މޯލްޑިވްސް ބާ ކައުންސިލުގެ ފަރާތުން ބާއްވާ ރާއްޖޭގެ ފުރަތަމަ ބާ އިމްތިހާނު ފަސްކުރުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލީހަށް، ތިނަދޫ އުތުރު ދާއިރާގެ ޢަބްދުލްމުޣުނީ ޙަސަން ހުށަހަޅުއްވާފައިވާ މައްސަލަ މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމުގެ ފުރުސަތު އޭނާއަށް ލިބިވަޑައިނުގަތެވެ.
ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމުވަނީ ޤާނޫނީ ފަންނުގެ ޤާނޫނަށް އިސްލާހެއް ގެނެސް ބާ އިމްތިހާނު ހެދުމުގެ އުސޫލަށް ބަދަލުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ.
އުޝާމް ނިސްބަތްވެވަޑައިގަންނަވާ އެމްއެންޕީން އިއްޔެ ބުނިގޮތުގައި އެ ބިލު ހުށަހެޅީ ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އެއް ވަަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން އެ ގާނޫނުގެ 1-33 ވަނަ މާއްދާގެ (ބ) އޮތް ގޮތުން 1-33 ގެ (ރ) ގެ ދަށުން ގާނޫނީ ވަކީލުކަމުގެ ހުވާކޮށްފައިވާ ފަރާތްތަކަށް ދޫކޮށްފައިވާ ހުއްދައަކީ އެ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ "ބާ ކައުންސިލުން އެންމެ ފުރަތަމަ ބާއްވާ ބާ އިމްތިހާނު" ގައި ބައިވެރިވުމަށް ޝަރުތުކޮށް ދީފައިވާ ހުއްދައެއް ކަމަށް މާނަކުރެވޭތީ އެވެ.
އެ ގާނޫނުގެ 1-33 (ބ) ގައި ހުވާ އާކުރުމަށްޓަކައި ބާ އިމްތިހާން ހެދުމަކީ ގާނޫނުން އުފައްދާފައިވާ ހަމަނުޖެހޭ އިލްތިޒާމެއް ކަަމަށާއި އެކަމަކު ސަބަބުން 2020 ވަނަ އަހަރު ބާ ކައުންސިލުން ހުއްދަދީފައިވާ ގިނަ އަދަދެއްގެ ވަކީލުންތަކެއްގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ، މިމަހުގެ 25 އަށް ތާވަލުކޮށްފައިވާ ބާ އިމްތިހާނުގައި ބައިވެރިނުވެއްޖެ ނަމަ، ބާތިލްވެދާނެ ފަދަ ހާލަތެއް ކުރިމަތިވެދާނެ ކަމަށެވެ.އެކަމަކު އިމްތިހާނު ހަދަން ދައްކަންޖެހޭ ފީގެ ބޮޑުކަމުން ގާނޫނީ ދާއިރާގައި ހަރަކާތްތެރިވާ އަދި އެ ދާއިރާއިން ތައުމީލު ހާސިލްކުރާ ގިނަ ފަރާތްތަކަކުން މީގެ ކުރިންވެސް ކަނބޮޑުވުން ފާޅުކުރި އެވެ. އެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންވެސް ބަލަން ފަށާފައިވާއިރު، ބާ ކައުންސިލުން ބުނި ގޮތުގައި އިމްތިހާނުގެ ފީ ކަނޑައެޅުމުގައި ބަލާފައިވަނީ އިމްތިހާނު އެކުލަވާލަން ދާ ހަރަދަށެވެ.
އިނގިރޭސިވިލާތުގެ ކެޕްލާން ކިޔާ ފަރާތަކާ ހަވާލުކޮށްގެން އެކުލަވާލާ އެ އިމްތިހާނު ތަރައްގީ ކުރުމަށް 6.1 މިލިޔަން ރުފިޔާ ހަރަދު ކުރަންޖެހޭ ކަމަށް ބާ ކައުންސިލުން ބުނެ އެވެ.
ބާ އިމްތިހާނުގެ އަގާ ގުޅިގެން އަމިއްލަ ފަރާތްތަކަކުން ސިވިލް ކޯޓަށް މިދިޔަ ހަފްތާގައި ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ބާ އިމްތިހާނުގައި ބައިވެރިވުމުގެ ރެޖިސްޓްރޭޝަން ފީ އަކީ ރާއްޖޭގައި ބޭއްވޭ އެފަދަ އިމްތިހާންތަކުގެ ނިސްބަތުން ބޮޑު އަދަދެއް ކަމަށެވެ. އެހެންވެ ރާއްޖޭގައި ބޭއްވޭ އެފަދަ ލައިސަންސްތަކަށް ނަގާ ފީ އާއި އެއްވަރުގެ ފީ އަކަށް ބާ އިމްތިހާނުގެ ފީ ބަދަލު ކުރުމުގެ އަމުރަކަށް އެދިފައިވެ އެވެ.
އަދި ބާ އިމްތިހާނުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން ބާ އިމްތިހާނަށް ތައްޔާރުވުމަށް އެކަށިގެންވާ މުއްދަތެއް ދިނުމަށް އެދިފައިވެ އެވެ. ބާ އިމްތިހާނު ބާއްވަން ނިންމައި އެ އިމްތިހާނުގެ ފީ ބާ ކައުންސިލުން ދަރިވަރުންނަށް އެންގީ އިމްތިހާނަށް ދެ މަސް ވެފައި ވަނިކޮށެވެ.
ބާ އިމްތިހާނުގެ ސިލަބަސް ޝަރުއީ ދާއިރާގެ މާއްދާތައް ނުހިމެނޭ ގޮތަށް ހަމައެކަނި ގާނޫނީ މާއްދާތަކަށް ހާއްސަކޮށްގެން އެކުލަވާލާފައިވާތީ އެކަން ބަދަލު ކޮށްދިނުމަށްވެސް އެފަރާތުން ވަނީ އެދިފަ އެވެ.
"25 ޖޫން 2022 ގައި ބޭއްވުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލު އިން އިއުލާން ކޮށްފައިވާ ބާ އިމްތިހާންގެ މުގައްރަރު ގާނޫނީ ދާއިރާ އާއި ޝަރުއީ ދާއިރާގެ ހަމަހަމަކަން އޮންނަގޮތަށް ސިލަބަސް އަލުން މުރާޖާކުރުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ހުށަހަޅާ ދައުވާއެކެވެ،" ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލައިގައި ބުނެފައިވެ އެވެ.
މުޣުނީ ހުށަހެޅުއްވި މައްސަލައާ ގުޅިގެން މަޖިލީހުގެ ރައީސް، ރަައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން ޝަރީއަތުގައި ހިނގަމުންދާ މައްސަލައަކާ ގުޅޭ ގޮތުން މަޖިލީހަށް އެއްވެސް މައްސަލައެއް ހުށަނޭޅޭނެ ކަމަށެވެ. އަދި މިހާރު ކޯޓުގައި އޮތް ބާ އިމްތިހާނާ ގުޅޭ މައްސަލަ މިއަދު ނިންމައި ހުކުމްކުރާނެ ކަމަށާއި، އެ މައްސަލާގައި ހުކުމްކުރުމަށްފަހު ނޫނީ މުޣުނީ ހުށަހެޅުއްވި މައްސަލަ މަޖިލީހުގައި ކުރިއަށްނުގެންދެވޭނެ ކަމަށް ނަަޝީދު ވިދާޅުވިއެވެ.