Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ފައްޔާޒް

އިހަވަންދިއްޕޮޅުގައި އާގު ބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ: ފައްޔާޒު

އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފެށޭނެކަމަށް އިކޮނޮމިކް ޑިވެލޮޕްމެންޓު މިނިސްޓަރު ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވީ ލިޔުމުން ޖަވާބު ހޯއްދެވުމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމު ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. އެ ސުވާލުގައިވަނީ އިހަވަންދިއްޕޮޅު ސަރަހައްދުން ދަތުރުކުރާ އާގުބޯޓުފަހަރަށް ޚިދުމަތްދޭނެ ޓްރާންސްޝިޕްމެންޓު ބަނދަރެއް ޤާއިމުކުރެވުމާ ހަމައަށް އެ ސަރަހައްދުގައި އާގުބޯޓު ފަހަރަށް ފޯރުކޮށްދެވޭނެ ޚިދުމަތްތައް ފާހަގަކޮށް އެ ޚިދުމަތްތައް ޤާއިމުކުރުމަށް ގޮވައިލާ ތިން ރަށެއްގެ ކައުންސިލު އެކުވެގެން ފާސްކޮށްފައިވާ ޤަރާރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މިނިސްޓްރީއާ ހަވާލުކުރައްވާފައިވާ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބުގެ ތަފުސީލު ހާމަކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

އެ ސުވާލާ ގުޅިގެން ފައްޔާޒު ލިޔުމުން މަޖިލީހަށް ފޮނުއްވި ޖަވާބުގައި ވިދާޅުވެފައިވަނީ، އުލިގަމާއި ތުރާކުނާއި ހޯރަފުށީ ކައުންސިލުން ފާސްކޮށްފައިވާ ޤަރާރުގައި ހިމެނޭ ކަންކަން ވީހާވެސް އަވަހަކަށް ފެށުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމަށް ވޯކިން ގުރޫޕެއް އެކުލަވައިލާފައިވާ ކަމަށެވެ. އަދި އެ ގުރޫޕުގައި ކުރެވުނު މަޝްވަރާތަކާއި ހެދުނު ދިރާސާތަކަށްފަހު އެންމެ އަވަހަށް އެ ސަރަހައްދުގައި ފެށިދާނެ ޚިދުމަތްތައް ދެނެގަނެފައިވާކަމަށް ފައްޔާޒުގެ ސިޓީގައި ވިދާޅުވިއެވެ.

އެގޮތުން އެ ސަރަހައްދުގައި އާގުބޯޓުފަހަރަށް އެންމެ އަވަހަށް ފޯރުކޮށްދެވޭނެ ޚިދުމަތްތައް ކަމުގައި އެ ވޯކިން ގުރޫޕަށް ފާހަގަވި ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވެފައިވަނީ ފަޅުވެރިން ބަދަލުކުރުމާއި ޝިޕް ސްޓޮކްކުރުމުގެ ޚިދުމަތާއި، ސަޕްލައި ފޯރުކޮށްދިނުމުގެ ޚިދުމަތެވެ. އެ ޚިދުމަތްތަކަށް ބޭނުންވާ އިމާރާތްތައް ޤާއިމުކުރުމުގެ މަސައްކަތްކުރަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި ޓްރާނސްޕޯޓު މިނިސްޓްރީ ގުޅިގެން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އަދި އެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތަކާއި ވަސީލަތްތަކާއި އެހެނިހެން ތައްޔާރީތައް ހަމަޖެއްސުމުގެ މަސައްކަތް މިނިސްޓްރީން، އެމްޕީއެލް އަދި ޓްރާންސްޕޯޓު މިނިސްޓްރީއާ އެހެން އިދާރާތަކާ ގުޅިގެން ކުރަމުން އަންނަކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ އަމާޒަކީ ލަސްވެގެން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިހަވަންދިއްޕޮޅުގައި އެ ޚިދުމަތްތައް ތައާރަފުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރުކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީ ކޮޅުގައި އިހަވަންދިއްޕޮޅުގައި ބަންކަރެއްގެ ޚިދުމަތް ތައާރަފުކުރުމުގެ މަސައްކަތް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތަށް ބޭނުންވާ ޤާނޫނީ އޮނިގަނޑުތަކާއި އުސޫލުތައް ތައްޔާރުކުރުމުގެ މަސައްކަތް އެ ކުންފުންޏާ ޓްރާންސްޕޯޓު މިނިސްޓްރީއާ ގުޅިގެން ކުރަމުންދާކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