ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ގާނޫނީ ވަކީލް ނާޒިމް ސައްތާރުގެ ޓްވީޓާ އެކައުންޓުން ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކޮށްފައިވާ މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
ނާޒިމް ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކޮށްފައިވާ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ އިއްތިހާދުންނެވެ.
އެ މައްސަލަ ބަލާކަން ފުލުހުންގެ މީޑިއާ އޮފިޝަލް މިހާރު ކަށަވަރުކޮށްދީފައިވާއިރު ބިދޭސީއެއް ކަމަށް ބެލެވޭ ފިރިހެނަކާ އެކު ނާޒިމް އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އިއްޔެ ސޯޝަލް މީޑިއާގައި އާންމުވެ، ފުލުހުން އަންނަނީ އެ މައްސަލަ ވެސް ތަހުގީގުކުރަމުންނެވެ.
އެގޮތުން އެ މައްސަލައިގައި ހިންގާ ތަހުގީގާ ގުޅިގެން އޭނާގެ ޕާސްޕޯޓް ވެސް މިއަދު ވަނީ ހިފަހައްޓައިފައެވެ.
ނާޒިމްގެ މިފަދަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު ނާޒިމް މިހާރު ވަނީ އޭނާގެ ޓްވީޓާ އެކައުންޓް ޑީއެކްޓިވޭޓްކޮށްލާފައެވެ. މިފަދަ މައްސަލަތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި އޭނާގެ ޓްވީޓާ އެކައުންޓް ޑީއެކްޓިވޭޓްކުރުމުން މި މައްސަލަތަކާއި ނާޒިމްއާ ގުޅުމެއް އޮތްކަން ހާމަވެއެވެ.