ރަސޫލާ .ﷺ އަށް ފުރައްސާރަކުރި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަނޭޅޭކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިތުރުފުޅުހައްދަވައިފިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެ އިތުރުފުޅުހެއްދެވީ ރަސޫލާ ﷺ އަށް ފުރައްސާރަކުރާ މައްސަލަތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަތަކާމެދު މަޖިލީހުގައި ބަހުސްނުކުރެވޭކަން ފާހަގަކުރައްވައި މަޖިލީހުގެ ރިޔާސަތަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ފާޑުވިދާޅުވުމާ ގުޅިގެންނެވެ.
މަޖިލީހުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވެފައިވަނީ ރަސޫލާ ﷺ އަށް ފުރައްސާރަކުރި މައްސަލައެއް ރައްޔިތުންގެ މަޖިލީހާ ހަމައަށް އައުމުން އެ މައްސަލައަށް މަޖިލީހުގައި ބަހުސްކުރުމަކީ ލާޒިމް ކަމެއް ކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުން އެފަދަ މައްސަލައެއް ބަލައިނުގަތް ކަމަށެވެ.
އެ ހިސާބަށް ސައީދަށް ވާހަކަދެއްކެވުނުތަނާ ރައީސް ނަޝީދުވަނީ އޭނާގެ ވާހަކަ ހުއްޓުވައިލައްވައި ވާހަކަދައްކަވަން ފައްޓަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ދީން ހަތިޔާރަކަށް ހަދައިގެން ސިޔާސީ ފައިދާއެއް ހޯދުމަށް މަޖިލީހުގައި ވާހަކަދެއްކުމުން އެކަމުގެ ގެއްލުން ލިބެނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެކަނި ނޫން ކަމަށެވެ. އަދި އެކަމުގެ ގެއްލުން ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ލިބޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ ވާހަކަފުޅަށްފަހުގައިވެސް ވާހަކަދައްކަވަމުން ސައީދުވަނީ ރަސޫލާ ﷺ އަށް ފުރައްސާރަކުރި މައްސަލައަށް މަޖިލީހުގައި ވާހަކަނުދެކެވުނުކަން ހާމަކުރައްވައި އެކަމަށް ފާޑުވިދާޅުވެފައެވެ.
އެ ހިސާބުން ނަޝީދު ވިދާޅުވީ ތަކުރާރުކޮށް މެންބަރު އެފަދަ ތުހުމަތެއް ކުރައްވާތީ އެ މައްސަލައަކީ މަޖިލީހަށް ހުށަހެޅުނު މައްސަލައެއްތޯ ބައްލަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. "އަޅުގަނޑު ސާފުކުރަންޖެހޭ ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމާ ގުޅޭ މައްސަލައެއް މިތަނަށް ހުށަހެޅި އެ މައްސަލައާމެދު އަމަލުކުރެވިފައިވާ ގޮތް،" ރައީސް ނަޝީދު ވިދާޅުވިއެވެ. މަޖިލީހުގެ ސެކްރެޓޭރިއެޓާ ކޮންމެވެސް ވާހަކައެއް ދެއްކެވުމަށްފަހު ނަޝީދު ވިދާޅުވީ އެފަދަ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައިނުވާ ކަމަށެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވީ ނަމަވެސް ހިނގަމުންދާ ޖޫން މަހުގެ ހަވަނަ ދުވަހުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު އެފަދަ މައްސަލައެއް މަޖިލީހަށް ހުށަހެޅުއްވިއެވެ. އެއީ އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ތަރުޖަމާން ނުޕުރު ޝަރުމާ އިސްލާމްދީނަށް ތައުހީނުކޮށް ވާހަކަދެއްކުމާ ގުޅިގެން ހުށަހެޅުއްވި މައްސަލައެވެ. އެ މައްސަލަ އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހަށް ބަލައިނުގަތީ އެ ޕާޓީގެ މެންބަރުން އެ މައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވައިގެންނެވެ.
ރައީސް ނަޝީދު އިތުރުފުޅުހެއްދެވުމާ ގުޅިގެން ސައީދު ވިދާޅުވެފައިވަނީ ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކުރި މައްސަލައެއްގައި ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި އެކަން ރައްޔިތުން އޮޅުވައިނުލެއްވޭނެ ކަމަށެވެ. އަދި ސައީދު ވަނީ ރައީސް މުޙައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތު ދޫކުރައްވައި މަޖިލީހުގެ ތަޅުމަށް ބަހުސްކުރައްވަން ވަޑައިގަންނަވަން ފެންނަ ކަމަށް ވިދާޅުވެފައެވެ.