ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ޓުވިޓާ އެކައުންޓް ހެކްކުރި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައާ ގުޅިގެން މައުލޫމާތު ދިނުމަށް ފުލުހުން އުޒުރުވެރިވެއްޖެ އެވެ.
މިދިޔަ މާޗު މަހުގެ 22 ވަނަ ދުވަހު އަލީ ޒާހިރުގެ ޓުވިޓާ އެކައުންޓުން ވަނީ އަވަގުރާނަ ގޮވުމަށްފަހު ފަހުން އެ ޓުވީޓު ޑިލީޓުކޮށްފަ އެވެ.
އޭނާ ހުތުރު ބަސް ބޭނުންކޮށް ޓުވީޓު ކުރީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ފޯރިގަދަވެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވެފައިވަނިކޮށް، އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓަކު ކުރި ޓުވީޓަކަށް ރައްދުދެއްވައި ކުރެއްވި ޓުވީޓެއްގަ އެވެ.
އެކަން މީޑިއާތަކުން ރިޕޯޓު ކޮށް، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން ރައީސް އޮފީހުން ބުނީ ޗީފް އޮފް ސްޓާފްގެ އެކައުންޓު ހެކްވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހަށްވެސް ހުށަހަޅާފައި ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
އެހެންވެ އެ މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބެއް ބެލުމަށް މިއަދު "ދިޔަރެސް" އިން ފުލުހުންނާ ސުވާލު ކުރުމުން އަޕްޑޭޓެއް ބަލައިލުމަށްފަހު ޖަވާބުދޭނެ ކަމަށް ބުނި ނަމަވެސް ފަހުން ތަކުރާތުކުން ގުޅުމުންވެސް ފޯނަށް ޖަވާބެއް ނުދެ އެވެ.
އަލީ ޒާހިރުގެ އެކައުންޓު ހެކްވި ކަމަށް ބުނި ނަމަވެސް އޭނާގެ އެކައުންޓަކީ ވެރިފައިޑް އެކައުންޓަކަށްވެފައި ޓުވިޓާ އެކައުންޓުތައް އެހާ ފަސޭހައިން ހެކް ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
އަދި އެކައުންޓުގެ ޕާސްވޯޑު އެނގުނަސް މޯބައިލް ފޯނާއި، އީމެއިލްއަށް އަންނަ ކޯޑު ބޭނުން ނުކޮށް، އެކައުންޓަށް ނުވަދެވޭއިރު، މިގޮތަށް އެކައުންޓަށް ވަދެ ޓުވީޓު ކުރެވޭނީ އަލީ ޒާހިރުގެ ފޯނާއި އީމެއިލް ބެލުމުގެ ފުރުސަތު އޮންނަ ފަރާތަކަށް އެކަންޏެވެ.
އެހެންކަމުން، ހެކްވީ ކަމަށް ބުނެ އަލީ ޒާހިރު ހައްދަވާފައިވަނީ އިތުރުފުޅެއް ކަމަށް ބެލެވެ އެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުން މައުލޫމާތު ނުދިނުމުން އެކަން އިތުރަށް ކަށަވަރުވެ އެވެ.