށް އިޚުތިޔާރުތައް ލިބިފައިވާ ކަމަށެވެ. އަދި ކައުންސިލުތަކުގެ އިޚުތިޔާރު ކުންފުނިތަކަށްވުރެ ހަނިވެފައިވާ ކަމަށްވެސް ސައިފް ވިދާޅުވިއެވެ.
ސައިފް ވިދާޅުވީ މާލެ ސިޓީ ކައުންސިލަށް ބޭނުންވާ އަސާސީ މުވައްޒަފުން ނުނެގި އެކަމަށް އާދޭސްކުރަމުން އަންނައިރު ފެނަކައިން ރަށްރަށުގައި ހިންގާ އިންޖީނުގެތައް ހިންގުމަށް ކަމުގައި ބުނެ ގިނަ އަދަދަކަށް މުވައްޒަފުން ނަގަމުން އަންނަ ކަމަށެވެ.
އާރުޑީސީއަށް އަމީނީ މަގު ހެދުމުގެ މަޝްރޫޢު ބޮޑު އަގުގައި ހަވާލުކުރި ސަބަބާ ގުޅޭ ގޮތުން ސައިފް ވިދާޅުވީ ފަހަރުގައި އެގޮތަށް ކަންކުރި ސަބަބަކީ ކުންފުނިތަކުގެ ދަރަނި އިންތިހާއަށް ބޮޑުވެފައި އޮތުމުން އެ ކުންފުނިތަކަށް އެހީތެރިވުމަށް ކަމުގައިވުން އެކަށީގެންވާ ކަމަށެވެ.