ޔޫރޯ ސަރަހައްދުގައި ތަކެތީގެ އަގު އުފުލި، އިންފުލޭޝަން ރޭޓު މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 8.6 އިންސައްތައަށް މަތިވެ، ޔޫރަޕުގެ މަރުކަޒީ ބޭންކުން ދޫކުރާ ލޯނުތަކުގެ އިންޓަރެސްޓު ރޭޓު މަތުކުރުން އިހުނަށްވުރެ އަވަސްކުރުމާމެދު ބަހުސްކުރަން މަޖުބޫރުވެއްޖެއެވެ.
ރަޝިޔާއިން ޔޫކުރެއިނަށް ހަމަލާދިނުމާ ގުޅިގެން ހަކަތައާއި ކާބޯތަކެތީގެ ސަޕްލައިއަށް ބުރޫއަރައި ތަކެތީގެ އަގު އިންތިހާއަށް އުފުލުމުގެ ސަބަބުން މޭ މަހުގެ ނިޔަލަށް ޔޫރޯ ޒޯނުގެ އިންފްލޭޝަންވަނީ 8.1 އިންސައްތަ މަތިވެފައެވެ.
ޖަރުމަންވިލާތުން އެ ޤައުމުގެ ރައްޔިތުންނަށް ދަތުރުފަތުރާއި ކަރަންޓަށް ސަބްސިޑީ ދިނުމުން އިންފުލޭޝަން ދަށްވާނެކަމަށް އިޤުތިޞާދީ މާހިރުން ލަފާކުރި މިންވަރާ ގާތަށްވެސް އިންފުލޭޝަން ދަށްވެފައިނުވެއެވެ.
ރޮއިޓާސްއިން އިޤުތިޞާދީ މާހިރުންގެ ރައުޔަ އެއްކުރި ކުރުމުގައި އެ ބޭފުޅުން ލަފާކުރެއްވި ގޮތުގައި ޖޫން މަހުގައި ޔޫރޯ ޒޯނުގެ އިންފްލޭޝަން މަތިވާނީ 8.4 އިންސައްތައެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް އިންފުލޭޝަން މަތިވުމުން ކޮންމެ ކުއާޓާއެއްގައި ޕަސެންޓް ޕޮއިންޓަކުން މަރުކަޒީ ބޭންކުގެ އިންޓަރެސްޓު ރޭޓު މަތިކުރަން ރާވާފައި އޮތް އޮތުމަށް ބަދަލުގެނެސް އެއަށްވުރެ ބޮޑަށް އިންފުލޭޝަން މަތުކުރަން ޖެހިދާނެކަމަށް ބެލެވެއެވެ.
ނަމަވެސް ޔޫރަޕުގެ މަރުކަޒީ ބޭންކުގެ ރައީސް ކްރިސްޓީން ލަގާޑޭ އެ ބޭންކުގެ އަހަރީ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ އިންޓަރެސްޓު ބޮޑުކުރާނީ ކުރިންވެސް ރާވާފައިވާ ގޮތަށް، މި ޖުލައި މަހުގެ 21 ވަނަ ދުވަހުގައި އިންސައްތައެއްގެ ހަތަރުބައިކުޅަ އެއްބައިން ކަމަށެވެ. އަދި އިންފުލޭޝަން ހަންމަތަނުވެއްޖެނަމަ އަންނަ ސެޕްޓެންބަރުގައި އެއަށްވުރެ ބޮޑު މިންވަރަކުން އިންޓަރެސްޓު ރޭޓު މަތިކުރަން ޖެހިދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ޔޫރަޕުގެ މަރުކަޒީ ބޭންކުގެ ހިންގާ ބޯޑުގެ މެންބަރު ފެބިއޯ ޕަނެޓާ ވިދާޅުވީ ކޮންޒިއުމަރުންނާއި އިންވެސްޓަރުން ހޭދަކުރާ މިންވަރު އަދިވެސް ހުރީ ކޮވިޑުގެ ވަބާގެ ކުރިން ހުރި މިންވަރަށްވުރެ ދަށް މިންވަރެއްގައި ކަމަށެވެ.