ވިޔަފާރިވެރިޔާ އަހުމަދު ޝަރީފް ހިންގާ ސައިރިކްސް ކޮލެޖުން މުވައްޒަފެއްގެ ޕެންޝަން ފައިސާއަށް މަކަރުހެދި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އެތަނުގެ އެސިސްޓެންޓް ސެކްރެޓަރީއެއްގެ ގޮތުގައި މަސައްކަތްކުރި މުވައްޒަފަކު ކުރި ޓުވީޓުތަކެއްގައި ބުނެފައިވަނީ ސައިރިކްސް ކޮލެޖުގައި ވަޒީފާ އަދާކުރި މުއްދަތުގައި ފަސް މަހުގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޕެންޝަން އޮފީހަށް ޖަމާކޮށްފައި ނުވާ ކަމަށެވެ.
އޭނާ ބުނި ގޮތުގައި ވަޒީފާއިން ވަކިވުމަށްފަހު މިދިޔަ މަހުގެ މުސާރަ ދޭން އެދުމުން ސައިރިކްސް ކޮލެޖުން މުސާރަ ޖަމާކޮށްދިނީ ޕެންޝަން ފައިސާއާއި އިތުރު އެހެން އަދަދުތަކެއްވެސް ކެނޑުމަށްފަހު ކަމަށެވެ.
އެކަމަކު ޕެންޝަން އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް "ޕެންޝަން ކޮންޓްރިބިއުޝަން" ބެލި އިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އޭނާގެ ޕެންޝަން ފަންޑަށް އެއްވެސް ފައިސާއެއް ސައިރިކްސް ކޮލެޖުން ޖަމާކޮށްފައި ނުވާކަމަށް އޭނާ ބުންޏެވެ.
އޭނާ ވަޒީފާއިން ވަކިވީ މިދިޔަ މެއި މަހުގެ ފަހު ހަފްތާގައި ކަމުން ފަސް މަހުގެ ޕެންޝަން ފައިސާ މުސާރައިން ކެނޑުމަށްފަހު ސައިރިކްސް ކޮލެޖުގެ ފަރާތުން ޕެންޝަން އޮފީހަށް ޖަމާކޮށްފައި ނުވާކަމަށް އޭނާ ބުންޏެވެ.
ޕެންޝަން ކޮންޓްރިބިއުޝަނަށް ފައިސާ ޖަމާވެފައި ނުވަނީ ކީއްވެގެންތޯ ނުވަތަ އެއީ ޕެންޝަން އޮފީހުގެ އިހުމާލުން ވެފައިވާ ކަމެއްތޯ ބެލުމަށް އެތައް ފަހަރަކު މަސައްކަތްކުރި ނަމަވެސް އެކަމަށް ސައިރިކްގެ ފަރާތުން ޖަވާބެއް ލިބިފައި ނުވާކަމަށް އޭނާ ބުންޏެވެ.
އެ މައްސަލަ މުވައްޒަފު ސޯޝަލް މީޑިއާގައި ހިއްސާކުރުމުން ސައިރިކްސް ކޮލެޖުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެގޮތަށް ޓުވީޓުކޮށްފައިވަނީ އެ ކޮލެޖުގެ މުވައްޒަފެއް ނޫން ކަމަށެވެ. އެކަމަކު އޭނާ ވަނީ ސައިރިކްސް ކޮލެޖުގައި އެސިސްޓެންޓް ސެކްރެޓަރީއެއްގެ މަގާމު އަދާކުރި ކަމުގެ ހެކިވެސް ޓުވިޓާގައި ހިއްސާކޮށްފަ އެވެ.
ރިޓަޔާމަންޓް ޕެންޝަން ސްކީމުގެ ދަށުން ކޮންމެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ ވަކި ޕަސަންޓޭޖެއް ޕެންޝަންގެ ގޮތުގައި ކަނޑައި، އެ ފައިސާ ޕެންޝަން އޮފީހަށް ޖަމާކުރުމަކީ ވަޒީފާދޭ ފަރާތުން ކުރަންޖެހޭ ކަމެކެވެ.
މިކަމާއި ގުޅިގެން ސައިރްކްސް ކޮލެޖުގެ ބަހެއް ލިބިފައިނުވެއެވެ.