Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕަބްލިކް ސާވިސް މީޑިޔާ

ޕީއެސްއަމަށް ސަރުކާރުން 62 މިލިއަން ރުފިޔާގެ އެހީ ދިނުމުންވެސް 38.17 މިލިއަންގެ ގެއްލުން

ދައުލަތުގެ މީޑިއާ ކުންފުނި ޕަބްލިކް ސާވިސް މީޑިއާއަށް 2021 ވަނަ އަހަރުގައި ސަރުކާރުގެ ފަރާތުން އެހީގެ ގޮތުގައި 62 މިލިއަން ރުފިޔާ ދިނުމުންވެސް އެ ކުންފުންޏަށް 38 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.

ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ މާލީ ޙާލަތާ ގުޅޭ ގޮތުން ކޮންމެ ކުއާޓާއެއްގައި ފިނޭންސް މިނިސްޓްރީން އާންމުކުރާ ރިޕޯޓުގައި، 2021 ވަނަ އަހަރުގެ ހަތަރު ކުއާޓާގައިވެސް ޕީއެސްއަމަށް ގެއްލުން ވެފައިވާކަން ވަނީ ހާމަކޮށްފައެވެ. އަދި އެއިން ކޮންމެ ކުއާޓާއެއްގައިވެސް އެ ކުންފުންޏަށް ދައުލަތުން އެހީގެ ގޮތުގައި ގިނަ އަދަދަކަށް ފައިސާ ފޯރުކޮށްދީފައިވާކަންވެސް އެ ހިސާބުތަކުން ދައްކައެވެ.

އެގޮތުން 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ދައުލަތުން ގުރާންޓުގެ ގޮތުގައި ޕީއެސްއަމަށް 19.4 މިލިއަން ރުފިޔާ ދިނެވެ. އެ ކުއާޓާގައި ޕީއެސްއެމަށް 5.04 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ. އަދި ޖެހިގެން އައި އަހަރުގެ ދެވަނަ ކުއާތާގައި 10.2 މިލިއަން ރުފިޔާގެ ގެއްލުން އެ ކުންފުންޏަށް ވިއިރު އެ ކުންފުންޏަށް ގުރާންޓުގެ ގޮތުުގައި 19.2 މިލިއަން ރުފިޔާ ދައުލަތުން ދިނެވެ. އަދި ތިންވަނަ ކުއާޓާގައި 12.5 މިލިއަން ރުފިޔާގެ ގެއްލުން އެ ކުންފުންޏަށްވީއިރު 17.5 މިލިއަން ރުފިޔާ ގުރާންޓުގެ ގޮތުގައި ދޫކުރިއެވެ. އަހަރުގެ ފަހު ކުއާޓާގައި އެ ކުންފުންޏަށް 8.63 މިލިއަން ރުފިޔާގެ ގެއްލުން ލިބުނެވެ. އެ ކުއާޓާގައި 6.7 މިލިއަން ރުފިޔާގެ ގުރާންޓު ސަރުކާރުން ޕީއެސްއެމަށް ދިނެވެ.

މި ހިސާބުތަކަށް ބަލާއިރު 2021 ވަނަ އަހަރުގައި ޕީއެސްއެމަށް ދައުލަތުން ގުރާންޓުގެ ގޮތުގައި ޖުމްލަ 62.8 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި މުޅި އަހަރު ނިމުނުއިރު ޕީއެސްއަމަށް ޖުމްލަ 38.17 މިލިއަން ރުފިޔާގެ ގެއްލުންވިއެވެ.

ޕީއެސްއެމަށް އަހަރުގެ ފަހު ކުއާޓާގައި ލިބުނު އާމްދަނީގެ 75% އަކީ ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމުން ލިބުނު ފައިސާ ކަމުގައި ފިނޭންސް މިނިސްޓްރީން ނެރެފައިވާ ހަތަރުވަނަ ކުއާޓާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ ހިންގުމުގެ ޚަރަދުތައް އަންނަނީ އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންނެވެ.

"ދިޔަރެސް"އަށް އިތުބާރުކުރެވޭ މަސްދަރުތަކުން ކަށަވަރުކުރެވިފައިވާ ގޮތުގައި މިހާތަނަށް އެ ކުންފުންޏަށް މަސައްކަތްކޮށްދީ އަދި ތަކެތި ސަޕްލައިކޮށްދީފައިވާ ވަރަށް ގިނަ ފަރާތްތަކަށް އެ ކުންފުނިން ދޭންޖެހޭ ފައިސާ ނުދީ އެބަހުއްޓެވެ.

މި ލިއުމާއި ގުޅޭ