Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުރުތައްދުވުން

ބީޖޭޕީގެ ތަރުޖަމާނަށްވުރެ ހަޑިހުތުރު ބަހުން ފުރައްސާރަކުރުމުންވެސް ދައުލަތުގެ ހިމާޔަތް

ޓުވިޓަރގައި ތަކުރާރުކޮށް މާތް ﷲ އާއި ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކުރާ މީހެއްގެ މައުލޫމާތު ދިވެހި ފުލުހުންގެ ހިދުމަތުގެ ސަމާލުކަމަށް މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހު ގެނެވުނެވެ.

އައްޑޫ ސިޓީގެ ފޭދޫއަށް ނިސްބަތްވާ ޝައިހާން ނަމަކަށް ކިޔާ ޒުވާނަކު އަސްލު ނަން ނޫން ނަމެއްގައި ޓުވިޓަރގައި ގެންގުޅުނު އެކައުންޓަކުން ދިޔައީ ތަރުކާރުކޮށް އިސްލާމްދީނަށް ހަޖޫޖަހައި މާތް ﷲ އާއި ރަސޫލާ ﷺ އަށް ފުރައްސާރަކުރަމުންނެވެ. އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތީ ރާއްޖޭގެ ބައެއް ޒުވާނުން އެއްޖިންސުން ގުޅުން ހިންގުމާއި ދެކޮޅަށް ޓުވިޓަރގައި ވާހަކަ ދައްކާތީ އެކަމެވެ.

ޝައިހާން ވަނީ އެއްޖިންސުން ގުޅުން ހިންގުމާއި ދެކޮޅަށް ދިވެހިން ވާހަކަ ދައްކާނަމަ މާތް ﷲ އާއި ރަސޫލާ ﷺ އަށް ހަޖޫޖަހައި ޓުވީޓު ކުރާނެ ކަމަށް ބުނެފައެވެ. އަދި އޭނާ ބުނިގޮތަށް އޭނާ ދިޔައީ ރަސޫލާ ﷺ އަށް ނިސްބަތްކޮށް ހަދާފައިވާ ކާޓޫނުތައް ޓުވިޓަރގައި އާންމުކުރަމުންނެވެ. ހަޑިހުތުރު އެތައް މަންޒަރުތައް ހިމެނޭ އެ ކާޓޫނުތައް ފެނުނު ކޮންމެ މުސްލިމެއްގެ ލޭ ކެކޭނެކަން ކަށަވަރެވެ.

ޝައިހާންގެ މި ނުބައި ޝައިތާނީ އަމަލުތަކުގެ މައުލޫމާތު ފުލުހުންނާއި ހިއްސާ ކުރުމުން ފުލުހުން ވަނީ އެކަން ތަހުގީގު ކުރަމުންދާކަމަށް ބުނެފައެވެ. އެހެން ނަމަވެސް އޭގެ ފަހުން 48 ގަޑިއިރު ނުވަނީސް އޭނާ ވަނީ ރާއްޖެ ދޫކޮށް ފުރައިގެން ގޮސްފައެވެ. ފުލުހުން ބުނި ގޮތުގައި ޝައިހާން ފުރައިގެން ގޮސްފައިވަނީ އޭނާ ފުރުން މަނާކުރުމުގެ އަމުރަކަށް އެދެން ތައްޔާރުވަނިކޮށް ކަމަށެވެ.

އެހެން ނަމަވެސް މިއީ ގަބޫލުކުރަން ދަތި ވާހަކައެކެވެ. ފުލުހުން ހައްޔަރުކުރަން ބޭނުން މީހަކު ނަމަ، ކޮންމެތާކު ހުއްޓަސް ހައްޔަރު ކުރެވެއެވެ. އަދި އެ މައްސަލަ ރިޕޯޓު ކުރެވުނުފަހުން އޭނާ ހައްޔަރުކުރަން އެކަށީގެންވާ ވަގުތުވެސް ފުލުހުންނަށް ލިބުނެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަނީ ކަމަށް ބުނުން ފިޔަވައި ފުލުހުން ކުރި އެއްވެސް ކަމެއް ނެތެވެ.

ދެން ދާދިފަހުން ޓުވިޓަރގައި އާންމުވީ ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު، ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކޮށް ކޮށްފައިވާ ޓުވީޓެކެވެ.

އެ ޓުވީޓުން ފެންނަނީ ރަސޫލާ ﷺ ގެ ކައިވެނިފުޅުތަކަށް ހަޖޫޖަހާ، އެކަލޭގެފާނާއި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ނިސްބަތްކޮށް ދައްކާފައިވާ ހަޑި މުޑުދާރު ވާހަކަތަކެވެ. މުސްލިމަކަށްވެ ހުރެ މިއަށްވުރެ އިތުރަށް އެވާހަކަ ދައްކަން އަޅުގަނޑު އުޒުރުވެރިވަމެވެ.

