Tuesday 26th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޢަލީ ޒާހިރު

ޗެކެއްގެ މައްސަލާގައި މޮރިޝަސް ބޭންކަށް 2.3 މިލިއަން ރުފިޔާ ދައްކަން އަލީ ޒާހިރަށް އެންގީ ރަނގަޅަށް: ހައިކޯޓު

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ދޫކުރެއްވި ޗެކެއްގެ މައްސަލާގައި ކޮމާޝަލް ބޭންކް އޮފް މޮރިޝަސްއަށް 2.3 މިލިއަން ރުފިޔާ ދައްކަން އެ ބޭންކުން އަންގާފައިވަނީ ރަނގަޅަށް ކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

މި މައްސަލައަކީ ޢަބްދުﷲ ނަސީރު ކިޔާ މީހަކު އަލީ ޒާހިރުގެ އެކައުންޓަށް 4.1 މިލިއަން ރުފިޔާ ޖަމާކުރުމަށް ހުށަހެޅި ޗެކެއް ޑިޕޮސިޓްކުރިކަމުގެ ލިޔުން އަލީ ޒާހިރާ ހަވާލުކުރުމުން އޭނާގެ އެކައުންޓުން 2.3 މިލިއަން ރުފިޔާ ޗެކެއް ނަސީރަށް އަލީ ޒާހިރު ދެއްވުމާ ގުޅިގެން އެ ޗެކުގައި ބުނާ އަދަދަށް ފައިސާ އެކައުންޓުގައި ނެތީސް ފައިސާ ދޫކުރުމާ ގުޅޭ މައްސަލައެކެވެ.

މި ފައިސާ އަލީ ޒާހިރުގެ އެކައުންޓުން ދޫކުރިއިރު އޭނާގެ އެކައުންޓަށް ޢަބްދުﷲ ނަސީރު ދިން 4.1 މިލިއަން ރުފިޔާ ޖަމާވެފައިނުވެއެވެ. ނަމަވެސް އެ މައްސަލާގައި އަލީ ޒާހިރުގެ އެކައުންޓުގައި ފައިސާ ނެތީސް ދޫކުރި 2.3 މިލިއަން ރުފިޔާއަށް އޭނާ ޒިންމާވެވަޑައިގަންނަވަން ޖެހޭނެކަމަށް ބުނެ 18 ޖޫން 2018 ވަނަ ދުވަހު 10 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން މޮރިޝަސް ބޭންކުން އެންގުމުން އެ މައްސަލަ އަލީ ޒާހިރު ސިވިލް ކޯޓަށް ހުށަހެޅުއްވިއެވެ.

ސިވިލް ކޯޓަށް އަލީ ޒާހިރު މައްސަލަ ހުށަހެޅުއްވީ 10 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން އަންގައި މޮރިޝަސް ބޭންކުން ފޮނުވި ސިޓީ ބާތިލުކޮށްދިނުމަށް އެދިވަޑައިގެންނެވެ. ނަމަވެސް ކޯޓުން ނިިންމާފައިވަނީ އެ ސިޓީ ބާތިލުކުރަންޖެހޭ ސަބަބެއް ނެތްކަމަށެވެ. ކޯޓުގެ އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އަލީ ޒާހިރު އިސްތިއުނާފުކުރެއްވުމުން ތިން ފަނޑިޔާރުންގެ ބެންޗަކުން މައްސަލަ ބަލައި ނިންމާފައިވަނީ ސިވިލް ކޯޓުގެ ނިންމުން ބާތިލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޝުއައިބު ހަސަން ޒަކަރިއްޔާއާއި ފަނޑިޔާރު ޙަސަން ޝަފީއުއާއި ފަނޑިޔާރު މުޙައްމަދު ފައިސަލް ވިދާޅުވެފައިވަނީ އަލީ ޒާހިރުގެ އެކައުންޓުގައި އޭނާ ދޫކުރި މިންވަރަށް ފައިސާ ނެތީސް އެ ފައިސާ ދޫކުރުމަކީ ބޭންކަށް ލާޒިމު ކަމެއް ކަމުގައިނުވި ނަމަވެސް، އެއީ ބޭންކަށް މަނާ ކަމެއް ނޫން ކަމަށެވެ.

މިކަމުގައި ފަނޑިޔާރު ފައިސަލްގެ ރައުޔަ ތަފާތުވެފައިވަނީ އެ ފައިސާއާމެދު އަލީ ޒާހިރު ދިންމާދާރުކުރުވުމާ ގުޅޭ ގޮތުންނެވެ. އޭނާ ވިދާޅުވި ގޮތުގައި އަލީ ޒާހިރު ޗެކު ދޫކުރީ އޭނާގެ އެކައުންޓަށް 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާވިކަން ބޭންކުން އެންގުމާ ގުޅިގެން އެ ފައިސާ އެކައުންޓުގައި ހުރިކަމަށް ބަލައިގެން ކަމަށެވެ. އަދި ޗެކުން ނުހައްގު މަންފާއެއް ލިބުނީ އަލީ ޒާހިރަށް ކަމަށާއި، އެހެންކަމުން އެ ފައިސާ ހޯދަން އަލީ ޒާހިރު މައްޗަށް ދައުވާނުކުރެވޭނެ ކަމަށާއި ފައިސާ ހޯދަން ބޭންކުން ފޮނުވި ސިޓީ ބާތިލުކުރަންޖެހޭ ކަމަށެވެ.

ނަމަވެސް ބާކީ ތިއްބެވި ދެ ފަނޑިޔާރުން ބުރަވެވަޑައިގަތީ އަލީ ޒާހިރު ދޫކުރެއްވި ޗެކަށް ބޭންކުން ފައިސާ ދޫކުރުމަކީ ބޭންކަށް ލިބިފައިވާ އޯވާޑްރާފްޓުކުރުމުގެ ބާރުގެ ތެރެއިން ކުރި ކަމެއް ކަމަށެވެ. އަދި އެކައުންޓުގައި ޗެކުގައި ކަނޑައަޅާފައިވާ އަދަދަށް ފައިސާ ނެތުމަކީ ޤާނޫނުގައި ޗެކަށް ފައިސާ ދޫކުރުން މަނާވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަންވެސް އެ ފަނޑިޔާރުން ފާހަގަކުރެއްވިއެވެ.

އަދި ޗެކަށް ދޫކުރި ފައިސާ އަނބުރާ ބޭންކަށް ދެއްކުމަކީ އަލީ ޒާހިރުގެ ޒިންމާއެއް ކަމަށާއި އެހެންކަމުން އެ ފައިސާއަށް އޭނާ ޒިންމާވެވަޑައިގަންނަވަންޖެހޭނެ ކަމަށާއި، އެ ފައިސާ ދައްކަން ބޭންކުން ފޮނުވި ނޯޓިސް ބާތިލުކުރާނެ ޖާގައެއް ނެތްކަމަށް ފަނޑިޔާރު ޝުއައިބު އަދި ޝަފީއުގެ އިއްތިފާގުން ނިންމަވާފައިވެއެވެ.

މި ލިއުމާއި ގުޅޭ