Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖިންސީ ކުށްތައް

ފާޙިޝް މުޑުދާރު އަމަލުތަކަށް މުޖުތަމައު ހޭނުވުން، ރޭވިގެން ހިންގާ ޖަރީމާއެއް

ފާއިތުވެގެން ދިޔަ ދެތިން ދުވަހަކީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް، މަތީ ފަންތީގެ އެތައް ބައެއް ޖިންސީ ކުށްތަކެއްގައި ޝާމިލުވިކަން ހާމަވެ އެކަންކަމުގެ އަޑު މުޖުތަމައުގައި ފެތުރިގެން ދިޔަ ދެތިން ދުވަހެވެ. މިއީ އިސްލާމީ ޤައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ފުންކޮށް މި ޤައުމުގެ ހާލަތާމެދު ވިސްނައިލަން މަޖުބޫރުވަނިވި ހާލަތެކެވެ. ނަމަވެސް އެކަމާމެދު ފުންކޮށް ވިސްނައިލަނީ ކިތައް މީހުންތޯ ސުވާލު އުފެދެއެވެ.

ފާއިތުވި ދެތިން ދުވަސް ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ އަދި ޤާނޫނީ ވަކީލު ނާޒިމް ސައްތާރު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވެއްޖެއެވެ. އެ ވީޑިއޯގެ މައްސަލަ އޮތީ ފުލުހުންގެ ސަމާލުކަމަށް އައިސްފައެވެ. ފުލުހުންގެ ވެހިކަލުގައި ފުލުހުންގެ މައި މަރުކަޒަށް ނާޒިމް ސައްތާރު ހާޒިރުކުރިއެވެ. ދެން އިރުކޮޅެއް ތެރޭ ފެނުނީ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމު އިތުރު ފިރިހެނަކާއެކު ބަރަހަނާ ހާލުގައި އަންހެނެއް މަގަތުގައި ބާއްވައިގެން އޮތް މަންޒަރު ފެންނަ ފޮޓޯއެކެވެ. ދެން އައީ ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ ޢަބްދުﷲ ނަސީރު އެއްޖިންސުން ގުޅުންހިންގާ މަންޒަރު ފެންނަ ވީޑިއޯއެކެވެ.

މިއިން އެއްވެސް މައްސަލައެއްގައި މީހަކު ހައްޔަރުނުކުރެއެވެ. މައްސަލައިގެ ތަހުގީގު ކުރިއަށްދަނީ ކިހިނެއްކަމެއް، މިހާތަނަށް ހޯދުނު ކުރިއެރުންތަކަކީ ކޮބައިކަމެއް އަޅަން ނިންމާފއިވަނީ ކޮން ފިޔަވަަޅެއްކަން ސާފުނުވެއެވެ. އެއިން ކަމެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ނޫސްވެރިންނަށް ޖަވާބެއް ނުދެއެވެ. ފުލުހުން ތިބެނީ ހަނުއެވެ. އިސްކުރަނީ ކޮން ވިސްނުމެއްކަން ބަޔާންކޮށްނުދެއެވެ. އެނގޭހާވެސް ކަމަކީ ދީނީ ހަރުކަށި ފިކުރާ ގުޅުވައިގެން ތުހުމަތުކުރާ މައްސަލަތައް ބަލާ ދުވެއްޔާ ގާތްކުރާ ދުވެއްޔެއްގައިވެސް މިއިން އެއްވެސް މައްސަލައެއް ނުބަލާ ކަމެވެ.

ދައުލަތުގެ މަތީ ފަންތީގެ މަޤާމުތަކުގައި ތިބި ފަރާތްތަކާއި، ވަރުގަދަ އާއިލާތަކުގެ މީހުންނާއި، ނޫސްވެރިކަމުގެ ޓެގުގައި އެތައް ބައެއްގެ އަބުރާއި އިއްޒަތް ނަގައިލުމުގެ މޭސްތެރިން ބަރަހަނާ ހާލުގައި އެންމެ ބޮޑެތި ފާހިޝް އަމަލުތަކަށް އަރައިގަންނަ މަންޒަރު އާންމުވެފައިވާއިރު، އެ ކަންކަން ބެލުން މާ ސީރިއަސްކަމެއްގެ ގޮތުގައި ތަހުގީގީ އިދާރާތަކުން ނުނަގާނަމަ، އެއީ ބިރުވެރި ކަމެކެވެ.

