އަސާސީ ޚިދުމަތްދޭ ކުންފުނިތަކުން ފައިދާ ބޮޑުކުރަން މަސައްކަތް ކުރުމުން އެކަމުގެ ބުރަ ބޮޑުވަނީ ރައްޔިތުންގެ ޖީބަށްކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މެންބަރު ޝިޔާމް މިފަދައިން ވިދާޅުވީ ރައްޔިތުން މަޖިލީހުގައި މިއަދު ޖަލްސާގައި ސަރުކާރުގެ ފަރާތުން މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ހުށަހަޅުއްވާފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
އޭނާ ވިދާޅުވީ މިކަމުގެ ސަބަބުން ރައްޔިތުންގެ ކަރަންޓު ބިލަށް ވާނެގޮތާއި ދޭތެރޭ ވިސްނައިލަން ޖެހޭކަމަށާއި ސިޔާސީ ގޮތުން މަންފާއެއް ހޯދުމަށް މިފަދަ ކަންކަން ކުރީމާ ހުރިހާ ބުރައެއް އަންނަނީ ރައްޔިތުންގެ ޖީބަށްކަމަށެވެ.
އިތުރު ވާހަކައަކަށް އަލިއަޅުއްވާލައްވައި ޝިޔާމް ވިދާޅުވީ އަސާސީ ކަންކަމުގައި އެއްވެސް ބަޔަކު ތަފާތު ނުކުރުމަކީ ވަރަށް މުހިއްމުކަމެއްކަމަށާއި ކަންކަން އެއް އުސޫލަކުން އެއް ހަމައަކުން ތަފާތުނުކޮށް ކުރަން ޖެހޭކަމަށެވެ.
"އެންމެ ގިނައިން އަޑު އިވޭ އެއް ވާހަކައަކީ އަތޮޅުތެރެއާ މާލެއާ ހިދުމަތް ހޯދާ ފަރާތްތައް ތަފާތުކުރާ ވާހަކަ، ރެގިއުލޭޓަރީ ބޮޑީއެއްގެ އިސްލާހެއް އަންނަ އިރު މިވާހަކަތައް ދައްކާލަން ޖެހޭ، ކަރަންޓު ބިލުގެ ވާހަކަ ވަރަށް ގިނައިން ދެކެވޭ" ޝިޔާމް ވިދާޅުވިއެވެ.
"ބިޒްނަސް ކެޓަގަރީ އެއްހަމައެއް ނުކުރޭ، ހެޑްލައިންތައް ހެއްދެވިޔަސް އެއް ހަމައެއް ނުކުރޭ، ފަހަރުގައި ވެދާނެ އެންމެ ދަށް ބައިން ޒީރޯ ބޭންޑުން ސަތޭކަ ބޭންޑާ ދޭތެރޭގައި އެއްހަމަކޮށްފައި ހުރީކަމަށް" ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މިހާރު އަތޮޅުތެރޭގައިވެސް ވިޔަފާރިތަކުން މާލެއެކޭ އެއްވަރަށް ކަރަންޓު ބޭނުންކުރާ ކަމަށާއި އެ ވިޔަފާރިތަކުންވެސް އޭސީ ފަދަ ކަރަންޓު ގިނައިން ހިނގާ ވަސީލަތްތައް ބޭނުންކުރާއިރު އެތަންތަނުގެ ކަރަންޓުވެސް 400 ޔުނިޓަށްވުރެ މައްޗަށް އަރާކަމަށެވެ.
އޭނާ ވިދާޅުވީ ކަންމިހެން އޮތްއިރު އަތޮޅުތެރޭގެ ރައްޔިތުންނަށް އެމީހުން ކުރާ ވިޔަފާރިތަކުން އަގުހެޔޮކޮށް ނުވަތަ މާލެއާ އެއް ހަމައެއްގައި އަގުތައް ހިފޭއްޓޭނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.
އެގޮތުން ސަރުކާރުން ސަބްސިޓީދޭކަމަށް ވާނަމަ އަދި އިތުރު ހަރަދެއް ހަކަތަ އުފުލަން ހޭދަކުރާކަމަށް ވާނަމަ އެ ސަބްސިޓީ ދީގެންވިޔަސް ހިދުމަތުގެ އަގު އެއްހަމަވާން ޖެހޭކަމަށް ޝިޔާމް ވިދާޅުވިއެވެ.