Tuesday 26th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޔޫރަޕު

އިންފްލޭޝަނާއެކު ޔޫރަޕު މީހުން މުދަލާއި ޚިދުމަތް ހޯދަން ކުރާ ހޭދަ 73.6 މިލިއަން ޑޮލަރު މަދުވާނެ

ޔޫކުރެއިން ހަނގުރާމައާއި އިންފުލޭޝަނުގެ ސަބަބުން ކުރިމަތިވެފައިވާ އިޤުތިޞާދީ ނުތަނަވަސްކަމާއެކު ޔޫރޯ ޒޯން ސަރަހައްދުގައި ދިރިއުޅޭ މީހުން މުދަލާއި ޚިދުމަތް ހޯދުމަށްކުރާ ހޭދަ ވަރަށް ބޮޑަށް ދަށްވާނެކަމަށް އެލިއާންޒް އެސްއީގެ ސާވޭއަކުން ދައްކައިފިއެވެ.

އެލިއާންޒް އެސްއީގެ އިޤުތިޞާދީ މާހިރުންގެ ޓީމަކުން ހެދި ސާވޭއިން ދައްކާ ގޮތުގައި ކޮންޒިއުމަރުންގެ އިތުބާރު ކުޑަވެ، ޔޫރޯ ޒޯނުގެ 19 ޤައުމުގައި ގޭބީސީތަކާއި ފަރުދުންކުރާ ހޭދަ 70 ބިލިއަން ޔޫރީ (73.6 ބިލިއަން ޑޮލަރު) ދަޑަށް ދާނެއެވެ. އެއީ ގޭބީސީއަކުން 500 ޔޫރޯއާ ގާތްކުރާ އަދަދެކެވެ.

މި އަންދާޒާއަކީ މި އަހަރުގެ މޭ މަހުގައި ޔޫރޯ ސަރަހައްދުގެ އެންމެ ބޮޑު ތިން އިޤުތިޞާދު ކަމުގައިވާ ޖަރުމަނާއި، ފުރާންސް އަދި އިޓަލީގައި 2،500 މީހުން ހިމަނައިގެން ހެދި ސާވޭއެއްގެ މައްޗަށް ބިނާކޮށްފައިވާ އަންދާޒާއެކެވެ.

ޔޫރޯ ޒޯނުގައި ފަރުދުންނާއި ގޭބީސީތަކުން ކުރާ ހޭދަ ދަށްވާން ފެށީ ފާއިތުވި އަހަރުގެ ފަހު ކުއާޓާގައެވެ. އަދި އެ ޚަރަދު މި އަހަރުގެ ފުރަތަމަ ކުއާޓާގައި 0.7 އިންސައްތަ ދަށަށް ގޮސްފައިވެއެވެ. އެއީ އިންފުލޭޝަން މަތިވުމުން ކަމަށް އިޤުތިޞާދީ މާހިރުން ލަފާކުރެއެވެ.

ޔޫރަޕުގެ މަރުކަޒީ ބޭންކުން މި މަހުގައި ބުނެފައިވަނީ އެ ސަރަހައްދުގެ އިންފުލޭޝަން ރޭޓު 7 އިންސައްތަ މަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އަންނަ މަހުގައި އެ ބޭންކުން ފައިސާ ދޫކުރާ އިންޓަރެސްޓު ރޭތު 0.25 އިންސައްތަ މަތިކުރާނެކަމަށްވެސް ޔޫރަޕުގެ މަރުކަޒީ ބޭންކުން ބުނެފައިވެއެވެ. މިއީ އެ ބޭންކުން 10 އަހަރު ތެރޭގައި އިންޓަރެސްޓު ރޭޓު މަތިކުރާ ފުރަތަމަ ފަހަރެވެ.

މި ސާވޭ ހެއްދެވި އިޤުތިޞާދީ މާހިރުން ލަފާކުރައްވާ ގޮތުގައި މި އަހަރުގެ ތިންވަނަ ކުއާޓާއާއި ހަތަރުވަނަ ކުއާޓާގައިވެސް މުދަލާއި ޚިދުމަތް ހޯދުމަށްކުރާ ހޭދަ ވަރަށް ބޮޑަށް މަދުވާނެއެވެ. ނަމަވެސް ހޫނު މޫސުމުގައި ދަތުރުފަތުރަށް ކުރާ ޚަރަދު ކޮންމެވެސް މިންވަރަކަށް އިތުރުވެދާނެކަމަށް އެ ބޭފުޅުން ލަފާކުރައްވައެވެ.

ގޭބީސީތަކުގެ ޟަރޫރީ ޚަރަދުތައްވެސް އުފުލޭނެކަމަށް އެ ސާވޭގައި ލަފާކުރެއެވެ. އެގޮތުން އެވެރެޖުކޮށް ކޮންމެ ގޭބީސީއަކުން ކާބޯތަކެެއްޗަށް އިތުރު 500 ޔޫރޯ ޚަރަދުކުރަންޖެހޭނެ ކަމަށާއި، ހަކަތައިގެ ޚަރަދުތަކަށް 750 ޔޫރޯ އިތުރަށް ޚަރަދުކުރަންޖެހޭނެކަމަށް އެ ސާވޭ ހެއްދެވި މާހިރުން ލަފާކުރައްވައެވެ.

މި ލިއުމާއި ގުޅޭ