މިހެން މިކަން އޮއްވައި މިއަދު ފެންމަތިވި ޚަބަރަކީ ފާޙިޝް އަމަލުތައް ހިންގުމަކީ ޒާތީ ދިރިއުޅުމުގެ ކަމެއް ކަމުގައިވާތީ އެކަމާ ގުޅިގެން މަޖިލީހުގެ މެންބަރުންނަށް ފިޔަވަޅުއަޅައި ތަހުގީގުކުރަން ހުރަސައަޅުއްވާނެކަން ނުސީދާ ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އިއުލާނުކުރެއްވި ޚަބަރެވެ. އެމަނިކުފާނު ވިދާޅުވީ ވީ ހާލެއްގައި ވާނެ ކަމަށެވެ. ވީ ހާލެއްގައި ވެގެންވެސް ފާހިޝް މުޑުދާރު އަމަލުތައް ހިންގި މެންބަރު ދިފާއުކުރައްވައި ތަހުގީގަށް ހުރަސްއަޅުއްވާނެކަމަށް ނުސީދާ މެސެޖެއް ދައުލަތުގެ އެއް ބާރުގެ ވެރިޔަކު ދެއްވުމަކީ އާދައިގެ ކަމެއް ނޫނެވެ.

މި މައްސަލާގައި ކަން ހިނގަމުންދާ ގޮތަށް ވިސްނައިލުމުން މި ކުރާ ކަމަކީ އިނގިރޭސި ބަހުން ކިޔާ Desensitization ނުވަތަ ކަމަކާމެދު އޮންނަ ބިރާއި ނަފުރަތުގެ އިހުސާސު ކަނޑުވައިލުން ނޫންބާވައޭ ސުވާލު އުފެދެއެވެ. ވަޅު ކައްޓަފުޅި ދާންޏަށް ނުސިހެނީ ވަޅަށް ދާނި ބާނާލެއް ގިނަކަމުންނެވެ. މުޖުތަމައެއްގައި ފާހިޝް ބޮޑު އަމަލެއް ފެތުރި އެކަމަށް އަޅާނުލެވޭނަމަ އެކަމަކީ އާދައިގެ ކަމަކަށްވެސް އެކަމާމެދު ރައްޔިތުންގެ ހިތުގައި އޮންނަ ނުރުހުންތެރިކަން ކެނޑިގެން ހިނގައިދާނެއެވެ.

ރާއްޖޭގައި އަބަދުވެސް އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުމާއި ދެންވެސް ދީނުގައި ހަރާމްކުރެއްވި އެކި ފާހިޝް އަމަލުތައް ހުއްދަކުރަން ގޮވައިލާ މީހުން ތިބެއެވެ. ނަމަވެސް އެ މީހުންގެ ވާހަކަތަކަށް ދިވެހިންގެ އަޣުލަބިއްޔަތު ނުރުހުންވެއެވެ. އެ އަމަލުތަކަށް ދިވެހިން ގިނަ ބަޔަކު ނަފުރަތުކުރެއެވެ. މިއަދު ފެންނަނީވެސް ރައްޔިތުން އެކަމަށް ނަފުރަތުކުރާ ކަމެވެ. ނަމަވެސް މަޑުމަޑުން އެކަންކަން އާދައިގެ ކަންކަން ކަމުގައި ހެދުމުގެ މަސައްކަތް ދައުލަތުން ކުރާ ކަމަށް އަޅުގަނޑަށް ފެންނާތީ ހިތަށް އަރަނީ ޤައުމަށް މިއަންނަ ބޮޑު ބަދަލާމެދު އަޅުގަނޑުމެން ހޭވެރިވަނީ ކިހާ މިންވަރަކަށްތޯއެވެ؟

