2023 ގައި ދިވެހިރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުގައި ތާއީދު ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި މާރިޔާ ވިދާޅުވީ ރައީސް ސޯލިހާއި އެކު މަސައްކަތްކޮށްފައިވާ ކަމަށާއި، އެމަނިކުފާނަކީ ވަރުގަދަ، ކެތްތެރި ލީޑަރެއް ކަމަށެވެ.
އެހެން ކަމުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔަ މިހެން ވިދާޅުވިއިރު ރައީސް ސޯލިހް ވަނީ އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެމްޑީޕީއަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެމަނިކުފާނު ހިޔާރު ކުރުންކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ރިޔާސީ އިންތިހާބަށް ޝައުގުވެރިކަންފާޅުކުރައްވާފައެވެ. އަދި އެ ޕާޓީގެ ރިޔާސީ ޓިކެޓު ދޭންވާނީ ޕްރައިމެރީއަކަށްފަހުގައި ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހަށް ތާއީދު ކުރައްވާ ފަރާތްތަކުން ދަނީ ޕްރައިމެރީއަކާއި ނުލާ ރައީސް ސޯލިހަށް ޓިކެޓު ދޭންޖެހޭނެ ކަމަށް ބުނަމުންނެވެ.