ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ފަދަ މަތީ މަގާމެއްގައި ހުންވައިގެން ޓުވީޓާ އެކައުންޓު ހެކްވި ކަމަށް ވިދާޅުވެ އިތުރުފުޅުހެއްދެވުމުން އޭނައާ ދޭތެރޭ ސުލޫކީ ފިޔަވަޅު އެޅުމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ގޮވާލައްވައިފި އެވެ.
ނިމިދިޔަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވެފައި ވަނިކޮށް، އެ ޕާޓީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓަކު ކުރި ޓުވީޓަކަށް ރައްދުދެއްވައި އަލީ ޒާހިރު އަވަގުރާނަ ގޮވި މައްސަލައެއް ފެންމަތިވީ މިދިޔަ މާޗު މަހު އެވެ.
އެކަން މީޑިއާތަކުން ރިޕޯޓުކޮށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން ހުތުރުބަސް ބޭނުންކޮށް ކުރި ޓުވީޓު އޭނާ ޑިލީޓުކޮށްލި އެވެ. އޭގެ ފަހުން ރައީސް އޮފީހުން ބުނީ ޗީފް އޮފް ސްޓާފްގެ އެކައުންޓު ހެކްވެފައިވާ ކަމަށާއި އެ މައްސަލަ ފުލުހަށްވެސް ހުށަހަޅާފައި ކަމަށެވެ.
އެކަމަކު ފުލުހުން "ދިޔަރެސް" އަށް ބުނީ އަލީ ޒާހިރުގެ އެކައުންޓު ހެކްވި ކަމަށް އޭނާ ބުނި ނަމަވެސް އެކަމުގެ ހެއްކެއް ފެންނަން ނެތް ކަމަށެވެ. ޖިނާއީ ތަހުގީގެއް ހިންގޭނެ މިންވަރަށް ހެކި ލިބިފައި ނުވާތީ އެ މައްސަލަ ކްލޯޒްކޮށްފައިވާ ކަމަށް ފުލުހުން ރޭ ބުންޏެވެ.
އެކަމާ ގުޅިގެން ވައްޑެ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޗީފް އޮފް ސްޓާފް ފަދަ މަގާމެއްގައި ހުރެގެން އަލީ ޒާހިރު އެވަރުގެ އިތުރުފުޅެއް ހެއްދެވުމަކީ ސުލޫކީ ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމަށެވެ.
"އެއީ އާދައިގެ މުވައްޒަފުންނަށް އެކަނި އަޅާން އޮންނަ އެއްޗަކަށް ވެގެންނުވާނެ. ބޮޑެތި ބާރުގަދަ މަގާމުގައި ތިބޭއިރު ހިފަހައްޓަންޖެހޭ ސުލޫކީ މިންގަނޑުތައްވެސް މަތިވާންވާނެ،" ވައްޑެ ވިދާޅުވި އެވެ.
އަލީ ޒާހިރުގެ އެކައުންޓު ހެކްވި ކަމަށް ބުނި ނަމަވެސް އޭނާގެ އެކައުންޓަކީ ވެރިފައިޑް އެކައުންޓަކަށްވެފައި ޓުވިޓާ އެކައުންޓުތައް އެހާ ފަސޭހައިން ހެކް ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން، ހުތުރު ބަހުން ޓުވީޓުކުރީ އެކައުންޓު ހެކްވެގެން ކަމަށް ބުނެ އަލީ ޒާހިރު ހެއްދެވީ އިތުރުފުޅެއް ކަމަށް އޭރުވެސް ބައެއް ފަރާތްތަކުން ދިޔައީ ބުނަމުންނެވެ.