ހަމައެހެންމެ އިސްލާމްދީނަށް ތައުހީނުކުރުމަކީވެސް ވަރަށް އާދައިގެ ކުޑަކަމަކަށް މިއަދުވެއްްޖެއެވެ. މިހެން ދަންނަވަނީ ދީނަށް ފުރައްސާރަކުރި މީހުންގެ މައްސަލަތައް ނުބަލައި ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން އެ މީހުން ރާއްޖެ ދޫކޮށް ފިލައިގެން ދާން ފުރުސަތު ދިނުމުންނެވެ. މީސްމީޑިއާގައި އިސްލާމްދީނަށް ފުރައްސާރަކުރި އުލްފާ ފަހުމީ ނަމަކަށް ކިޔާ އަންހެނަކު ފުރައިގެން ދިޔައީ އޭނާގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނިކޮށެވެ. "ކުރެދިކުރި"ގެ ނަމުގައި ދީނަށް ފުރައްސާރަކުރި ޝައިހާން ފުރައިގެން ދިޔައީ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސް މައްސަލަ ބަލަމުންދާކަމަށް ބުނެފައިވަނިކޮށެވެ.

ޝައިހާން މައްސަލާގައި މުޅިން އައު ދަރަޖައަކަށް އައު ހަރުފަތަކަށް ފުލުހުންގެ އަމަލުތައްވަނީ ގެންގޮސްފައެވެ. ޝައިހާން ފުރުވައިލުމުގެ ކުރިން ފުލުހުން އޭނާއަށް ރައްކާތެރިކަމާއި ހިމާޔަތްވެސް ދިނީއެވެ. ޤާނޫނުލް ޢުޤޫބާތާއި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގައި ކުށްތަކެއް ކަމަށް ބަޔާންކޮށްފައިވާ އެތައް ކަމެއް ކުރި މީހަކު ރައްކާތެރިކަމާއެކު ފުރުވައިލީއެވެ. އެހެންކަމުން އިސްލާމްދީނަށް ތައުހީނުކުރުން ތަޖުރީމުކޮށްފައި އޮތުމުގެ ބޭނުންކެނޑިއްޖެކަމަށް ބުނާނެ ޖާގަވެސް އެބައޮތެވެ. މިކަންކަމުގެ ބޭނުމަކީ ދީނަށް ހަޖޫޖެހުމާއި ފާހިޝް ކަންކަމަށް ހިތްވަރުދިނުމަކީ އާދައިގެ ކުދި ކަންކަން ކަމުގައި ދެއްކުމެވެ. އެކަންކަމުގެ ޚުޠޫރަތްތެރިކަން ކުޑަކޮށްލުމެވެ.

ނޫސްވެރިންގެ ތެރެއިން ގިނަ ބަޔަކަށްވެސް މި އަންނަ ބަދަލު ފެނެއެވެ. ކަންވަމުންދާ ގޮތް ރަނގަޅަށް އެނގޭމެއެވެ. ނަމަވެސް އެއިން ކަމަކާމެދު އެއްވެސް ޚިޔާލެއް ލިޔެ ފާޅުކުރާ ތަން ފެންނަނީ ދެ އަތުގެ އިނގިލިތަކުން ގުނައިލެވޭހައި މަދު ނޫސްވެރިންނެވެ. އެހެންކަމުން މިކަން މިހެން ވިޔަދޭން ދޫކޮށްލައިގެން ބަލަން ތިބުމުން މުޖުތަމައަށް ކުރިއަށް އޮތް ތަނުގައި ލިބޭނެ ގެއްލުމާއި ކުރިމަތިވާނެ މުސީބާތުގެ ބޮޑުކަމުން އަޅުގަނޑަށް މިކަމުގައި ޤަބޫލުކުރެވޭ ދެތިން މުހިއްމު ވާހަކައެއް ހިއްސާކުރީމެވެ.

މި ލިއުމާއި ގުޅޭ