ނާޒިމްގެ އެ ޓުވީޓަކީ މީގެ 10 ވަރަކަށް އަހަރު ކުރީގެ ޓުވީޓެކެވެ. އޭރު ޓުވިޓަރ ބޭނުން ކުރަނީ ނިސްބަތުން މަދު ބަޔެކެވެ. ޓުވިޓަރގައި އޭރު ގިނައިން އުޅުނީވެސް "މިނިވަން ފިކުރުގެ" މީހުންނެވެ. އިސްލާމްދީނަށް ހަޖޫޖެހުމަކީ އޭރު ވަރަށް މިނިވަންކަމާއި އެކު މި މިނިވަން ފިކުރުގެ މީހުންކޮށް އުޅުނު ކަމެކެވެ. ނާޒިމްގެ އެ ޓުވީޓު މިފަހުން އާންމުންނާއި ހަމައަށް ތިލަވެފައިވަނީ އޭނާ ފިރިހެނަކާއި އެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ޓުވިޓަރގައި އާންމުވުމުން، އޭނާގެ ކުރީގެ ޓުވީޓުތައް ގިނަ ބަޔަކު ހޯދައި ބަލަން ފެށުމުންނެވެ.

އެ ޓުވީޓުގެ އިތުރަށްވެސް އިސްލާމްދީނަށް ހަޖޫޖަހައި ނާޒިމް ޓުވީޓުކޮށްފައިވެއެވެ. އެހެން ނަމަވެސް އާންމުންގެ ސަމާލުކަމަށް މިކަންތައް އައުމާއި އެކު ނާޒިމް ވަނީ އޭނާގެ ޓުވިޓަރ އެކައުންޓު ޑިއެކްޓިވޭޓްކޮށްލާފައެވެ. އެއަށްފަހު އޭނާ ވަނީ ރަސޫލާ ﷺ އަށް ފުރައްސާރަކޮށް އޭނާ ދުވަހަކުވެސް ޓުވީޓުކޮށްފައި ނުވާ ކަމަށާއި އެއީ ބަޔަކު ހަދައިގެން ދައުރުކުރަމުންދާ ސްކްރީންޝޮޓެއް ކަމަށް ބުނެ ދޮގު ހަދާފައެވެ.

އެހެން ނަމަވެސް، ނާޒިމަށް ޓުވިޓަރ އެކައުންޓު ޑިއެކްޓިވޭޓް ކުރެވުމުގެ ކުރިން ބަޔަކު ވަނީ ނާޒިމްގެ އެ ޓުވީޓު އާކައިވް.އައިއެސް މެދުވެރިކޮށް އާކައިވްކޮށްފައެވެ. މި ލިންކުން އެ ޓުވީޓުގެ އަސްލު މިހާރުވެސް ފެންނާނެއެވެ.

މި މައްސަލައާއި ގުޅޭގޮތުންވެސް ފުލުހުން ބުނެފައިވަނީ އެކަން ބަލަމުން އަންނަ ކަމަށެވެ. އެފަހުން އެތައް ދުވަހެއް ވެފައިވާއިރުވެސް އެޅި ފިޔަވަޅެއް ނެތެވެ.

އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ތަރުޖަމާނު ނުޕުރު ޝަރުމާ، ރަސޫލާ ﷺ ފުރައްސާރަކޮށް ވާހަކަ ދެއްކުމުން އިސްލާމީ ޤައުމުތަކުން އެކަމާއި ދެކޮޅަށް ތެދުވުނެވެ. ދިވެހި ރައްޔިތުންގެވެސް ލޭ ކެކުނެވެ. ދިވެހި ސަރުކާރުންވެސް އެހެން ގޮތެއް ނެތިގެން ބަޔާނެއް ނެރުނެވެ. އެކަމަކު ދިވެހި ފަސްގަނޑުގައި، ތިބެ ޝަރުމާ ދެއްކި ވާހަކަތަކަށްވުރެ އެތައް ގުނައެއް ނުބައި ވާހަކަތަކެއް ދެއްކުމަށްފަހު އެއްވެސް އަދަބެއް ނުލިބި އަދިވެސް އެތިބީއެވެ.

މިކަމުގައި ގޯސް ވާނީ އެކަމާއި ދެކޮޅަށް ވާހަކަ ދައްކާ މީހެކެވެ. ނަފްރަތުގެ ޤާނޫނާއި، ޓެރަރިޒަމް ހުއްޓުވާ ޤާނޫނާއި، އަދި މީގެ 50 އަހަރު ކުރީގެ ޤާނޫނުތައް ފޮޅައި ސާފުކޮށް ނެރެގެންވެސް ބަލާނީ ދީނުގެ ދިފާއުގައި ވާހަކަދައްކާ މީހުން ކުޑަގޮޅިއަށް ލެވޭތޯއެވެ.

މި ލިއުމާއި ގުޅޭ